(އއ. ތޮއްޑޫން) ތޮއްޑޫ ކަރައަކީ އޭގެ ތައާރަފަކަށް ދިވެހިން ބޭނުންވާނެ މޭވާއެއް ނޫނެވެ. ދިވެހިންނަށް އެންމެ ކަމުދާ އަދި ދިވެހިންގެ ތެރޭގައި އެންމެ މަގުބޫލު، ތޮއްޑޫ ކަރައަކީ ޙާއްސަކޮށް ރަމަޟާން މަހުގައި ގޭގޭގެ ސުފުރާތައް ފަޅު ފިލުވާލަދޭ އެކައްޗެވެ. އެ މަގުބޫލު ކަމާއެކު "ތޮއްޑޫ ކަރާ" މި ވަނީ ބްރޭންޑަކަށް ވެފައެވެ.
ދިވެހިީންގެ ތެރެއިން ގިނަ ބަޔަކު މާރުކޭޓަކަށް ވަނަސް ކަރައެއް ގަންނަން ބޭނުންވެއްޖެ ނަމަ އެންމެ ފުރަތަމަ ބަލާނީ އެއީ ތޮއްޑުއަށް "އުފަން" ކަރައެއްތޯއެވެ. ވާނީ ވެސް އެހެންތާއެވެ. ތޮއްޑޫ ކަރައެއް ނަމަ އޭގެ ރަހައާ މެދު ޝައްކު އުފެދުމުގެ ޖާގަ ވަރަށް ކުޑައެވެ. އެއަށް ވުރެ އެ ކަރައަށް އޮތް އިތުބާރު ބޮޑުވާތީއެވެ.
އއ. ތޮއްޑުއަށް 4 މާރޗު 2022 ވީ ހުކުރު ދުވަހުގައި ކުރި ދަތުރެއްގައި އަޅުގަނޑު ވާނީ "ތޮއްޑޫ ކަރާ"ގެ ފަހަތުގައިވާ މޭސްތިރީން ކަމަށްވާ ތޮއްޑޫގެ ދަނޑުވެރީން އެ ކަރާ ހެއްދުމަށް ކުރަމުންދާ މަސައްކަތް ގާތުން ބަލާލުމަށް ތޮއްޑޫގެ ދަނޑުތަކަށް ގޮސްފައެވެ. މި ހިއްސާކޮށްލަނީ އެ ތަނުގައި ހޭދަކުރެވުނު ވަގުތުގައި އަޅުގަނޑަށް ފެނުނު ބައެއް މަންޒަރުތަކާއި އަޅުގަނޑާ ވާހަކަދެއްކި ބައެއް ދަނޑުވެރީންގެ ވާހަކަތަކެވެ.
ކޮންމެ ރަމަޝާން މަހަކާ ދިމާކޮށް ހާއްސަ އަހައްމިއްޔަތު ކަމެއް ދީގެން ތޮއްޑޫގެ ދަނޑުވެރީން ކަރާގެ އިތުރުން ތަފާތު ބާވަތްތަކުގެ މޭވާ އާއި ތަރުކާރީ އެ މީހުންގެ ދަނޑުބިންތަކުގައި ހައްދައެވެ. މި އަހަރުގެ ރޯދަ މަހާ ދިމާކޮށް ވެސް މި މަސައްކަތް ބާރު ދުވެލީގައި ނިކަން ޖޯޝާއި ފޯރީގައި އެބަ ކުރެއެވެ. މިކަމުގައި ދަނޑުވެރީންނާއި ކުދިބޮޑު އެންމެން ހިމެނޭހެން އެ މީހުންގެ މުޅި އާއިލާ ޝާމިލުވަމުންދާތަން އެބަ ފެނެއެވެ. މިހާރު ވެސް ތޮއްޑޫގެ ދަނޑުބިންތަކުގައި ވަނީ ގިނަ އަދަދެއްގެ ގަހާއި ވެޔޮ ރުވައި ފޯދުން ފަށާފައެވެ. ދަނޑުވެރީން ބުނާ ގޮތުގައި، މޭވާ ނުވަތަ ތަރުކާރީ ކެނޑޭވަރު ވާނީ އަދި ވިއްސަކަށް ދުވަސް ފަހުންނެވެ.
ތޮއްޑުގެ ދަނޑުވެރީން އުފައްދަމުންދާ ބާވަތްތަކުގެ ތެރޭގައި ދެ ވައްތަރެއްގެ ކަރާގެ އިތުރުން، ކިއުކަމްބާ، މިރުސް، ފަޅޯ، ބޮޑު ކެކުރި، މެލަން، ބަށި އަދި ތަފާތު ވައްތަރުގެ ފަތްޕިލާވެލީގެ ބާވަތްތައް ފާހަގަކޮށްލެވެއެވެ. ދަނޑުބިންތައް ނޫނަސް އެ ރަށުގެ ގިނަ ގޭގޭން ވެސް ފެންނަނީ ދަނޑުވެރިކަމުގެ ރޫހެވެ. ގޭގޭގައި ވެސް ޖަނބުރޯލާއި ބިލެތް، ކޮޕީފަތް ފަދަ ބާވަތައް ހައްދާފައިވާ މަންޒަރު ފެންނަން އެބަ ހުއްޓެވެ.
ފެނުނު މަންޒަރުތަކުން އަޅުގަނޑުގެ ހިތަށް ވެރިވީ ދިވެހީންގެ މުރާލި ކަމާއި ހީވާގި މަސައްކަތްތެެރި ކަމެވެ. މަދުން ނަމަވެސް ބިދޭސީ މަސައްކަތްތެރީން މި ދަނޑުތަކުން ފެނުނު ނަމަވެސް، ޖުމުލަ ގޮތެއްގައި ތޮއްޑޫގެ ދަނޑުތަކުން ފެންނަނީ ދިވެހި އާއިލާތަކުގެ ހީވާގި މީހުންނެވެ. ކުރަމުން ދަނީ ބުރަ އަދި ކަވި މަސައްކަތެކެވެ. އެތައް ދަލެއް އޮހޮރުވައި ކުރާ މި ބުރަ މަސައްކަތަކީ އަޅުގަނޑުމެންނާ ހަމައަށް ފޮނި މޭވާ ފޯރުކޮށްދިނުމަށް އަދި ދިރިއުޅުމުގެ ޚަރަދުތައް ބެލެހެއްޓުމަށް ބަޔަކު މީހުން ވަމުންދާ ގަދަ ގުރުބާނީއެކެވެ،
ތޮއްޑޫގައި ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުންދާ ދަނޑުވެރިޔަކު "ވީނިއުސް"އަށް ބުނީ، ދިވެހި އުފެއްދުންތައް ބާޒާރަށް ނެރުނަސް ބޭރުން އެތެރެކުރާ އުފެއްދުންތަކުގެ ނުފޫޒުން ދިވެހި އުފެއްދުންތަކަށް އޮންނަ ޑިމާންޑް ކުޑަކުރާ ކަމަށެވެ. އެކަން ހައްލުކުރަން ބޭނުންވާކަން ފާހަގަކޮށް އޭނާ ބުނީ، ދަނޑުވެރިކަމުން އުފައްދާ ތަކެއްޗަކީ ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތުން ނެރޭ ނަތީޖާ ކަމަށެވެ.
ނަމަވެސް މިކަމާ މެދު ވިސްނައި އެ ދަނޑުވެރީންގެ އަގު ވަޒަންކުރަނީ އަޅުގަނޑުމެންގެ ތެރެއިން ކިތަށް މީހުންތޯއެވެ؟ މިހެން މި ދެންނެވީ، މަދުން ނަމަވެސް މާރުކޭޓު ތެރެއިން ފެންނަމުންދާ ހިތާމަވެރި މަންޒަރުތަކާއި އިވޭ އަޑުތަކުންނެވެ. ކިރިޔާ ވެސް މިއިން ބާވަތެއްގެ އަގު އިތުރުވެއްޖެ ނަމަ ކުރަނީ ޝަކުވާއެވެ. އަގު ހެޔޮކޮށް ލިބެން ހުރީތީ ދިވެހި އުފެއްދުންތައް ހުއްޓައި ގަންނަނީ ބޭރުން އެތެރެކޮށް ވިއްކާ އެއްޗެއްސެވެ.
މިކަން ބަދަލުކުރަން ވެއްޖެއެވެ. ދިވެހީން ކުރާ މަސައްކަތުގެ އަގު ވަޒަންކޮށް، އެ މަސައްކަތްތެރީންނަށް ހިތްވަރު ދިނުމުގެ ގޮތުން ވެސް ބޭރުން އެތެރެކުރާ އެއްޗެއްސަށް ނޫނެކޭ ބުނުން އުފަލަކަށް ހަދަން ވެއްޖެއެވެ.