ރަމަޟާން މަހަށް މަރުހަބާ ކިޔުމުގެ ގޮތުން މާލޭގައި މާހެފުމުގެ ހަރަކާތްތައް ކުރިއަށް ގެންދާނެ ދުވަސްތައް މާލެ ސިޓީ ކައުންސިލުން ކަނޑައަޅައިފިއެވެ.

ސިޓީ ކައުންސިލުން ބުނީ އާންމު ފަރާތްތަކުން މާހެފުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާރޗް މަހުގެ 25، 26، 29 އަދި 30 ގައިކަމަށެވެ.

މިގޮތަށް ނިންމީ އިއްޔެ މާލެ ސިޓީ ކައުންސިލުން ބޭއްވި އެކައުންސިލްގެ 42 ވަނަ ރަސްމީ އާއްމު ޖަލްސާގައެވެ.

އާންމު ފަރާތްތަކުން މަގު ބަންދުކޮށްގެން މިހަރަކާތް ކުރިއަށް ގެންދިއުމަށް އެދި ހުށަހެޅި ހުށަހެޅުން ސިޓީ ކައުންސިލްގެ މިއަދުގެ ޖަލްސާގައި ވަނީ ފާސްކޮށްފައެވެ. އެގޮތުން މާހެފުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށްޓަކައި މާލޭގެ މައި މަގުތައް ނުހިމެނޭ ގޮތަށް މަގު ބަންދުކޮށްގެން އެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހުއްދަ ދިނުމަށް ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.

ނަމަވެސް ބަންދުކުރަނީ ސީދާ ކޮން މަގުތަކެއް ކަމެއް އިއުލާން ކޮށްފައެއް ނުވެއެވެ.

ރަމަޟާން މަހަށް މަރުހަބާ ކިޔުމުގެ ގޮތުން މާހެފުން މިއީ ރާއްޖޭގައި ގަދީމީ ޒަމާނުއްސުރެ ކުރަމުން އަންނަ ކަމެކެވެ. މިއީ ދިވެހިންގެ ސަގާފަތުގެ ތެރޭގައި ހިމެނިފައިވާ ކަމެކޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.

އެހެންކަމުން މާހެފުމުގެ ހަރަކާތްތައް ބޭއްވުމަށްއެދި ސިޓީ ކައުންސިލަށް ހުށަހެޅުމުގެ ފުރުސަތުވެސް މިހާރު ވަނީ މާލެ ސިޓީ ކައުންސިލުން ހުޅުވާލާފައެވެ.

މި އަހަރުގެ ރަމަޟާން މަސް ފެށެނީ އަންނަ އޭޕްރީލް މަހުގެ 2 ވަނަ ދުވަހުއެވެ.