ޕްލާސްޓިކާއި ދެކޮޅަށް މަސައްކަތްކުރުމަށްޓަކައި ރާއްޖޭގެ ތާއިދާއެކު، ބައިނަލްއަގްވާމީ މުއާހަދާއެއް އެކުލަވާލުމަށް ފާސްކޮށްފިއެވެ.
މިކަން ފާސްކޮށްފައިވަނީ ކެންޔާގެ ވެރިރަށް ނައިރޯބީގައި މިހާރު ކުރިއަށްދާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމަންޓް އެސެމްބްލީގެ 5 ވަނަ ސެޝަންގައެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން މައުލޫމާތު ދޭގޮތުގައި، ދުނިޔޭގެ 193 މެންބަރު ޤައުމުތަކުން ބައިވެރިވާ މި ބައްދަލުވުމުގައި ޕްލާސްޓިކުގެ ޒަރިއްޔާއިން ތިމާވެއްޓަށް ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ޤާނޫނީ ބާރު ލިބިދޭ މުއާހަދާއެއްގެ ބޭނުންތެރިކަން ފާހަގަކޮށް ރިޒޮލިއުޝަނެއް ހުށަހަޅާފައިވެއެވެ.
އެ ރިޒޮލިއުޝަނަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތާއީދުކޮށްފައިވާ ކަމަށާއި، ގާނޫނީ ބާރު ލިބިދޭ އެފަދަ މުއާހަދާއެއް އެކުލަވާލުމުގައި އެއްބަސްވާ 81 މެމްބަރު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ.
އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކުގެ ސަބަބުން ދުނިޔޭގައި ކުރިމަތިވަމުންދާ ތިމާވެށީގެ މައްސަލަތަކަށް ބައިނަލްއަގްވާމީ ފެންވަރުގައި އެއްބަސްވުމެއް އޮތުމުގެ ބޭނުންތެރިކަމާއިމެދު ގިނަ ގައުމުތަކުން އެއްބަސްވާ ކަމަށްވެސް ވަނީ ބުނެފައެވެ.
ރާއްޖެއިން އިސްނަގައިގެން ގައުމީ ފެންވަރުގައި ތަންފީޒު ކުރަމުންދާ ސިންގަލްޔޫސް ޕްލާސްޓިކު ފޭސްއައުޓް ޕްލޭންގެ މައުލޫމާތު މި ބައްދަލުވުމުގެ މެމްބަރު ގައުމުތަކުގެ އިސްވެރިންނާއި ހިއްސާކޮށްފައިވެއެވެ.
މިނިސްޓްރީން ބުނީ، ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމަންޓް އެސެމްބްލީގެ ފަސްވަނަ ސެޝަންގައި ޕްލާސްޓިކާއި ދެކޮޅަށް މަސައްކަތް ކުރުމަށް އެކުލަވާލުމަށް އެއްބަސްވެވުނު މި ބައިނަލްއަގްވާމީ މުއާހަދާގައި ޕްލާސްޓިކު އުފެއްދުމާއި ބޭނުންކުރުމާއި މިތަކެތި ކުނީގެ ގޮތުގައި ނެތިފާނެވެގެން ދިޔުމާހަމައަށް އެކި މަރުހަލާތަކުގައި ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތައް ކުޑަ ކުރުމަށް އަލިއަޅުވާލެވިގެންދާނެ ކަމަށެވެ.
މީގެއިތުރުން، ބައިނަލްއަގްވާމީ ފެންވަރުގައި ވަށާޖެހޭ އިގްތިސާދު ކުރިއަރުވައި ޕްލާސްޓިކު ބޭނުން ކުރެވޭ މިންވަރު މަދުކޮށް، އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކުގެ އަލުން ބޭނުންކުރެވޭ، މިފަދަ މުއާހަދާއެއް އޮތުމަކީ ދިވެހިރާއްޖެފަދަ ކުރިއަރަމުން އަންނަ ގައުމުތަކަށް ޕްލާސްޓިކުގެ ސަބަބުން ލިބޭ ގެއްލުންތަކަށް ހައްލުހޯދުމަށް ބައިނަލްއަގްވާމީ ފެންވަރުގައި މަސައްކަތްކުރުމަށް އެޅިގެންދާނެ ވަރުގަދަ ފިޔަވަޅެއް ކަން މިނިސްޓްރީން ފާހަގަކުރެއެވެ.
ހަމަމިއާއެކު ރައްކާތެރިގޮތުގައި ކެމިކަލް އަދި ކުނި މެނޭޖްކުރުމަށް ބާރުއަޅާ ރިސޮލިއުޝަނެއްވެސް މި އެސެމްބްލީއަށް ހުށައަޅާފައިވެއެވެ.
މިއެސެމްބްލީއަކީ ދުނިޔޭގެ ތިމާވެށީގެ ކަންކަމާގުޅޭ ގޮތުން ބާއްވާ އެންމެ ބޮޑު ބައްދަލުވުމެވެ. އަދި، "ދެމެހެއްޓެނިވި ތަރައްގީ 2030" ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ތިމާވެށްޓާއި ގުޅޭ ކަންކަން ހާސިލްކުރުމަށް ކުރެވެމުންދާ މަސައްކަތްތައް މުތާލިއާކުރުމަށް މަގުފަހިކޮށްދޭ ޕްލެޓްފޯމެއްވެސް މެއެވެ.