މިދިޔަ މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި 195 ކުދިން ތިބިކަމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ހާމަކޮށްފިއެވެ.
ޖެންޑަރ މިނިސްޓްރީން ޢާއްމުކޮށްފައިވާ ޖެނުއަރީ މަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަމަހު ޖެންޑަރ މިނިސްޓްރީން ދައުލަތުގެ ބެލުމުގެ ދަށުގައި 195 ކުދިން ތިބިކަން ހާމަވެއެވެ. އެއީ 89 އަންހެން ކުދިންނާއި 106 ފިރިހެން ކުދިންނެވެ.
އަދި ޖެނުއަރީ މަހު 6 ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައިވާއިރު 8 ކުދިން ވަނީ ރީއިންޓަރގްރޭޓް ކޮށްފައި ކަމަށްވެސް މި ތަފާސްހިސާބުން ބުނެއެވެ.
ޖެންޑަރ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި މިދިޔަ ޖެނުއަރީ މަހު ޖެންޑަރ މިނިސްޓްރީއަށް ހުށައަޅާފައިވަނީ ޖުމްލަ 254 މައްސަލައެކެވެ. އޭގެ ތެރޭގައި ކުޑަކުދިންނަށް ކުރާ އަނިޔާގެ 105 މައްސަލައަކާއި ގެވެށި އަނިޔާގެ 56 މައްސަލައެއް ހިމެނެއެވެ.
ޖެންޑަރ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ޑިސެމްބަރު މަހު ކުޑަކުދިންނަށް ކުރި އެކި ބާވަތުގެ އަނިޔާގެ 104 މައްސަލައެއް އެ މިނިސްޓްރީއަށް ހުށަހަޅާފައިވެއެވެ. ޖެނުއަރީ މަހު ޖެންޑަރ މިނިސްޓްރީއަށް ހުށަހަޅާފައިވަނީ މިބާވަތުގެ 105 މައްސަލައެވެ.
ޖެނުއަރީ މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު ކުޑަކުދިންނަށްކުރާ އަނިޔާގެ ތެރެއިން އެންމެ ގިނައިން ހުށައަޅާފައިވަނީ ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ މައްސަލަތަކެވެ. މިބާވަތުގެ 21 މައްސަލައެއް ވަނީ ހުށައަޅާފައެވެ. ހަމައެއާއެކު އިހުމާލުވުމުގެ 20 މައްސަލައަކާއި ޖިންސީ ހާނިއްކައިގެ 20 މައްސަލައެއް ވަނީ ހުށައަޅާފައެވެ.
އޭގެއިތުރުން ޖިސްމާނީ ހާނިއްކައިގެ 14 މައްސަލައަކާއި ނަފްސާނީ ހާނިއްކައިގެ 10 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އަދި އެހެން ކުދިންގެ ފަރާތުން ގަނާކުރުމުގެ 3 މައްސަލައެއްވެސް އެ މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ.
އަދި ޖިންސީ ހާނިއްކައިގެ 20 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. މީގެއިތުރުން ނަހަމަ ގޮތުގައި ކުދިން ބޭނުންކުރުމުގެ 6 މައްސަލައެއްގެ އިތުރުން ނަހަމަ ގޮތުގައި ވިޔަފާރީގެ ފައިދާއަށް ކުދިން ބޭނުންކުރުމުގެ 11 މައްސަލައެއްވެސް އެ މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ.
ކުޑަކުދިންގެ މައްސަލަތަކުގެ ތެރޭގައި ކުދިންގެ އަޚުލާގާ ގުޅުންހުރި 13 މައްސަލައެއް މިދިޔަ މަހު ވަނީ ޖެންޑަރ މިނިސްޓްރީއަށް ހުށަހަޅާފައެވެ. އަދި އަމިއްލަ ނަފްސަށް ގެއްލުންދިނުމާ ގުޅޭ 11 މައްސަލައެއް މިދިޔަމަހު މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ.
މީގެ އިތުރުން ކުޑަކުދިންނަށް ލިބިގެންވާ ހައްގުތަކުން އެކުދިން މަހުރޫމުކުރުމުގެ 13 މައްސަލައެއް ވެސް ވަނީ ޖެންޑަރ އަށް ހުށަހަޅާފައެވެ.
މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ޖެންޑަރ މިނިސްޓްރީއަށް ހުށަހަޅާފައިވާ 254 މައްސަލައިގެ ތެރޭގައި އާއިލީ މައްސަލައިގެ 38 މައްސަލައަކާއި ގެވެށި އަނިޔާގެ 56 މައްސަލައެއް ހިމެނެއެވެ.
މީގެ އިތުރުންވެސް އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ މައްސަލައިގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން 18 މައްސަލައެއް ހުށަހަޅާފައިވެއެވެ.