މެދުއިރުމަތީގައި ފަތުރުވެރިކަމާ ގުޅުން ހުރި ހިދުމަތްތައް ފޯރުކޮށްދޭ ސީރާ ގްރޫޕްގެ ފްލޭގްޝިޕް ކޮންސިއުމަރ ޓްރެވަލް ބްރޭންޑް އަލްމޮސާފާއާއެކު އެމްއެމްޕީއާރުސީން މާކެޓިން ކެމްޕެއިނެއް ފަށައިފިއެވެ.

ސީރާ ގްރޫޕަކީ މެދުއިރުމަތި އަދި އުތުރު އެފްރިކާގައި ފަތުރުވެރިކަމާ ގުޅޭ އެކި ހިދުމަތްތައް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ އެންމެ ބޮޑު އެއް ކުންފުންޏެވެ.

ސީރާ ގްރޫޕާއެކު އެމްއެމްޕީއާރުސީން ކުރިއަށް ގެންދާ ކެމްޕެއިންގެ ދަށުން ރާއްޖެއާ ބެހޭ އެންމެ ފަހުގެ މައުލޫމާތު އެކި ބާވަތުގެ ކޮންޓެންޓު މެދުވެރިކޮށް މި މާކެޓުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ފަތުރުވެރިންނާ ހިއްސާކުރާނެއެވެ.

އެގޮތުން ޓުވިޓަރ، އިންސްޓަގްރާމް، އަދި ސްނެޕްޗެޓްގައި ރާއްޖެއާއި ގުޅުން ހުރި އެކި ކޮންޓެންޓު ސީރާއިން މި ކެމްޕެއިންގެ ތެރެއިން ހިއްސާކުރާނެއެވެ. އަދި 2 ހަފްތާގެ މި ކެމްޕެއިން ކުރިއަށް ގެންދާނީ ފެބުރުއަރީ 25 ވަނަ ދުވަހުން މާރޗް 11 ވަނަ ދުވަހަށެވެ.

މި ކެމްޕެއިންގެ މައިގަނޑު މަގްސަދަކީ މެދުއިރުމަތި އަދި ސައުދީ މާކެޓުގައި ރާއްޖެއަކީ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި އެއް މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރުމެވެ. އަދި މި ގޮތުން މި ކެމްޕެއިންގެ ދަށުން ރާއްޖޭގެ އެންމެ ފަހުގެ މައުލޫމާތާއި، ޓްރެވަލް ގައިޑްލައިންސް، މި މާކެޓްގެ ދަތުރުފަތުރު ކުރުމަށްޝައުގުވެރިވާ ފަރާތްތަކާ ހިއްސާކުރާނެއެވެ.

މިކަމުގެ ސަބަބުން މި މާކެޓުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެކަމަށް ބެލެވެއެވެ. އަދި މި ކެމްޕެއިންގެ ތެރޭއިން ސޯޝަލް މިޑިއާގައި ހިއްސާކުރާ ރާއްޖޭގެ އިޝްތިހާރާއި މައުލޫމާތުން 5 މިލިއަން އިންޕްރެޝަންސް ލިބޭނެކަމަށް އެމްއެމްޕީއާރުސީން ވަނީ އަންދާޒާކޮށްފައެވެ.

މިއީ، މެދުއިރުމަތީގެ މާކެޓަށް ވިޒިޓް މޯލްޑިވްސްއިން ގެންގުޅޭ މާކެޓިން ސްޓްރެޓަޖީގެ ދަށުން ހިންގާ ކެމްޕެއިނެކެވެ. މި ސްޓްރެޓަޖީގެ ދަށުން ރާއްޖެއަކީ މި މާކެޓުގެ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި ޕްރޮމޯޓްކޮށް ރާއްޖޭގެ ރިސޯޓް، ހޮޓެލް، ގެސްޓްހައުސް އަދި ލިވަބޯޑުތަކާއި، މިތަންތަނުގައި އެޅިފައިފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ސައުދީ އަދި މެދުއިރުމަތީގެ މަތީ ފަންތީގެ ފަތުރުވެރިންނާއި، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް މާކެޓްކުރާނެއެވެ.