ރަޝިޔާ ސިފައިންގެ ނިއުކްލިއަރ ހަތިޔާރާބެހޭ ޚާއްސަ ފައުޖު ތައްޔާރީ ހާލަތަށް ގެނައުމަށް ރަޝިޔާގެ ރައީސް ލަޑީމިއަރ ޕޫޓިން އަމުރު ކުރެއްވުމާ ގުޅިގެން އެމެރިކާއިން ވަރަށް ބޮޑަށް ޕޫޓިންއަށް ނުރުހުން ފާޅުކޮށްފިއެވެ.
ވައިޓްހައުސްގެ ޕްރެސް ސެކްރެޓަރީ ޖެން ޕްސާކީ ވިދާޅުވީ، ޕޫޓިން ގެންދަނީ ޔޫކްރެއިންގައި ހިންގަމުންގެންދާ އުދުވާނާ ގުޅުވައި ބިރުވެރިކަން އުފެއްދުމަށް މަސައްކަތް ކުރަމުން ކަމަށެވެ. ޔޫކްރެއިންގައި އަނިޔާވެރިކަން އިތުރު ކުރަންޖެހޭ އެއްވެސް ހުއްޖަތެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.
ރަޝިޔާގެ ނިއުކްލިއަރ "ޑިޓަރެންސް ފޯރަސަސް" އެންމެ މަތީ އެލަޓަށް ގެނައުމަށް ދިފާއީ ވަޒީރަށާއި، ޗީފް އޮފް ޖެނެރަލް ސްޓާފަށް އަމުރު ކުރެއްވުމަށްފަހު ޕޫޓިން ވަނީ، ހުޅަނގުގެ ގައުމުތަކުން ރަޝިޔާއާ ދެކޮޅަށް ބީރަށްޓެހި ފިޔަވަޅުތައް އަޅަމުން ގެންދާ ކަމަށް ވިދާޅުވެ އެކަން ކުށްވެރި ކުރައްވާފައެވެ. ހުޅަނގުން ރަޝިޔާއާ ދެކޮޅަށް އަޅަމުންގެންދާ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކަކި ޣައިރުގާނޫނީ ފިޔަވަޅުތަކެއް ކަމަށް ޕޫޓިން ވިދާޅުވިއެވެ.
ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ހަމަލާތައް ދޭންފެށި މައްސަލާގައި ދުނިޔޭގައި ކަންބޮޑުވުން އުފެދިފައި ވަނިކޮށް، ނިއުކްލިއަރ ފައުޖު އެލާޓަށް ގެނައުމަށް ޕޫޓިން އަމުރު ކުރެއްވުން ކަންބޮޑުވުންތައް އިހުނަށްވުރެ މައްޗަށް ގޮސްފައި ވެއެވެ.
ދުނިޔޭގައި ދެވަނައަށް އެންމެ ގިނައިން ނިއުކްލިއަރ ހަތިޔާރާއި، ބެލިސްޓިކް މިސައިލްގެ ބޮޑު ސްޓޮކެއް ރަޝިޔާގައި އެބަހުއްޓެވެ. ނިއުކްލިއަރ "ޑިޓަރެންސް ފޯރަސަސް" ގެ މައިބަދައަކީ އެއީއެވެ.
ނޭޓޯގެ ވެރިޔާ ޖެންސް ސްޓޮލްޓެންބަރގް ވިދާޅުވީ، ނިއުކްލިއަރ ފައުޖު އެލާޓަށް ގެނައުމަށް ޕޫޓިން ނިންމެވި ނިންމެވުމަކީ ވަރަށް ޒިންމާދާރުކަންކުޑަ ނިންމެވުމެއް ކަމަށެވެ. މިއީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.