ރައްޔިތުންގެ މަޖިލީހުގެ މާމީގިޅީ ދާއިރާގެ މެކްބަރު ޤާސިމް އިބްރާޙިމް ލީޑްކުރައްވާ ޖުމްހޫރީ ޕާޓީ (ޖޭޕީ)ން ކެންޑިޑޭޓެއްގެ ގޮތުގައި ޕީޕީއެމްގެ ބޭފުޅަކު ނުނެރޭނެ ކަމަށް ގާސިމް އިބްރާހީމަށް ސިޔާސީ ލަފާ އަރުއްވަމުން ގެންދަވާ އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.

ކުރިން ޕީޕީއެމްގެ ޑެޕިއުޓީ ޕީޖީ ލީޑަރުކަން ވެސް ކުރެއްވި، އިލްހާމް މިފަދައިން ވިދާޅުވީ، ގއ.ވިލިނގިލީގައި އޮތް "އިންޑިއާ އައުޓް" ހަރަކާތުގައި ޕީޕީއެމުން ކެންޑިޑޭޓަކު ނުނެރޭނެ ކަމަށް ވިދާޅުވެ ވާހަކަދައްކަވާ ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅަށް ރައްދުދެއްވަމުންނެވެ.

އެ ހަރަކާތުގައި ރައީސް ޔާމީން ވަނީ 2023 އަށް ޕީޕީއެމުން ކެންޑިޑޭޓަކު ދައްކާނެ ކަމަށާއި އަދި ޕީޕީއެމުން ގާސިމަށް ތަނަވަސް ކޮށްދޭނެ ފުރުސަތެއް ނެތް ކަމަށް ވިދާޅުވެފައެވެ.

ރިޔާސީ އިންތިހާބަށް ޕީޕީއެމުން ކެންޑިޑޭޓަކު ނުނެރޭނެ ކަމަށާ އެންމެ ފަހު ވަގުތު ޕީޕީއެމްގެ ތާއީދު ލިބޭނީ ގާސިމް އިބްރާހީމަށް ކަމަށް ބައެއް ބޭފުޅުން ރައްޔިތުން ކައިރީ ބުނަމުންދާ ކަމަށާ ނަމަވެސް އެއީ ރައްޔިތުންނަށް އޮޅުވާލުމަށް ދައްކަމުން ދެކޮޅު ނުޖެހޭ ވާހަކަތަކެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެ ވާހަކަތަކަށް ރައްދުދެއްވައި އިލްހާމް ވިދާޅުވީ، ބޮޑާކަމާއި ކިބުރުވެރި ކަމަކީ الله ރުހިވޮޑިގެންނަވާ ކަމެއްނޫން ކަމަށާއި ޖޭޕީއަކުން ކެންޑިޑޭޓެއްގެ ގޮތުގައި ޕީޕީއެމްގެ ބޭފުޅަކު ނުނެރޭނެ ކަމަށެވެ.

ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، ފާޑުކިޔުންތެރިންގެ ތެރޭގައި ޖޭޕީގެ އާންމު މެމްބަރުންނާއި ކައުންސިލްގެ މެމްބަރުން ވެސް ހިމެނިވަޑައިގަންނަވައެވެ.

އެގޮތުން، ރައީސް ޔާމީނަށް ފާޑުވިދާޅުވީ އެއް ބޭފުޅަކީ ޖޭޕީގެ ކައުންސިލް މެމްބަރު މުހައްމަދު އަދުހަމްއެވެ. އަދުހަމް ވިދާޅުވީ، އަދުގެ ސިޔާސީ މައިދާނުގައި ހުރި އެންމެ ބުރަދަން ބޮޑު ލީޑަރަކީ ޤާސިމް އިބްރާހިމް ކަން ޚުދު ޔާމީނަށް ވެސް ޔަގީންވާނެ ކަމަށެވެ.

ދެން މުޅިންވެސް ސިޔާސީ މައިދާނުގަ ތިބީ ތަންދޮރު ނޭނގޭ މީހުންކަން އެބޭފުޅާއަށްވެސް އެގިލައްވާނެ ކަމަށް އަދުހަމް ވިދާޅުވިއެވެ.

އަދުހަމް ވިދާޅުވީ، އިންސާނާ އަބަދުވެސް ބަސްބުނެ އުޅޭނީ ވާދަވެރި މާހައުލުގައި ތިމާ ވާދަކުރަންޖެހޭނެ ކަމަށް ދެކޭ މީހާއަށް ކަމަށެވެ.