ދިވެހި ފުލުހުންގެ ޚިދުމަތާއި ވީމީޑިއާގެ ވީޓީވީ ގުޅިގެން 1443 ވަނަ އަހަރުގެ ރަމަޝާން މަހަށް ހާއްސަކޮށްގެން ގެނެސްދޭ "ކިޑިކީ ތެރޭން" ވީޑިއޯ ޑޮކިއުމެންޓަރީ ޕްރޮގްރާމް ގެނެސްދޭން މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މިއަދު ހެނދުނު ވީޓީވީގައި ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް (އޭސީސީޕީ) އަޙުމަދު މުޙައްމަދެވެ. ވީމީޑިއާގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިންގ އޮފިސަރ (ސީއޯއޯ) މުހައްމަދު ޒަހީނެވެ.

ރަމަޝާން މަހުގެ ކޮންމެ ހަފުތާއަކު އެޕިސޯޑެއް ގެނެސްދޭ ގޮތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި މުޖުތަމައުގައި ހުރި އާންމު މައްސަލަތަކުގެ މައްޗަށް އަލިއަޅުވާލާނެއެވެ. އެގޮތުން، މާރާމާރީ އާއި ވައްކަމާއި އަދި މަސްތުވާތަކެތީގެ މައްސަލަތައް، ބިދޭސީ އޭޖެންޓުން މެދުވެރިކޮށް ހަށިވިއްކުމުގެ މައްސަލަތައް، ގެވެށި އަނިޔާގެ މައްސަލަތަކާއި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ އާއި އަނިޔާތަކުގެ މައްސަލަތައް، ފޭކު އައިޑީ ބޭނުންކޮށްގެން އޮޅުވާލުމާއި މަކަރާތް ހީލަތް ހެދުން އަދި ބްލެކްމެއިލްކުރުމުގެ މައްސަލަތަކުގެ އިތުރުން އޮޅުވާލައިގެން ފައިސާ ހޯދުން، ސްކޭމިން، ކަޅުބާޒާރުގައި ޑޮލަރު ވިއްކުމުގެ މައްސަލަތަކުގެ އިތުރުން، ބިދޭސީންގެ އަތް މައްޗަށް ވިޔަފާރީތައް ދޫކޮށްލުމުން ކުރިމަތިވާ މައްސަލަތަކަށް ބިނާކޮށް ކުޅެފައިވާ މަންޒަރުތައް ދައްކައި އާންމުން ހޭލުންތެރިކުރެވިގެންދާނެއެވެ.

އާންމުން ޝައުގުވެރިވާ އަދި ހޭލުންތެރިކުރުވާ ގޮތަށް ފަރުމާކޮށް އުފައްދާފައިވާ މި ޕްރޮގްރާމްގެ މަންޒަރުތައް ނެގުމުގެ އިތުރުން ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތްކޮށްފައި ވަނީ ވީޓިވީގެ މުވައްޒަފުންނެވެ. އަދި މި ޕްރޮގުރާމްގެ ކޮންސެޕްޓް އެކުލަވާލައި މަންޒަރުތައް ނެގުމަށް ބޭނުންވާ ކާސްޓުން ހޯދައިދިނުމުގެ އިތުރުން، ޕްރޮޑަކްޝަންގެ ކަންކަން ކުރިއަށް ގެންދިއުމަށް ދިވެހި ފުލުހުންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ.

"ކިޑިކީ ތެރޭން" ޕްރޮގުރާމްގައި ދައްކުވައިދޭނީ މުޖުތަމައުގައި ހިނގާފައިވާ ހަގީގީ ހާދިސާތަކަށް އަދި ފުލުހުންގެ ތަހުގީގުތަކުން އެނގިފައިވާ މުހިންމު ކަންކަމަށް ބިނާކޮށް ކުޅެފައިވާ މަންޒަރުތަކެކެވެ.

"ވީޓީވީ އަދި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން މި ރޯދަމަހު ކުރިއަށް ގެންދާ ކިޑީކީ ޕްރޮގްރާމްގެ ތެރޭން، ހާއްސަކޮށް އަޅުގަނޑުމެން މުޖުތަމަޢުގެ ތެރޭން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ ހާއްސަ ހާދިސާތަކެއް ނަގައިގެން، އޭގެ ތެރޭން އަޅުގަނޑުމެން ހަމަ ކުށް މަދުކުރުމަށް ޓަކައި މައުލޫމާތުތަކެއް މި ފޯރުކޮށްދެނީ. އަޅުގަނޑުމެން ނަގާފައި މި ހުރި ހާދިސާތަކަކީ ބޮޑަށް ހަމަ ހަގީގީ ހާދިސާތަކެއް. އެ ހާދިސާތަކުގެ މައްޗަށް އަޅުގަނޑުމެން އެޕިސޯޑްތަކުގައި މައުުލޫމާތު، ހާއްސަކޮށް ކަރައިމް ޕްރިވެންޝަން މައުލޫމާތުތައް އަދި އޭގެ އިތުރަށް އެ ކަންކަން ދިމާވެފައި ހުރި ގޮތްކަށް އަލިއަޅުވާލާފަ ވާނީ."
އަބްދުﷲ ނަސީރު، ދިވެހި ފުލުހުންގެ ޚިދުމަތް

މި ފަދަ ކޮންސެޕްޓަކަށް މީގެ ކުރިން ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިގެން "ކުށުގެ ހަފަރާތް" މި ނަމުގައި ވީޓީވީން ރަމަޝާން މަސްތަކުގައި ޕްރޮގްރާމްތަކެއް ގެނެސްދިީފައި ވެއެވެ. އަދި ވީޓީވީގެ 13 އަހަރުވީ މާޒީގައި ދިވެހި ފުލުހުންގެ ޚިދުމަތުން ބޮޑު އެއްބާރުލުމެއް ލިބިގެން އާންމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ގެނެސްދީފައި ވެއެވެ.

އެކަން ފާހަގަކޮށް ވީޓީގެ ސީއީއޯ މުހައްމަދު ޒަހީން ވިދާޅުވީ، މި އަހަރުގެ މި ޕްރޮގުރާމަކީ ވެސް އާންމުން ހޭލުންތެރިކުރުވާނެ އަދި ޝައުގުވެރިވާނެ ކާމިޔާބު ޕްރޮގުރާމަކަށް ވެގެންދާނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށެވެ.

ޒަހީން ވިދާޅުވީ ވީޓީވީ އާއި ދިވެހި ފުލުހުންގެ ޚިދުމަތާއި ދެމެދު ވަރަށް ބަދަހި ގުޅުމެއް އޮންނަ ކަމަށެވެ.

މީގެ ކުރިން ކުރިއަށް ގެންދިޔަ "ކުށުގެ ހަފަރާތް" ސީރީޒްއަކީ ދިގު ސީރީޒްއަކަށް ވާއިރު، ޒަހީން ފާހަގަކުރެއްވި ގޮތުގައި ކޮވިޑް-19ގެ އާލަމީ ވަބާއާއެކު ގިނަ މަސައްކަތްތަކެއް ދުވަސްތަކަކަށް އޮތީ މެދުކެނޑިފައެވެ. މި ފަހަރު ގެނެސްދޭ "ކިޑިކީ ތެރޭން" ކުރު ސީރީޒަކަށް ވަނީ އެ ސަބަބާ ހުރެ ކަމަށް ޒަހީން ވިދާޅުވިއެވެ.