ވަރުގަދަ ރަޝިޔާއާ ދެކޮޅަށް ޔޫކްރެއިނުން ކުރަމުންދާ ހަނގުރާމައިގައި ޔޫކްރެއިނަށް އެހީތެރިވުމުގެ ގޮތުން، އެމެރިކާއާއި، ހުޅަނަގުގެ ގައުމުތަކުން ޔޫކްރެއިނަށް އެންމެ ޒަމާނީ އަސްކަރީ ހަތިޔާރާއި މަދަދު ފޯރުކޮށްދިނުމުގެ މަސައްކަތް ފަށައިފިއެވެ.

ފަރަންސޭސި ރިޔާސަތުން ނެރުނު ބަޔާނެއްގައި ބުނީ، ޔޫކްރެއިނަށް އެހީވުމަށް އަސްކަރީ އިތުރު އާލާތާއި ތެޔޮ ފޮނުވަން ތައްޔާރުވަމުންދާ ކަމަށެވެ.

ޔޫރަޕިއަން ކައުންސިލްގެ ރައީސް ޗާރލްސް މިޝެލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ޔޫކްރެއިނަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމަށް އީޔޫއިން މަގުފަހިކޮށްދޭނެ ކަމަށެވެ.

އަނެއްކޮޅުން، ރަޝިޔާގެ އުދުވާނާ ދެކޮޅަށް މަސައްކަތް ކުރުމަށް ޔޫކްރެއިނަށް މަދަދާއި އެހީތެރިކަން ދިނުމުގެ ގޮތުން އިތުރަށް އަޅާނެ ފިޔަވަޅުތަކާ މެދު މަޝްވަރާ ކުރުމަށް އީޔޫގެ ގައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ވާޗުލް ބައްދަލުވުމެއް އާދީއްތަ ދުވަހަށް މިހާރުވަނީ ތާވަލް ކޮށްފައެވެ.

ނެދަރލޭންޑްސްގެ ދިފާއީ ވުޒާރާއިން ބުނެފައިވަނީ، ޓޭންކާ ދެކޮޅަށް ބޭނުންކުރާ ހަތިޔާރު އެގައުމުން ޔޫކްރެއިންަށް ފޯރުކޮށްދޭނެ ކަމަށެވެ. އެގޮތުން ޓޭންކާ ދެކޮޅަށް ބޭނުންކުރާ ޚާއްސަ 50 ހަތިޔަރާއި، 400 ރޮކެޓް ޔޫކްރެއިނަށް ފޮނުވާނެ ކަމަށް ނެދަރލޭންޑްސްގެ ދިފާއީ ވުޒާރާއިން ޕާލަމެންޓަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވެއެވެ.

ޖަރުމަނު ސަރުކާރުންވެސް މިހާރުވަނީ، ޓޭންކާ ދެކޮޅަށް ބޭނުންކުރާ ހަޔިޔާރުގެ ބެޗެއް ޔޫކްރެއިނަށް ފޮނުވަން ފާސްކޮށްފައެވެ. އެގޮތުން، ޓޭންކާ ދެކޮޅަށް ބޭނުންކުރާ 1،000 ހަތިޔާރާއި، ބިމުން ވަޔަށް ފޮނުވާލާ 500 މިސައިލް ދޭން ޖަރުމަނުން ވަނީ ނިންމާފައެވެ.

ޖަރުމަނުގެ ޗާންސެލަރ އޮލާފް ޝޮލްޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ރަޝިޔާގެ އުދުވާނުގެ ކުރިމަތީގައި ޔޫކްރެއިންއަށް އެހީތެރިވުމަކީ ވާޖިބެއް ކަމަށެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެންވަނީ، ޔޫކްރެއިންއަށް އިތުރު 350 މިލިއަން އެމެރިކާ ޑޮލަރުގެ އަސްކަރީ އެހީ ދިނުމަށް ހުއްދަ ދެއްވާފައެވެ. އެމެރިކާއިން ފޯރުކޮށްދޭ ހަތިޔާރުގެ ތެރޭގައި ރަޝިޔާ ސިފައިންގެ ފަރާތުން އެއްގަމާއި އަދި ވައިގެމަގުން ޔޫކްރެއިނަށް ކުރިމަތިވަމުންދާ ނުރައްކާތަކާ ދެކޮޅަށް ބޭނުންކުރެވޭނެ ޒަމާނީ ނުރައްކާތެރި ހަތިޔާރުވެސް ހިމެނެއެވެ.

ރަޝިޔާ ސިފައިން ޔޫކްރެއިންގެ ވެރިރަށް ކިޔޭވް ހިފަން މަސައްކަތް ކުރަމުން ގެންދާއިރު، ޔޫކްރެއިން ސިފައިން ގެންދަނީ ރަޝިޔާ ސިފައިންނަށް ވަރުގަދަ ހަމަލާތަކެއްވެސް ދެމުންނެވެ. ރަޝިޔާ ސިފައިން ކުރިއެރިޔަ ނުދޭން ޔޫކްރެއިންގެ އާންމުންވެސް ހަމަލާތަކުގައި ބައިވެރިވަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ޔޫކްރެއިންގެ ރައީސް ޒެލެންސްކީގެ މުޝީރެއް ކަމަށްވާ އޮލެކްސީ އެރެސްޓޮވިޗް ވިދާޅުވީ، ޔޫކްރެއިން ސިފައިން ކިޔޭވްގެ ރަށްބޭރުން ދެމުންގެންދާ ހަމަލާތައް ވަރުގަދަ ކަމުން، މިރެއަށް އިރު އޮއްސުނުއިރު، ކިޔޭވަށް ވަންނަން ރަޝިޔާ ސިފައިން ދެމުން އައި ހަމަލާތައް ހުއްޓާލައި ކުރިއެރުން މަޑުޖެހިފައިވާ ކަމަށެވެ.

ޔޫކްރެއިންގެ ސިފައިންގެ ހަމަލާތަކުގައި ރަޝިޔާ ސިފައިންގެ ގާތްގަނޑަކަށް 3،500 ސިފައިން މަރުވެ ނުވަތަ ޒަޚަމްވެފައިވާ ކަމަށްވެސް އޮލެކްސީ ވިދާޅުވިއެވެ. ނަމަވެސް، މިވާހަކައަށް ރަޝިޔާއިން އެއްވެސް އެއްޗެއް ނުބުނެއެވެ.

މަސްރަހް ދިރާސާ ކުރައްވާ އެނަލިސްޓަކު ވިދާޅުވެފައިވަނީ، ޔޫކްރެއިނުން ރަޝިޔާއަށް ކުރިމަތިލާން ޖެހިފައިވަނީ އެމީހުން އުންމީދުކުރި ކަހަލަ ކަންތައްތަކެއް ނޫނެވެ.

އެނަލިސްޓް ވިދާޅުވީ، އަސްކަރީގޮތުން ބަލާއިރު ރަޝިޔާއަށް ބޮޑެތި އެޑްވާންޓޭޖްތަކެއް ހުރި ނަމަވެސް، ސިފައިން މަރުވުމާއި، ސިފައިންގެ އިސް ވެރިންގެ ބަޔަކާއި އިތުރު ސިފައިން ޔޫކްރެއިންގެ އަތްދަށުވުމަކީ ރަޝިޔާއަށް ކުރިމަތިވި ނާއުންމީދެއް ކަމަށެވެ.

ރަޝިޔާއިން ޔޫކްރެއިނަށް ވަދެފައިވަނީ ސަރަހައްދީ އިމަށް ޖަމާކުރި ސިފައިންގެ ދެބައިކުޅަ އެއްބައިކަމުން، އިމުގައި ތިބި ސިފައިން ވަދެއްޖެނަމަ ރަޝިޔާގެ ބާރު ދައްކާލާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.