ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް މެމްބަރުން އިތުރުކުރުމަށާއި ތާޢީދު ހޯދުމަށް ކުރިއަށްގެންދާ ސިލްސިލާ ރަށު ދަތުރުތަކުގެ ތެރެއިން ހުކުރު ދުވަހު އެޕާޓީގެ ކަނބަލުންގެ ޓީމެއް އއ. ތޮއްޑު އަށް ޒިޔާރަތްކޮށް ހިންގި ހަރަކާތުގައި ގިނަ އަދަދެއްގެ ބަޔަކު ޖެޕީ އަށް ސޮއިކޮށްފިއެވެ.
ދެ ދުވަހުގެ މި ދަތުރުގައި، އެ ޕާޓީގެ އަންހެންވެރިންގެ ތެރެއިން އިސްނެގި ޓީމެއް ތޮއްޑޫގައި ޖޭޕީއަށް މެމްބަރުން އިތުރުކުރުމަށް "ދޮރުންދޮރަށް" ހަރަކާތެއް ކުރިއަށް ގެންގޮސްފައި ވެއެވެ. މި ޓީމުން ވަނީ އެ ރަށުގެ އާންމުންނާ ބައްދަލުކޮށް ޖުމްހޫރީ ޕާޓީގެ ސިޔާސަތުތަކާއި މަގުސަދުތައް ހިއްސާކޮށްފައެވެ.
މި ދަތުރުގައި އެ ޓީމުން ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް ގިނަ އަދަދެއްގެ ޒުވާނުންނާ ބައްދަލުކުރިއެވެ. އަދި ދަނޑުވެރި ރަށެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ތޮއްޑޫގެ ދަނޑުބިންތަކަށް ގޮސް، އެ ތަނުގައި ދަނޑުވެރިން ކުރާ މަސައްކަތައް ބަލާލައި އެ މީހުންގެ ޝަކުވާތަކާއި ކަންބޮޑުވުން އޮޅުން ފިލުވިއެވެ.
ތޮއްޑުއަށް ޒިޔާރަތްކުރި ޖޭޕީގެ ޓީމާ ހަވާލާދީ ޖުމްހޫރީ ޕާޓީގެ އިސްތަރުޖަމާނު އަލީ ޞާލިހު ވިދާޅުވީ، މި ދަތުރުގައި ގިނަ އަދަދެއްގެ ބަޔަކު ޖޭޕީއާ ގުޅިފައިވާ ކަަމަށެވެ.
ހޮނިހިރު ދުވަހުގެ ނިއަލަށް ޖުމްހޫރީ ޕާޓީގެ ކަނބަލުން ވަނީ ތޮއްޑޫގައި ހަރަކާތްތެރިވެފައެވެ.
މީގެ ކުރިން ވެސް ޖޭޕީގެ ކަނބަލުންގެ އިސްނެގުމުގެ މަތިން މިފަދަ ދަތުރުތައް އެކި ރަށްރަށާއި އަތޮޅުތަކަށް ކޮށްފައި ވެއެވެ.
ޖުމްހޫރީ ޕާޓީގެ މެމްބަރުން އިސްނަގައިގެން އެ ޕާޓީއަށް މެމްބަރުން އިތުރުކުރުމަށާއި، ޕާޓީގެ މަސައްކަތްތައް އަތޮޅުތެރެއަށް ފުޅާކުރުމުގެ މަސައްކަތް ފެށީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ އެގާރަވަނަ ދުވަހުއެވެ.
މި ސިލްސިލާގެ އެންމެ ފުރަތަމަ ދަތުރުގައި ގޮސްފައިވަނީ ކ. ދިއްފުއްޓަށެވެ.
މިއީ ޕާޓީގެ ހަރަކާތްތައް ފުޅާކުރުމަށްޓަކައި ފެށުނު އައު މަސައްކަތެއް ކަމަށާއި މިފަހަރު މަސައްކަތް ފަށާފައިވަނީ އައު ބާރަކާއި، އައު ކުރިއެރުންތަކާކާއި އެކުގައިކަމަށް އެ ޕާޓީން ދެކެއެވެ.