މަދަމާ ފަހަގަކުރާ މިއަހަރުގެ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ ހަރަކާތްތައް ބާއްވާއިރު ބައެއް ކަންކަމަށް ސަމާލުވުމަށް ޖެންޑާ މިނިސްޓްރީން އެދިއްޖެއެވެ.

"ވީނިއުސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޖެންޑާ މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރ ރިޒްނާ ޒަރީރް ވަނީ އަންހެނުންގެ ދުވަސް ފާހަގަކުރާއިރު މަރުހަބާ ކިޔުމަށް ރަތް ދޫލަ އެޅުމާއި، މާބޮނޑި، ފިނިފެންމާ އަދި ޗޮކްލެޓް ފަދަ ތަކެތި ހަދިޔާއަށް ނުނިދިނުމަށް އެދިފައެވެ. އަދި މިގޮތަށް އެދުނީ މުޖްތަމައުގައި މިންތީގެ ހަމަހަމަކަން ގާއިމްކުރުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޖެންޑަ މިނިސްޓަރީން ބުނީ ހަދިޔާ ދިނުން އެއްކޮށް މަނާ ނުކުރާ ކަމަށެވެ.

މިނިސްޓްރީން ނެރުނު ސާކިއުލާގައި ބުނެފައި ވަނީ އަންހެނުންގެ ދުވަސް ފާހަގަކުރަން ވާނީ "ޖެންޑާ އީކުއެލިޓީ ޓުޑޭ ފޯ އަ ސަސްޓެއިނަބަލް ޓުމޯރޯ" ޝިއާރުގެ މަގްސަދު ހާސިލް ކުރެވޭނެ ގޮތަކަށެވެ.

ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީން ހަސަން ސޮއިކުރައްވާ އޮފީސްތަަކަށް ފޮނުއްވި ސާކިއުލާގައި ބުނެފައިވަނީ އަންހެނުންގެ ދުވަސް ފާހަގަކުރާއިރު ބައެއް ކަންކަމަށް ސަމާލުވުމަށާއި، މިއަހަރުގެ ޝިއާރުގެ މަގުސަދު ހާސިލްވާ ގޮތަށް އެ ދުވަސް ފާހަގަކުރުމަށެވެ.

އަންހެނުންގެ ދުވަސް ފާހަގަކުރަން އެތަކެތި އަންހެނުންނަށް ހަދިޔާއަކަށް ނުދިނުމުގެ އިތުރުން ވަކި ޖިންސަކަށް ނިސްބަތްވާ ކަމަށް މުޖުތަމައުގައި ގަބޫލުކުރެވޭ ކުލަތައް (މިސާލަކަށް އަންހެނުންނަށް ހާއްސަ ކަމަށް ބައެއް މީހުން ގަބޫލުކުރާ ފިޔާތޮށި ކުލަ) ބޭނުން ނުކުރުމަށް ސަމާލުކަން ދިނުމަށްވެސް މިނިސްޓްރީން އެދެއެވެ.