ގަވާއިދާ ޚިލާފަށް އަގުނަގާ ޓެކްސީ ޑްރައިވަރުންނާމެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިވެހި ފުލުހުންގެ ޚިދުމަތުން ދީފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މާލޭ ސަރަހައްދުގައި ޓެކްސީ ދަތުރުތައް ކުރުމަށް ކަނޑައަޅާފައިވާ އަގުތަކަށް ބަލާއިރު، މާލެ އަދި ހުޅުމާލެ އެތެރޭގެ ދަތުރުތަކަށް ނެގޭނީ 25 ރުފިޔާއެވެ. ހުޅުމާލޭ ދެ އަވށުގެ ދެމެދުގައި ކުރާ ދަތުރަކަށް 40 ރުފިޔާ ނެގޭއިރު، މާލެ އާއި ހުޅުމާލެއާ ދެމެދު ކުރާ ދަތުރަކަށް ނެގޭނީ 75 ރުފިޔާއެވެ. އަދި އެއާޕޯޓާއި މާލޭ/ ހުޅުމާލެއާ ދެމެދު ކުރެވޭ ދަތުރަކަށް ނެފޭނީ 60 ރުފިޔާއެވެ. މީގެ އިތުރުން، މާލޭން ހުޅުމާލޭގެ ދެ ވަނަ ފިޔަވައްސަށް ކުރާ ދަތުރުގެ އަގަކީ 90 ރުފިޔާ ކަމަށް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ.

މެންދަމު 1200ގެ ފަހުން މި އަގުތަކުގެ އިތުރަށް 5 ރުފިޔާ ނެގިދާނެ ކަމަށް ގަވާއިދުގައި ވެއެވެ.

މި ގަވާއިދާ ޚިލާފުވާ ފަރާތްތަކާމެދު ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެ ކަމަށް ފުލުހުން ބުނެފައި ވަނީ، ތެޔޮ އަގު ބޮޑުވުމާއި ގުޅިގެން ޓެކްސީ ދަތުރުތަކުގެ އަގު ބޮޑު ކުރާނެ ކަމަށް ބައެއް ޓެކްސީ ސެންޓަރުތަކުނާއި ޑްރައިވަރުން ބުނަމުންދާ ދަނޑިވަޅެއްގައެވެ.

މި މަހުގެ 5 ވަނަ ދުވަހުގެ ރޭ މާލެ ސަރަހައްދުގައި ޓެކްސީ ހިދުމަތްދޭ ސެންޓަރުތަކުން މަޝްވަރާކުރުމަށްފަހު، ނިންމައިފައި ވަނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން މާލެ ސަރަޙައްދުގެ ޓެކްސީ ދަތުރުތަކުގެ އަގު ބޮޑު ކުރުމަށެވެ.

ނަމަވެސް އެ ގޮތަށް އެކަން ނުކުރެވޭނެ ކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ބުނެއެވެ.