ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބ. ބޮޑުފޮނޮޅުގައި ހަމަނުޖެހުން ހިންގި މައްސަލާގައި ދައުވާ އުފުލި އެންމެން މިނިވަންވެއްޖެއެވެ.

އެ މީހުން މިނިވަންވީ، ކުށް ސާބިތުވިކަމަށް ކުރި ހުކުމުގެ މުއްދަތަށްވުރެ ގިނަ ދުވަހު ބަންދުގައި ތިބުމުންނެވެ. މި ހާދިސާ ހިނގާފައި ވަނީ 2020 ވަނަ އަހަރުގެ ތެރޭގައެވެ. ޝަރީއަތްތައް ހިންގުމަށް ފަހު ކްރިމިނަލް ކޯޓުން މި މައްސަލައިގައި ޝާމިލުވާ ފަރާތްތަކަށް ހުކުމް ކުރީ މިދިޔަ އާދީއްތަ ދުވަހުއެވެ.

ބޮޑުފިނޮޅުގައި ތިބި ދިވެހީންނަށް ތޫނުހަތިޔާރު ބޭނުންކޮށްގެން ބިރުދައްކާފައިވާތީ ދެ ބިދޭސީއަކަށް މަޤްބޫލު ސަބަބެއްނެތި އާންމު ތަނެއްގައި ތޫނު އެއްޗެހި ގެންގުޅުމުގެ ދައުވާ އުފުލި، އެ ދައުވާ ސާބިތުވެ ބަންގްލަދޭޝްގެ ރަނާ ޝަކީބާއި ޖާހިރުލް އެއް އަހަރާއި ތިން މަހާއި ތިން ދުވަހަށް ޖަލަށްލުމަށް ވަނީ ހުކުމް ކޮށްފައެވެ.

އިތުރު ބިދޭސީއެއް ކަމަށްވާ އެމްޑީ ރަސަލް މިއާގެ މައްޗަށް ވަނީ އަނިޔާއެއް ދިނުމުގެ ދައުވާ އުފުލި، ދައުވާ ސާބިތުވުމުން އެއް އަހަރާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.

އެގާރަ މީހެއްގެ މައްޗަށް އުފުލި މުދަލަށް ގެއްލުންދިނުމުގެ ދާއުވާ އާއި ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތް ގަސްތުގައި ހުރަސްއެޅުމުގެ ދައުވާ ވެސް ވަނީ ސާބިތުވެފައެވެ. އެމްޑީ ޢަބްދުރް ސައްތާރާއި، ތަހަރު، އެމްޑީ ރަސަލް މިއާ، ސޮހަގް، ޑެލްވާރު ހޮސައިން، މުޙަންމަދު ޖަމާލު ހޮސައިން، ޕަލާސް، ރަނާ ޝަކީބު، މުހަންމަދު ސަމްޓޯ މިއާ، ޖާހިރުލް އަދި އަލް އަމީނުގެ މައްޗަށް އެ ދެ ދައުވާ ސާބިތުވުމުން އިއްވާފައި ވަނީ އެއް އަހަރާއި ހަތް މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.

ހުއްދަ ނޫންގޮތުގައި މީހުން ހިފެއްޓުމުގެ ދައުވާ އެމްޑީ އަބްދުރް ސައްތާރު، ރަނާ ޝަކީބް، މުހަންމަދު ސަމްޓޯ މިއާ އަދި ޖާހިރުލްގެ މައްޗަށް ސާބިތުވެ އެއް މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ވެސް އިއްވާފައިވެއެވެ.

ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅުމުގެ ދައުވާ ބިދޭސީންގެ މައްޗަށް އުފުލީ އެ މީހުން އެރަށުން ފުރުވާލަން އުޅުމުން އެކަމަށް ހުރަސްއަޅައި ފުލުހުންނަށް ހަމަލާދީފައިވާތީއެވެ.

ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގައިފައިވަނީ އެ މަސައްކަތްތެރިންނަށް އެތައް މަހެއް ވަންދެން މުސާރަދީފައިނުވާތީއެވެ.

މި މައްސަލައާއި ގުޅިގެން އެ ބިދޭސީން ގެންގުޅުނު ރިޒް ކުންފުނީގެ ވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާގެ މައްޗަށް ހިއުމަން ޓްރެފިކިންގެ ދައުވާ އުފުލައި، އެ ދައުވާގެ ޝަރީއަތް ވެސް ކްރިމިނަލް ކޯޓުގައި ފަށައިގެން ހިނގަމުން އެބަދެއެވެ.