ރާއްޖޭގެ ބޮޑު ދެ ފުޓުބޯޅަ ކުލަބުކަމަށްވާ ވިކްޓްރީ އަދި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ އިތުރުން އެހެން ކުލަބެއްގެ ދަރަންޏާއިވެސް، ކުޅިވަރާ ބެހޭ މިނިސްޓްރީން ހަވާލުވެ އެ ދަރަނި އަދާކުރުމަކީ ވާނެކަމެއް ނޫންކަމަށް ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު މުހައްމަދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މިނިސްޓަރ މަހްލޫފް މަޖިލީހަށް ހާޒިރުވެވަޑައިގެންނެވީ ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުالله ރިޔާޟް ކުރައްވާ ސުވާލަށް ޖަވާބުދެއްވުމަށެވެ.
މިނިސްޓަރ އާއި އިތުރު ސުވާލު ކުރުމުގެ ފުރުސަތު މަޖިލީހުގެ ރިޔާސަތުން ދެއްވުމުން ގިނަ މެމްބަރުންތަކެއް ވަނީ އެ މެމްބަރަކު ތަމްސީލުކުރައްވާ ދާއިރާތަކުގައި މިނިސްޓްރީގެ ފަރާތުން ހިންގާ މަޝްރޫޢުތަކާއި ގުޅޭގޮތުން ސުވާލު ކުރައްވާފައެވެ.
އެހެންނަމަވެސް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު ސުވާލު ކުރެއްވީ ރާއްޖޭގެ އެންމެ ދުވަސްވީ ދެ ކްލަބް، ނިއު ރޭޑިއަންޓާއި ވިކްޓަރީ ސަސްޕެންޑްކޮށްފައި އޮތުމުން އެކަން ހައްލު ކުރުމަށް ކުރަމުންދާ މަސައްކަތަކީ ކޮބައިތޯއެވެ.
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ މަހްލޫފް ވިދާޅުވީ، ރާއްޖޭގެ ކުލަބުތަކަކީ އެކުލަބެއްގެ އެކްސްކޯ އެއް އޮވެގެން ހިންގަމުންދާ މިނިވަން ކުލަބުތަކެއް ކަމަށެވެ. އަދި ވިކްޓްރީ އާއި ނިއުރޭޑިއެންޓަށްވެސް ކުރިމަތިވެފައިވާ ހާލަތަކީ ގިނަ އަދަދެއްގެ ދަރަނިތަކެއް އޮތުމުގެ ސަބަބުން ކުރިމަތިވެފައިވާ ހާލަތެއް ކަމަށާއި، ހާލަތު ބަދަލުކުރުމަށް މިނިސްޓްރީ އަށް ދަރަނިތަކާއި ހަވާލު ނުވެވޭނެކަން މިނިސްޓަރ ގެ ވާހަކަފުޅުން ހާމަވިއެވެ.
މީގެއިތުރުން މިނިސްޓަރ މަހްލޫފް ވަނީ މީގެކުރިން ވިކްޓްރީ ދަރަނިން ސަލާމަތް ކޮށްދިނުމުގެ ބޭނުމުގައި އެކުލަބަށް ވަކިން އެހީނުވެ، އެހެންކުލަބުތަކަށްވެސް އެހީތެރިވެގެން މިނިސްޓްރީގެ ފަރާތުން ވިކްޓްރީ އަށް އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށެވެ. އަދި އެއީ ވިކްޓްރީން ދަރަނި އަދާކުރާނެ ކަމުގެ ޔަގީންކަން ދިނުމުން ވި އެހީތެރިކަމެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
އަދި ކުލަބުތައް މިހާރު ވެއްޓިފައިވާ އަނދަވަޅުތަކަކީ ކުރިން ކުލަބުތަކާއި ހަވާލުވެގެން ހުރި ފަރާތްތަކުން ވައްޓާލި އަނދަވަޅެއްކަމަށް މިނިސްޓަރ މަހްލޫފް ވިދާޅުވިއެވެ. އަދި އޭރު ކަންވެފައި އޮތްގޮތުން މިހާރު ކުލަބުތަކަށް އެހީވާން ދަތިތަކެއް ހުރިކަމަށާއި، އެހީވިޔަސް ކުލަބުތަކުން އެ ފައިސާ ދަރަނި އަދާކުރުމަށް ބޭނުންކުރާނެ ކަމާއިމެދު ސުވާލު އުފެދޭކަން މިނިސްޓަރ ގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އެންމެ ކާމިޔާބު ކްލަބް، ނިއު، ސަސްޕެންޑް ކުރުމަށް އެފްއޭއެމުން ނިންމީ 2019 ވަނަ އަހަރު ޖެނުއަރީގައެވެ. އެންމެ ފުރަތަމަ އެގޮތަށް ނިންމީ އެފްއޭއެމްގެ އެކްސްކޯ އިންނެވެ. އެނިންމުން އެ އަހަރުގެ ކޮންގްރެސްގައި ކްލަބުތަކުން ވަނީ ފާސްކޮށްފައެވެ. އަދި އޭގެފަހުން ތިން ފަހަރެއްގެ މަތިން ސަސްޕެންޝަން ދަމަހައްޓަން ކްލަބްތަކުން ވަނީ ފާސްކޮށްފައެވެ. ނިއު އޮތީ އެފްއޭއެމްގެ އިތުރުން ފީފާގެ ވެސް ސަސްޕެންޝަނެއްގައެވެ.
ތަކުރާރުކޮށް އެކި ފުރުސަތު ދީގެން ވެސް ވިކްޓްރީގެ ކަންކަން ރަނގަޅު ނުކުރުމުން ސަސްޕެންޑް ކުރީ 2019 ޑިސެމްބަރުގައެވެ. ވިކްޓްރީގެ ސަސްޕެންޝަން ވަނީ މިދިޔަ މުއްދަތުގައި ކްލަބްތަކުން ކޮންގްރެސްގައި ދަމަހައްޓައިފައެވެ.