އެކްޓަރު ޝާހްރުކް ޚާންގެ ފިލްމެއްގެ އިންތިޒާރުގައި ތިބި އޭނާގެ ފޭނުންނަށް މިއަދު އުފާވެރިކަން ގެނުވައިދީފައިވަނީ ވަރަށް ހިތްހަމަޖެހޭ ޚަބަރަކުންނެވެ.

3 އަހަރަށްފަހު އޭނާ ސްކްރީނުން ފެންނާނެ ދުވަސް އިއުލާނުކުރުމާއެކު ޝާހުގެ ފޭނުންވަނީ އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އުފާފާޅުކުރަން ފަށާފައެވެ.

އެކްޓަރު ޖޯން އަބްރަހަމްއާއި ބަތަލާ ދިޕިކާ ޕަދުކޯންއާއެކު ޝާހް މެއިން ލީޑްއިން ފެނިގެންދާ ފިލްމު "ޕަތާން" ރިލީޒްކުރާނެ ދުވަހެއްކަމަށް ޝާހް އޭނާގެ ޓްވިޓަރގައި ހާމަކޮށްފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 23ވަނަ ދުވަހެވެ.

ފިލްމުގެ ޚާއްސަ ޓީޒާ އެއްވެސް ރިލީޒް ކޮށްފައިވާއިރު ޝާހް ފިލްމުގައި ފެނިގެންދާނެ ގޮތްވެސް މި ޓީޒާއިން ދައްކުވައިދެއެވެ. ޔާޝް ރާޖް ފިލްމްސް ގެ ބެނަރގެ ދަށުން އުފައްދާ މިފިލްމުގެ ޑައިރެކްޓަރަކީ، ފިލްމު "ބޭންގް ބޭންގް" އަދި "ވޯރް" ފަދަ ވަރުގަދަ އެކްޝަން ފިލްމުތައްވެސް ޑައިރެކްޓްކޮށްފައިވާ ސިދާތް އާނަންދްއެވެ.

ފިލްމު "ޕަތާން" އުފައްދާނެކަމަށް އިއުލާނުކުރުމާއެކު ގިނަ ބަޔަކު އެންމެ ބޮޑަށް ބަލަން ބޭނުންވީ މެއިން ލީޑްގައި ޝާހްރުކް ޚާން ފެންނާނެ ގޮތް ދެނެގަތުމަށެވެ. އޭނާގެ ލުކް ފިލްމުގައި ހުންނާނެގޮތުގެ ބައެއް ފޮޓޯތައްވެސް ފިލްމުގެ ޝޫޓިން ފެށިގެންއައިރު ސޯޝަލް މީޑިއާގައި ވައިރަލްވެގެން ގޮސްފައިވެއެވެ.

ފިލްމުގެ ޓީޒާއިންވެސް ފެންނަގޮތުގައި ޝާހް ފެނިގެންދަނީ އޭނާގެ ބޮލުގެ އިސްތަށިގަނޑު ކަނދުރާއާ ހަމައަށް ދިގުކޮށްފައި ހުއްޓައެވެ. ފިލްމުގެ ޓީޒާ ސޯޝަލް މީޑިއާގައި ޕޯސްޓުކުރުމަށްފަހު ޝާހްރުކް ބުނެފައިވަނީ، ފިލްމު ރިލީޒްވުމުގައި އުއްމީދުކުރިވަރަށް ވުރެވެސް މާބޮޑަށް ލަސްވެފައިވާކަމަށެވެ.

އެހެންނަމަވެސް ފިލްމު ރިލީޒްކުރާ ތާރީޚް ހަނދާންކުރުމަށް ބުނަމުން ޝާހް ލިޔެފައިވަނީ، ފިލްމު "ޕަތާން"ގެ ވަގުތު މިހާރު ފެށުނީކަމަށެވެ. އަދި އަންނަ އަހަރުގެ 25 ޖެނުއަރީގައި ސިނަމާއިން ބެލުންތެރިންނާ ބައްދަލުވާނެކަމަށް އުއްމީދުކުރާކަމަށްވެސް އެކްޓަރުވަނީ ބުނެފައެވެ.

ފިލްމުގެ ޓީޒާގައި ބަތަލާ ދީޕިކާއާއި އެކްޓަރު ޖޯން ފެނިގެންދަނީ އެކްޓަރު ޝާހްރުކް ޚާން ފިލްމުގައި ފެންނަ ކެރެކްޓަރގެ ކުޑަ ތައާރަފެއް ދޭތަނެވެ. ޝާހްރުކް ޚާންއަށް ފިލްމުގެ ނަންކަމަށްވާ "ޕަތާން" އެނަން ކިޔަން ޖެހުނުގޮތުގެ ކުޑަ ތައާރަފެއް ދެތަރިން ދިނުމާއެކު ދެން ފެނިގެންދަނީ ޝާހްރުކް ޚާން ފިލްމުގައި ފެނިގެންދާ މެއިން ލުކްގައެވެ.

https://www.youtube.com/watch?v=Ymu9wVN7pWs

ފިލްމު ރިލީޒްކުރާ ތާރީޚް އާއްމުކުރުމާއި ގުޅިގެން ޝާހްރުކް ޚާންގެ ފޭނުންދަނީ ސޯޝަލް މީޑީއާގައި އެކަން ފާހަގަކުރަމުންނެވެ. ބައެއް ފޭނުންގެ ސުވާލުތަކަށް ޝާހްރުކްވަނީ އޭނާގެ ޓްވިޓަރ މެދުވެރިކޮށް ޖަވާބުވެސް ދީފައެވެ. ބޮލީވުޑްގެ ކިންގް ޚާން އެންމެފަހުން ފެނިގެންގޮސްފައިވަނީ 2018 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ޒީރޯ" އިންނެވެ.