މާލޭ ސަރަހައްދުގައި ދުއްވާ ޓެކްސީ ދަތުރުތަކުގެ އަގު ކަނޑައަޅާނީ މިނިސްޓްރީން ކަމަށާއި ޑްރައިވަރުން ނޫންކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ބުނެފިއެވެ.

ދުނިޔޭގެ ބާޒާރުން ތެލުގެ އަގު ބޮޑުވެ ރާއްޖޭގައިވެސް އެ އަގު ބޮޑުވެފައި ވާތީ، މާލެ ސަރަހައްދުގައި ޓެކްސީ ހިދުމަތްދޭ ސެންޓަރުތަކުން މަޝްވަރާކުރުމަށްފަހު، ސެންޓަރަކުން ރޭ ބައްދަލުވުމެއް ބޭއްވުމަށްފަހު ނިންމައިފައި ވަނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން މާލެ ސަރަޙައްދުގެ ޓެކްސީ ދަތުރުތަކުގެ އަގު ބޮޑު ކުރުމަށެވެ.

ޓެކްސީ ސެންޓަރުުތަކުގެ މި ނިންމުމާ ގުޅޭގޮތުން ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝިމާޒް އަލީ ވިދާޅުވީ، އެފަދައިން އެކަން ނުކުރެވޭނެ ކަމަށާއި ތެލުގެ އަގު ބޮޑުވެގެން ނުވަތަ އެނޫންވެސް ހާލަތެއް ދިމާވެގެން ޑްރައިވަރުންނަށް ގެއްލުމެއް ވާނަމަ އަމިއްލައަށް ގޮތް ކަނޑައެޅުމުގެ ބަދަލުގައި އެކަން އެންމެ ފުރަތަމަ ހިއްސާ ކުރަން ވާނީ މިނިސްޓްރީއާ ކަމަށެވެ.

މިނިސްޓްރީން ފާސްކޮށް އިއުލާނު ކޮށްފައިވާ އަގަށް ވުރެ ބޮޑު އަގު ނުނެގޭނެ. ނަގާނަމަ އެ ފަރާތްތަކާ މެދު ޤާނޫނާއި ޤަވާއިދުގައިވާ ގޮތަށް ފިޔަވަޅު އަޅާނަން."
މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝިމާޒް އަލީ

ޝިމާޒް ވިދާޅުވީ އަދި މިހާތަނަށް ތެލުގެ އަގު ނުވަތަ އެނޫންވެސް ގޮތެއްގައި ޓެކްސީ ޑްރައިވަރުން އެމީހުންގެ ޝަކުވާ ހުށަހަޅާފައި ނުވާކަމަށެވެ.

މާލޭ ސަރަހައްދުގައި ޓެކްސީގެ ޚިދުމަތް ދެމުން އަންނަ ސެންޓަރުތަކުން މަޝްވަރާކުރުމަށްފަހު، ޓެކްސީ ޚިދުމަތް ދޭ އަގުތައް ބޮޑު ކުރަން ނިންމި ނިންމުމާއި ގުޅޭގޮތުން ވާހަކަދައްކާ ސެންޓަރުތަކުން ވަނީ ތަކެތީގެ އަގަށާއި ތެލުގެ އަގުތަކަށް އަންނަ ބަދަލުތަކާ ގުޅިގެން، ޓެކްސީ ދަތުރުގެ އަގުވެސް ބޮޑު ކުރުމަށް ނިންމައިފައިވާ ކަމަށެވެ.

ޓެކްސީ ޑްރައިވަރުން އަމިއްލައަށް ދަތުރުތަކުގެ އަގުތައް ބޮޑުކުރަން ނިންމީ ޓެކްސީ ސެންޓަރުތަކުގެ ވެރިން ރޭ ބޭއްވި މަޝްވަރާ ބައްދަލުވުމަކަށް ފަހުއެވެ. މިއީ ޓެކްސީ ސެންޓަރުތަކުން ދަތުރުތަކުގެ އަގުތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރަން ބޭއްވި މިފަދަ ތިން ވަނަ ބައްދަލުވުމެވެ.

ރޭގެ ބައްދަލުވުމުގައި ފާސްކުރި އަގުތަކަށް ޑްރައިވަރުންގެ ހިޔާލު ހޯދުމަށްފަހު، ފައިނަލް އަގުތައް ދެ ދުވަސްތެރޭގައި ޓްރާންސްޕޯޓަށް ހުށަހެޅުމަށް ވަނީ ނިންމާފައެވެ. ޓްރާންސްޕޯޓު މިނިސްޓްރީން ވަކި ގޮތަކަށް ނުނިންމި ކަމުގައި ވީނަމަވެސް، މާޗު 10 ވަނަ ދުވަހުން ފެށިގެން ހިދުމަތުގެ އަގު ބޮޑު ކުރުމަށް ވަނީ ފާސްކޮށްފައެވެ.