އޭވިއޭޝަން ދާއިރާއަކީ ބައިނަލްއަޤްވާމީ އަދި ދިވެހިރާއްޖޭގެ ފަތުރުވެރިކަން ކުރިއަރައި ފުޅާވުމުގެ ފަހަތުގައިވާ އަސާސީ އެއް ތަނބުކަމަށް މޯލްޑިވްސް މާކެޓިން އެންޑްޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ ވިޒިޓް މޯލްޑިވްސް) ގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިން ޑިރެކްޓަރ ތައްޔިބް މުހައްމަދު ވިދާޅުވެއްޖެއެވެ.

ތައްޔިބް މިހެން ވިދާޅުވީ، ދުބާއީގައި ކުރިއަށްދާ 9 ވަނަ އަރަބް އޭވިއޭޝަން ސަމިޓްގެ ތެރެއިން ކުރިއަށްދިޔަ ޕެނަލް ޑިސްކަޝަނެއްގައި ވާހަކަ ދައްކަވަމުންނެވެ.

މި ޕެނަލްގައި ވާހަކަ ދައްކަވަމުން ތޮއްޔިބް ވިދާޅުވީ، ވޭތުވެދިޔަ ދެއަހަރަކީ މުޅި ދުނިޔޭގެ ހާލަތު ބަދަލުކޮށްލި ދެއަހަރު ކަމަށާއި، ހާއްސަކޮށް ފަތުރުވެރިކަމާއި، އޭވިއޭޝަންގެ ދާއިރާއަށް ބޮޑު ބަދަލުތަކެއް މި ދެއަހަރު ތެރޭގައި އައިސްފައިވާ ކަމަށެވެ.

އޭވިއޭޝަން އަދި ފަތުރުވެރިކަމުގެ ދާއިރާއަކީ ވޭތުވެދިޔަ ދެއަހަރު އެންމެ ބޮޑަށް އަސަރުކުރި ދެދާއިރާކަން ފާހަގަކުރައްވަމުން ތައްޔިބް ވިދާޅުވީ ބައިނަލްއަޤްވާމީ ފެންވަރުގައި މިކަމުން އަރައިގަތުމަށް ކުރެވުނު ބުރަ މަސައްކަތްތަކުގެ ސަބަބުން މިހާރު މިދާއިރާތައް ރިކަވަރ ވަމުންދާ ކަމަށެވެ.

މީގެއިތުރުން، އޭވިއޭޝަން ދާއިރާއަކީ ބައިނަލްއަޤްވާމީ ފަތުރުވެރިކަން ކުރިއަރާ ފުޅާވުމުގެ ފަހަތުގައިވާ އެއް އަސާސީ ދާއިރާކަމުގައި ފާހަގަކުރައްވާ ވާހަކަ ދައްކަވަމުން ތައްޔިބް ވިދާޅުވީ، ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް އޭވިއޭޝަން އަދި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅިގެން ގާތުން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

ތަައްޔިބް ވިދާޅުވީ ޕެންޑަމިކްގެ ފުރަތަމަ ކޮޅު އެމްއެމްޕީއާރުސީގެ އަމާޒަކަށްވީ ބައިނަލްއަޤްވާމީ އެއަރލައިން ތަކާއެކު އޮތް ގުޅުން ދަމަހައްޓައި އިތުރަށް ބަދަހިކުރުމަށް ކަމަށެވެ.

މިއަދު ރާއްޖެއަށް ޖުމްލަ 35 ބައިނަލްއަޤްވާމީ އެއަރލައިނެއް އޮޕަރޭޓް ކުރަމުންދާ ކަންވެސް އޭނާ ފާހަގަކުރެއްވިއެވެ

ތައްޔިބް ވިދާޅުވީ މެދުއިރުމައްޗަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ބާރު ދުވެލީގައި ކުރިއަރަމުންމުން އަންނަ މާކެޓެއް ކަމަށާއި، މިއީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މައި ހަބެއް ކަމަށެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް މެދުއިރުމަތީގެ މައި އެއަރލައިންތައް އޮޕަރޭޓްކުރާކަން ތައްޔިބް ފާހަގަކުރެއްވިއެވެ.

އެގޮތުން އެމިރޭޓްސް އެއަރލައިންސް، ގަތަރު އެއަރވޭސް، ފްލައި ދުބާއީ، އެތިހާދު އެއަރވޭސް އަދި ގަލްފް އެއަރ ކޮންމެ ހަފްތާއަކު ރާއްޖެއަށް ގިނަ ދަތުރުތައް ކުރާކަމަށެވެ.