ކުލަކުލައިގެ ރީތި ހެދުން އެޅުމާއި، ރަތް ދޫލައިގެ މަރުހަބާ ކިޔުމާއި ފިނިފެންމާ ދިނުމާއި ސަޔާއި ކެއުންތައް ބާއްވާ، ކޭކުފެޅުމާއި ހަފްލާތައް ބޭއްވުމަކީ އަންހެނުންގެ ދުވަހު އަންހެނުންގެ އަގު ވަޒަންކުރުމުގެ ގޮތުން މިހާރަކަށް އައިސް ކުރާ ކަންކަން ކަމަށް ވެދާނެއެވެ. އެކަމަކު، ރާއްޖޭގެ މި ފަހަކަށް އައިސް އަށަގެންފައިވާ މި އާދަ ދޫކޮށްލަން ޖެހިއްޖެއެވެ. ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް މިއަދު ފާހަގަކުރާއިރު ދުވަހުގެ މަގުސަދު އެފަދަ ކަންކަމުގެ ސަބަބުން އޮޅޭތީއެވެ.

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހަކީ ދުނިޔޭގައި އެންމެ ކުލަގަދަކޮށް ފާހަގަކުރާ އެއް ދުވަހެވެ. ކޮންމެ މާރިޗު މަހެއްގެ 8 ވަނަ ދުވަހަކީ އިޤުތިޞާދީ، ސިޔާސީ އަދި އިޖްތިމާޢީ ކަންކަމުގައި އަންހެނުންގެ ދައުރު ފާހަގަކުރުމަށާއި، އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށާއި، އަންހެނަކަށް ވީތީ ކުރާ ތަފާތުކުރުން ނައްތާލުމަށާއި، އަންހެނުންގެ ހައްޤުތައް ހޯދައިދިނުމަށް މަސައްކަތްކުރުމުގެ ގޮތުން ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަ ކުރާ އަންހެނުންގެ ދުވަހެވެ.

ޑައިވްކުރަން މޮޅު އަދި ފަރިތަ ދިވެހި އަންހެން ޑައިވަރުން އެބަ ތިބި --- ފޮޓޯ: ކޮރަލް ގްރާސް

މިދުވަސް ފާހަގަ ކުރުމުގެ ފިކުރު އެންމެ ފުރަތަމަ ހާމަކޮށްފައިވަނީ ޕްލެރެޒެޓް ކިން ކިޔާ އަންހެނެކެވެ. އެންމެ ފުރަތަމަ މި ދުވަސް ފާހަގަ ކޮށްފައިވަނީ 1911 ވަނަ އަހަރު އޮސްޓްރިއާ، ޑެންމާކް، ޖަރމަނީ، އަދި ސުވިޒަރލޭންޑްގައެވެ. 2011 އަހަރު މި ހަތަރު ޤައުމުން ވަނީ އަންހެނުންގެ ދުވަސް ފާހަގަ ކުރާތާ ގަރުނެއް ފުރުން ފާހަގަ ކޮށްފައެވެ. 1911ގެ އެ ފެށުމަށް ބަލާނަމަ، މިއަހަރުގެ މާރިޗު 8 ވެގެންދާނީ ބައިނަލްއަގުވާމީ 111 ވަނަ އަންހެނުންގެ ދުވަހަށެވެ. މި ދުވަސް ފާހަގަކުރުމަށް ދުނިޔޭގެ ގިނަ ޤައުމުތަކެއްގެ ތަރުހީބު ލިބި، ފާހަގަކޮށްލެވޭ ފެންވަރެއްގައި ބައިނަލްއަގުވާމީ ގޮތުން އަންހެނުންގެ ދުވަސް ފާހަގަ ކުރަންފެށީ 1975 ވަނަ އަހަރު އދ. އިން މިދުވަސް ޝިއާރަކާއި އެކު ފާހަގަ ކުރަން ފެށި ހިސާބުންނެވެ.

ޝައްކެއް ވެސް ނެތެވެ! މި ދުވަސް ބައިނަލްއަޤުވާމީ ފެންވަރެއްގައި ފާހަގަކުރެވޭ ވަރަށް ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި މުޖުތަމަޢުއެއްގައި އަންހެނުންގެ ދައުރު އަގުވަޒަންކުރުމާއި، އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތައް ސަމާލުކަމަށް ގެނެސް، އެކަންކަމަށް ޙައްލު ހޯދުމަށް މަސައްކަތްކުރުމާއި، މިންތީގެ ހަމަހަމަ ކަމަށް ބާރު އެޅުން ހިމެނެއެވެ.

ދިވެހިންގެ ތެރޭގައި ހީވާގި މަސައްކަތެރި އަންހެނުން އެބަ ތިބި --- ފޮޓޯ: ޔޫއެން

އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ ހަޤީޤަތަކީ، މިންތީގެ ހަމަހަމަކަމާ ގުޅޭ މައްސަލަތަކާއި ފަރަގުތައް ނައްތާލެވޭނީ، އެކަމުގައި ދެ ޖިންސުގެ ބައިވެރިވުން އޭގެ އެންމެ ފުރިހަމައަށް ލިބިގެންނެވެ. ހަމަހަމަ ކަމާއި އަންހެނުންގެ ޙައްޤުތަކުގެ ވާހަކައަކީ އިއްޔެ އަދި މިއަދު ދެކެވެން ފެށި ވާހަކައެއް ނޫނެވެ. މި ވާހަކައަކީ އެކި ޒަމާންތަކުގައި އެކި ގޮތަށް ދެކެވި، އަދި ދުނިޔޭގެ ބައެއް ޙަޟާރަތްތަކުގައި ފުރިހަމައަށް ތަންފީޛުކުރެވިފައިވާ ކަމެކެވެ. އެކަމުގެ އެންމެ ފުރިހަމަ މިސާލަކީ އިސްލާމީ ޙަޟާރަތެވެ.

އިސްލާމީ ޙަޟާރަތުގެ ރަންޒަމާނުގައި، އަންހެނުން ވެފައިވަނީ ތަރައްޤީއާއި ތަމައްދުނުގެ ބިންގާ ކަމުގައެވެ. ދުނިޔޭގެ އެންމެ ފުރަތަމަ ޔުނިވާސިޓީ ބިނާކުރެވުނީ މޮރޮކޯގައެވެ. އެ ލަޤަބު ލިބިގެންގޮސްފައި ވަނީ މޮރޮކޯގެ މުސްލިމް އަންހެނެއް ކަމުގައިވާ ފާޠިމާ އަލް ފިހްރީއަށެވެ. މީގެ އިތުރުން، ދީނީ ޢިލްމާއި، ބޭސްވެރިކަމާއި، ސިޔާސީ މައިދާނުގެ އިތުރުން އަސްކަރިއްޔާގައި އަންހެނުން ވެފައިވަނީ ފާހަގަކުރެވޭ ބައެއް ކަމުގައެވެ.

މިއަދު ދުނިޔޭގެ އެކިކަންކޮޅުތަކުގައި މި ދުވަސް ފާހަގަކުރެވޭއިރު، މި ހިނގާ 21 ވަނަ ޤަރުނަކީ އަންހެނުންގެ ޙައްޤުތައް ހޯދުމަށް އެންމެ ބޮޑަށް ވަކާލާތުކުރާ އެއް ޒަމާނެވެ. އެކަމަކު ތާރީޚުގެ ތެރެއިން އެކިއެކި ޒަމާންތަކުގައި ވެސް މި ހައްގުތައް ހޯދުމަށާއި އަންހެނުން ބާރުވެރިކުރުވުމަށް އެކި މިންވަރުން ވަކާލާތު ކުރެވިފައިވާކަން ގައިމެވެ.

ދިވެހިންގެ ތެރޭގައި ހީވާގި މަސައްކަތެރި އަންހެނުން އެބަ ތިބި --- ފޮޓޯ: ބީއެމްއެލް

ދިވެހިރާއްޖެއަކީ ވަރަށް ފުރިހަމަ، އަދި މުއްސަނދި ޒަމާންވީ ތާރީޚެއް އޮތް ޤައުމެކެވެ. ދިވެހި ތާރީޚް ހެކިދޭ ގޮތުގައި، ދިވެހި އަންހެނުންނަށް އިޖުތިމާޢީ އަދި ސިޔާސީ މައިދާނުގައި ހަމަހަމަ ކަމާއެކު ފުރުޞަތު ޒަމާންތަކެއް ކުރިން ލިބިދީފައިވެއެވެ. އެހެނީ ސިޔާސީ އަދި އިޖުތިމާޢީ ދާއިރާގައި ދިވެހި އަންހެނުން މުހިންމު ދައުރެއް އަދާކޮށްފައިވާކަން ތާރީޚުގެ ފަތްފުށްތަކުން ފެންނަން އެބަހުއްޓެވެ. ނަމަވެސް، އަންހެނުންގެ ޙައްޤުތައް އަލުން ހޯދުމަށް މިއަދު އަލުން ނުކުންނަން ޖެހުމަކީ އެކަމާ މެދު އަޅުގަނޑުމެން ފުންކޮށް ވިސްނަންޖެހޭ ކަމެކެވެ،

މިއަދަކީ މިކަމާ މެދު ފިކުރުކުރާންވީ ދުވަހެވެ. އަދި އަންހެނުންގެ ހައްގުތަކަށް ވަކާލާތުކޮށް އެ ކަނބަލުންގެ އަޑު އަހަންވީ ދުވަހެވެ. މިއަދަކީ އަންހެނުން ބާރުވެރިކުރުމަށް އަޒުމު ކަނޑައަޅައި އެ މަގުން ކުރިއަށް ދިއުމަށް އެންމެންނަށް ވެސް ހިތްވަރު ދޭންވީ ދުވަހެވެ. މިއީ އަންހެނުންނަށް ހާއްސަ ދުވަހެއް ކަމަށްބުނެ ފުއްދާލުން އެއީ ދުވަހުގެ މަގްސަދު ހާސިލް ވެދާނެ ކަމާމެދު ސުވާލު އުފެދޭ ކަމެކެވެ.

މަގްސަދު ހާސިލްވާނީ ދުވަހަށް ހާއްސަކޮށް ކޮންމެ އަހަރަކުވެސް ކަނޑައަޅާ މަގްސަދުތައް ހާސިލް ކުރުމަށް ކެނޑިނޭޅި މަސައްކަތް ކޮށްގެންނެވެ. އެގޮތުން މިއަހަރުގެ ޝިޢާރު، "ޖެންޑާ އީކުއެލިޓީ ޓުޑޭ ފޯ އަ ސަސްޓެއިނަބަލް ޓުމޯރޯ" އަކީ، ޒަމާނުއްސުރެ އަންހެނުންނަށް ހޯދައިދިނުމަށް މަސައްކަތް ކުރަމުން އަންނަ ޖިންސީ ހަމަހަމަކަން ގާއިމްކުރުމަށް ހަމަ ގައިމުވެސް މުހިންމު ޝިޢާރެކެވެ. އެހެންނަމަވެސް މިއީ ހަމައެކަނި ޝިޢާރެއް ހަދައިގެން ބޭއްވުމަށްވުރެ، އެކަމަށް އަމަލު ކޮށްގެން މެނުވީ ނަތީޖާ ނެރެވޭނެ ޝިޢާރެއް ނޫނެވެ.

ވަޒީފާގެ މާހައުލުގައި، ގޭތެރޭގައި، އަދި ކުޅިވަރުގެ މައިދާނުގައި އަންހެނުންނާ މެދު ގެންގުޅާ ތަފާތުކުރުންތައް ނައްތާލުމުން މެނުވީ "ޖެންޑާ އީކުއެލިޓީ ޓުޑޭ ފޯ އަ ސަސްޓެއިނަބަލް ޓުމޯރޯ" ހާސިލެއް ނުވާނެއެވެ. މާދަމާ މި ގައުމުގައި ފިރިހެނުންނެކޭވެސް އެއް ހަމައެއްގައި އަދި ފިރިހެނުންނަށް ވުރެވެސް ކުރީގައި އަންހެނުން ހަރަކާތްތެރިވާނަމަ ގައުމުގެ އުފެއްދުންތެރިކަން އިތުރުވެ، އިގްތިސޯދު ކުރި އަރައި، ހިންގުންތެރި ޖީލެއް ބިނާވެގެންދާނެއެވެ. އަންހެނުންނަށްވެސް ވާނެކަން އިހުސާސްކޮށްދެވޭނީ ފުރުސަތުތައް އެ ކަނބަލުންނަށް ފަހިކޮށްދޭން މަސައްކަތް ކުރެވިގެންނެވެ.

ކުލަކުލައިގެ ހެދުންވެސް ލާންވީއެވެ. ކޭކުވެސް ފަޅަންވީ އެވެ. މާމެލާ މެލިން އެކަނބަލުން ޖަރީކޮށް، ހިނިތުންވުން ގެނުވަންވީއެވެ. އެހެންނަމަވެސް މިދުވަހަކީ ހަމައެކަނި ކުލަކުލައިގެ ހެދުންލައި ކޭކުފަޅަން އޮތް ދުވަހަކަށް ނުހަދަމާތޯއެވެ؟ އަންހެނުންނީ ވަޠަނީ އުޑުގެ ހަނދާއި އޭގެ ހަނދުވަރެވެ. ގައުމީ ބިމުގެ ދިރުމާއި އޭގެ ވިންދެވެ.