ޓެކްސީ ޑްރައިވަރުން އެމީހުންގެ ހައްގު ހޯދަން ނިކުތުމަށް ނިންމީ އެނޫން އެހެން ގޮތެއް ނެތިގެން ކަމުގައި ރާއްޖޭގައި ޓެކްސީގެ ޚިދުމަތް ދެމުންގެންދާ އެންމެ ދުވަސްވީ އެއް ޓެކްސީ ސެންޓަރު ކަމުގައިވާ އެއްތިރީސް ބައްތިރީހުން ބުނެފިއެވެ.

މާލޭ ސަރަހައްދުގައި ޓެކްސީގެ ޚިދުމަތް ދެމުން އަންނަ ސެންޓަރުތަކުން މަޝްވަރާކުރުމަށްފަހު، ޓެކްސީ ޚިދުމަތް ދޭ އަގުތައް ބޮޑު ކުރަން ނިންމި ނިންމުމާއި ގުޅޭގޮތުން ވާހަކަދައްކަމުން އެ ސެންޓަރުން ބުނީ، ސެންޓަރުތަކުން ވަނީ ތަކެތީގެ އަގަށާއި ތެލުގެ އަގުތަކަށް އަންނަ ބަދަލުތަކާ ގުޅިގެން، ޓެކްސީ ދަތުރުގެ އަގުވެސް ބޮޑު ކުރުމަށް ނިންމައިފައިވާ ކަމަށެވެ.

ދަތުރުކޮށްދޭ އަގު ބޮޑު ކުރުމަށް ފާސްކޮށްފައިވަނީ ބައިވެރިވި ހުރިހާ ސެންޓަރުތަކެއްގެ ވެސް އިއްތިފާގުން ކަމަށް 3132 ން ވާހަކަ ދައްކަމުން ބުނެފައިވެއެވެ.

ކަނޑައެޅިފައިވާ އަގުތަކެއް އެބަހުރި ކަމަށާއި އެހެންނަމަވެސް ކަސްޓަމަރުންނަށްވެސް އެންމެ އެދެވޭ ލުއި ގޮތަކަށް އަގުތައް ބެހެއްޓުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް 3132 ހުގެ ފަރާތުން، ވީނިއުސް އާއި ވާހަކަ ދައްކަމުން ބުނެއެވެ. އެއީ މިކަމާއި ގުޅިފައިވަނީ ވަރަށް ގިނަ އާންމު ރައްޔިތުން ކަމުގައިވުމުން، މިކަމާ ގުޅިގެން އަމަލުކުރާނެ ގޮތަކާއިމެދު މަޝްވަރާކުރަމުންދާކަމަށް ބުނެފައިވެއެވެ.

"ބޮޑު އަދަދެއް ހިމެނުމުގެ ބަދަލުގައި ކޮންމެ ދުވަހަކު ކަސްޓަމަރު ދަތުރެއްކުރަންވެއްޖެ ހާލަތުގައިވެސް އެދަތުރު ކުރެވޭނެ ގޮތަށް. މިހާރު -/25 ރުފިޔާގެ ރޭޓުގައި ދަތުރު ކުރެވުމަކީ ވަރަށް މުސްތަހިއްލު ކަމަކަށް ވެފަ މިއޮންނަނީ. މާލެއިން ކާރު ނުލިބޭ އެންމެ ބޮޑު މައްސަލައަކީވެސް އެއީ. ކާރު ނުލިބި ގިނަ ވަގުތު ހޭދަވަނީވެސް އެހެންވެ. ދުރުން ދުއްވާލަން ބޭނުންވާ ކުދިންނަށް އެފުރުސަތެއްވެސް ނޯވޭ ޕެޓްރޯލް އަގުބޮޑުވުމުން އެ ދަތުރާއި ނުގުޅިދާނެ. އެހެން އެކަން ތަކުރާރުވެފަވެސް އެބަހުރި. އެހެން އެކަން ދާތީ ދަތުރުތައް އަގުބޮޑު ކުރަން ވިސްނީ.
3132 ޓެކްސީ ސެންޓަރ

ރޭގެ ބައްދަލުވުމުގައި ނިންމި އަގުތަކަށް ޑްރައިވަރުންގެ ޚިޔާލު ހޯދުމަށްފަހު، ދެ ދުވަސްތެރޭގައި ޓްރާންސްޕޯޓް މިނިސްޓްރީއަށް އަގުތައް ހުށަހެޅުމަށް ބައްދަލުވުމުން ވަނީ ނިންމާފައެވެ.

ޓެކްސީ ސެންޓަރުތަކުން ބޭނުންވާ އަގުތައް:

މާލޭ ސިޓީގެ އެތެރޭގެ ދަތުރުތައް - 30 ރުފިޔާ

ހުޅުމާލެ ފޭސް އެކެއްގެ އެތެރޭގެ ދަތުރުތަކަށް - 25 ރުފިޔާ

ހުޅުމާލެ ފޭސް ދޭއްގެ އެތެރޭ ދަތުރު - 25 ރުފިޔާމާ

މާލެއިން ހުޅުމާލެއަށް | ހުޅުމާލެއިން މާލެއަށް - 100 ރުފިޔާ

މާލެއިން އެއާޕޯޓަށް | އެއާޕޯޓުން މާލެއަށް - 80 ރުފިޔާ

ހުޅުމާލެއިން އެއާޕޯޓަށް | އެއާޕޯޓުން ހުޅުމާލެއަށް - 80 ރުފިޔާ

ހުޅުމާލެ ފޭސް ދޭކުން މާލެ | މާލެ އިން ހުޅުމާލެ ފޭސް ދޭކަށް - 120 ރުފިޔާ

ހުޅުމާލެ ފޭސް އެކަކުން ހުޅުމާލެ ފޭސް ދޭކަށް - 40 ރުފިޔާ

މާލެއިން ސީޕްލޭން ޓާމިނަލަށް - 100 ރުފިޔާ

ހުޅުމާލެއިން ސީޕްލޭން ޓާމިނަލަށް - 100 ރުފިޔާ

ހުޅުމާލެ ފޭސް 2 އިން ސީޕްލޭން ޓާމިނަލަށް - 120 ރުފިޔާ

އަދި ރޭގަނޑު 12:00 އިން ހެނދުނު 06:00 ކުރާ ދަތުރުތަކަށް އިތުރު ފީއެއްގެ ގޮތުގައި ފަސް ރުފިޔާ ނެގުމަށާއި ހަޔަރ ކޮށްގެން ކުރާ ދަތުރުތަކަށް ގަޑިއިރަކަށް 250 ރުފިޔާ ނެގުމަށް ވެސް ވަނީ ފާސްކޮށްފައެވެ.

މިކަމާއި ގުޅިގެން ވީނިއުސްއިން ޓްރާންސްޕޯޓް މިނިސްޓްރީގެ ބަހެއް ހޯދުމަށް ގުޅުމުން ބުނީ، ޓެކްސީ ޑްރައިވަރުންގެ މި ނިންމުމަށް މިނިސްޓްރީން އަދި ވަކި ގޮތެއް ނިންމާފައިވާ ނުވާ ކަމަށެވެ.

"މިކޮޅުން އެކްސްޓާރނަލީ އަދި ވަކި ގޮތެއް ނިންމާފަ އަދި ނާންގާ. ގޮތެއް ނިންމީމަ އެކަން އިންފޯރމް ކޮށްލާނަން."
ޓްރާންސްޕޯޓް މިނިސްޓްރީ

މާލޭ ސަރަހައްދުގައި ޓެކްސީގެ އަގުތައް ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި ޓްރާންސްޕޯޓް މިނިސްޓްރީން ރަސްމީކޮށް ބޮޑުނުކޮށްފިނަމަ މާޗް 10 ވަނަ ދުވަހުން ފެށިގެން އަގުބޮޑުކޮށް ދަތުރުތައް ކުރާނެ ކަމުގެ އިންޒާރު ޓެކްސީ ޑްރައިވަރުން ދީފިއެވެ.

ޓެކްސީ ޑްރައިވަރުން އަމިއްލައަށް ދަތުރުތަކުގެ އަގުތައް ބޮޑުކުރަން ނިންމީ ޓެކްސީ ސެންޓަރުތަކުގެ ވެރިން ރޭ ބޭއްވި މަޝްވަރާ ބައްދަލުވުމަކަށް ފަހުއެވެ. މިއީ ޓެކްސީ ސެންޓަރުތަކުން ދަތުރުތަކުގެ އަގުތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރަން ބޭއްވި މިފަދަ ތިން ވަނަ ބައްދަލުވުމެވެ.

ރޭގެ ބައްދަލުވުމުގައި ފާސްކުރި އަގުތަކަށް ޑްރައިވަރުންގެ ހިޔާލު ހޯދުމަށްފަހު، ފައިނަލް އަގުތައް ދެ ދުވަސްތެރޭގައި ޓްރާންސްޕޯޓަށް ހުށަހެޅުމަށް ވަނީ ނިންމައިފައެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ވަކި ގޮތަކަށް ނުނިންމި ކަމުގައި ވީނަމަވެސް، މާޗު 10 ވަނަ ދުވަހުން ފެށިގެން ހިދުމަތުގެ އަގު ބޮޑު ކުރުމަށް ވަނީ ފާސްކޮށްފައެވެ.