"ފްރޭމް ފަޅާއަރައި" ނުހައްގުންދޭ އަނިޔާގެ ބަދަލު ހޯދާނެކަމަށް ބުނެ ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ސަރުކާރަށް އިންޒާރެއް ދީފިއެވެ.

އަލީ ވަހީދު ހައްޔަރުކޮށްގެން އަނބުރާ ރާއްޖެ ގެނައުމަށް މިއަދު އިންޓަޕޯލުނެ ރެޑް ނޯޓިސް ނެރެފައިވާއިރު، މީގެ ކުޑަ ވަގުތުކޮޅެއް ކުރިން އޭނާ ކުރި ޓްވީޓެއްގައި ބުނެފައިވަނީ ބޭއިންސާފުގެ ކުރިމަތީގައި އަމާންނުދޭނެ ކަމަށާއި، އަނިޔާވެރި ކަމުގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާނެ ކަމަށެވެ. އަދި، "ފްރޭމް ފަޅާއަރައި" ނުހައްގުންދޭ އަނިޔާގެ ބަދަލުވެސް ހޯދާނެ ކަމަށާއި، އޭނާގެ މައުސޫމްކަން މުޅި ދުނިޔެއަށް ސާބިތުކޮށްދޭނެ ކަމަށްވެސް ޓްވީޓުގައިވެއެވެ.

އިންޓަޕޯލް ރެޑް ނޯޓިސް ނެރުމާއި ގުޅިގެން ފުލުހުން ބުނީ، އެކަމާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި ގުޅިގެން ކުރަމުންގެންދާ ކަމަށެވެ. ނަމަވެސް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރާއި ދެކޮޅަށް އޭނާ ހުރިހުރުން "ގުޑުވާ ނުލެވޭނެ" ކަމަށް އަލީ ވަހީދު ވަނީ ބުނެފައެވެ.

ޓުއަރިޒަމް މިނިސްޓަރ ކަމުގައި ހުންނެވިއިރު އެ އޮފީހުގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކޮށް އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށް ދަނިކޮށް ހަތަރު މަސްދުވަހަށް ބޭސްފަރުވާއަށް ކަމަށްބުނެ އޭނާ ރާއްޖެއިން ބޭރަށް ފުރާފައިވަނީ މިދިޔަ އަހަރުގެ ކުރީކޮޅުއެވެ.

އަލީ ވަހީޑު ރާއްޖެއިން ބޭރަށް ވަޑައިގަތީ ޔޫތް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ އަސްއަދު އަލީ (އަޑުބަރޭ) ޖާމިނުވެގެންނެވެ. ނަމަވެސް މުއްދަތު ފަހަނައަޅައިގެން ދިޔައިރުވެސް އޭނާ ކޯޓަށް ހާޒިރުވެފައިނުވާތީ އަސްހަދުގެ މައްޗަށް މިދިޔަ މަހުގެ 2 ވަނަ ދުވަހު ވަނީ 15 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.

ދައުލަތުން އަލީ ވަހީދުގެ މައްޗަށް އުފުލާފައިވަނީ ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވައާއި، ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާއާއި، ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާއާއި، ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާއާއި، ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާއާއި، ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދައުވާއެކެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް ފެށުނީއްސުރެ އޭނާ އަންނަނީ އިންކާރުކުރަމުންނެވެ. އަދި މިއީ އޭނާ ފްރޭމްކުރުމަށް ބަޔަކު ކޮށްފައިވާ ކަމެއް ކަމަށް ވިދާޅުވެ، ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއެވެ.