ދުނިޔޭގެ ގިނަ ގައުމުތަކުގައި، އަދި ދިވެހިރާއްޖޭގައިވެސް ދިމާވާ ބޮޑެތި ކާރިސާތަކާއި، ކުރިމަތިވާ ހާލަތްތަކުގައި، ނޭދެވޭ އަސަރުތައް އެންމެ ބޮޑަށް ކުރާ އެއް ބަޔަކީ އަންހެނުންނާއި އަންހެން ކުދިން ކަމަށް މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައެވެ.

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ދުވަހުގެތަހުނިޔާ ފޮނުއްވާ ޖެންޑަރ މިނިސްޓަރ އާއިޝަތު މުހައްމަދު ދީދީ ދެއްވި ޚިޠާބުގައި ވަނީ ދުނިޔޭގެ ގިނަ ޤައުމުތަކުގައި، އަދި ދިވެހިރާއްޖޭގައިވެސް، ކޮވިޑް-19 ގެ ހާލަތުގެ ސަބަބުންވެސް އެންމެ ބޮޑު ގޮންޖެހުމަކާއި ކުރިމަތިލާން ޖެހުނީ އަންހެނުންނަށް ކަމަށެވެ.

" ކޮވިޑް-19 ގެ ޙާލަތުގައި އަޅުގަނޑުމެނަށް އެކި ދާއިރާތަކުން މިކަން ސާފުކޮށް ފެނިގެންދިޔަ. އެގޮތުން، 2020 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖެއަށް ދިމާވި އިޤްތިޞާދީ ހީނަރުކަމުގެ ނޭދެވޭ އަސަރުތައް އެންމެ ބޮޑަށް ފެނިގެންދިޔައީ ގިނައިން އަންހެނުން ހަރަކާތްތެރިވާ ‘އިންފޯރމަލް ސެކްޓަރ’ގައި. ކޮވިޑް19 ލޮކްޑައުންއަށް ފަހު ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ މައްސަލަތައް ރިޕޯޓުކުރާ މިންވަރު އިތުރުވެގެންދިޔައިރު، މިނިސްޓްރީއަށް ހުށަހެޅިފައިވާ ގިނަ މައްސަލަތަކަކީ އަންހެނުންނަށް ކުރާ އަނިޔާގެ މައްސަލަތައް. އަޅުގަނޑުމެންގެ ނިޒާމުތައް މިހާރު ހުރި ގޮތުން، މިފަދަ ކޮންމެ ލޮޅުމެއްގައިވެސް، އޭގެ ނޭދެވޭ އަސަރުތައް އަންހެނުންނާއި އަންހެން ކުދިންނަށް ކުރިމަތިވޭ. ދުނިޔެއަށް ކުރިމަތިވެފައިވާ މޫސުމީ ބަދަލުތަކަކީވެސް މިފަދަ ކަމަކަށް ވެގެންދާނެ."
ޖެންޑަރ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ

މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ކަންކަމުން އަރައިގަތުމަށްޓަކައި، އަދި އެފަދަ ބަދަލުތަކަށް އަހުލުވެރިވުމަށްޓަކައި، އަންހެނުން އަދާކުރަމުންދާ ދައުރާއި، އަންހެނުންގެ ތަޖުރިބާރަތައް ދެނެގަނެ، ފާހަގަކުރުމަކީ މުހިންމުކަމެއްކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަންހެނުންނަކީ އާބާދީގެ ދެބައިކުޅަ އެއްބައިކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، އަންހެނުންނަކީ މުޖުތަމަޢެއްގެ ވިސްނުމާއި، ޚިޔާލުތަކާއި، ހައްލުތަކާއި، ތަޖުރިބާތަކުގެ ދެބައިކުޅަ އެއްބައި ހިއްސާކުރާ ފަރާތްތައްކަމަށެވެ. އެހެންކަމުން، ދެމެހެއްޓެނިވި މާދަމާއެއް ނުވަތަ މުސްތަޤްބަލެއް ބިނާކުރަން މަސައްކަތްކުރާއިރު، އެ މަސައްކަތްތަކުގައި އަންހެނުންގެ ފުރިހަމަ ބައިވެރިވުމާއި ހިއްސާ އޮންނަން ޖެހޭކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖެ ފަދަ ކުޑަ ޖަޒީރާ ގައުމުތަކަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވަ ނޭދެވޭ އަސަރުތަކުގެ ބިރު އެންމެ ބޮޑަށް ކުރިމަތިކުރާނެ ޤައުމުތައް ކަމަށާއި ރާއްޖޭގެ ނިޒާމުތައް މިހާރު ހުރި ގޮތުން، ކޮންމެ ލޮޅުމެއްގައިވެސް، އޭގެ ނޭދެވޭ އަސަރުތައް އަންހެނުންނާއި އަންހެން ކުދިންނަށް ކުރިމަތިވާކަމަށާއި، ދުނިޔެއަށް ކުރިމަތިވެފައިވާ މޫސުމީ ބަދަލުތަކަކީވެސް މިފަދަ ކަމަކަށް ވެގެންދާނެކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

"ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވަ ނޭދެވޭ އަސަރުތަކުގެ ބިރު އެންމެ ބޮޑަށް ކުރިމަތިކުރާނެ ޤައުމެއް. އަޅުގަނޑުމެންގެ ރަށްރަށުގައި އުދަ އެރުމާއި، ބޯކޮށް ވިއްސާރަވެ ފެން ބޮޑުވުމުގެ ހާދިސާތައް ވަނީ އިތުރުވެފަ. މިފަދަ ހާލަތްތަކުގައި، ކުދިން ސްކޫލަށް ފޮނުވުމަށާއި، ސިއްހީ ޚިދުމަތްތައް ހޯދުމުގައި ދަތިތައް ކުރިމަތިވެ، ދިމާވާ ގޮންޖެހުންތަކާ އެންމެ ގާތުން ކުރިމަތިލާން ޖެހެނީ އަޅާލުމާއި ކުދިން ބެލުމުގެ ޒިންމާ އުފުލަމުންދާ އަންހެނުންނަށް. މޫސުމީ ބަދަލުތަކާ ގުޅޭ މައްސަލަތަކަކީ ދިގު ދެމިގެންދާ އަސަރުތަކެއް އިޖްތިމާޢި ތަރައްޤީއަށާއި، އިޤްތިޞާދަށާއި އަދި އެހެނިހެން ދާއިރާތަކަށްވެސް ކުރާނެ މައްސަލައެއް. އެހެންކަމުން، އަޅުގަނޑުމެންގެ ދޮންވެލި ބިމާއި، ޖަޒީރާ ރަށްތަކާއި، ނޫ ކަނޑުތަކާއި، ފަޅުތަކާއި، ދިވެހިރާއްޖޭގެ ޤުދުރަތީ ވަސީލަތްތައް ހިމާޔަތްކޮށް، ކުރިއަށް އޮތް ޖީލުތަކަށް މި އަމާނާތް ފޯރުކޮށްދިނުމަށްޓަކައި، ސިޔާސަތު އެކުލަވާލުމުގައާއި، ކަންކަން ރޭވުމުގައި ބަދަލުތަކެއް ގެންނަން އެބަ ޖެހޭ. މި ބަދަލަކީ ކަންކަން ރާވާ، ނިންމާ އަދި ތަންފީޒުކުރާ މަރުހަލާތަކުގައި ދެޖިންސުގެ މައުނަވީ ބައިވެރިވުމާއި، ދެޖިންސުގެ ޚިޔާލާ، ފިކުރާއި ތަޖުރިބާ ހިމަނައިގެން ގެނެވޭ ބަދަލަކަށް ވާންޖެހޭ."
ޖެންޑަރ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ

ޖެންޑަރ މިނިސްޓަރުގެ ޚިޠާބުގައި ދެމެހެއްޓެނިވި މާދަމާއަކަށް، އަންހެނުންގެ ބައިވެރިވުމާއި، އަންހެނުންގެ ހިއްސާ އިތުރުކުރަން ޖެހޭކަން ފާހަގަކުރައްވާ ވިދާޅުވީ، 2030 ވަނަ އަހަރަށް ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށާއި، ދިވެހި ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމި މުޢާހަދަތަކަށް ރިޕޯޓުކުރުމުގައި، ދިވެހިރާއްޖޭގެ އަންހެނުންގެ ޙާލަތު ބަދަލުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ.

އެގޮތުން 2016 ވަނަ އަހަރު ތަސްދީޤުކުރެވުނު ޖެންޑަރ އީކުއަލިޓީ ޤާނޫނުގެ ދަށުން 2019 ވަނަ އަހަރު އެކުލަވާލެވުނު ނެޝަނަލް ޕޮލިސީ އޮން ޖެންޑަރ ފުރިހަމައަށް ތަންފީޒުކުރުމަށްޓަކައި ޤައުމީ ފެންވަރުގައި މަސައްކަތްކުރާނެ އެކްޝަން ޕްލޭނެއް ފާސްކޮށްފައިވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ޔޫ.އެން.ޑީ.ޕީ އަދި އޮސްޓްރޭލިއާގެ ސަރުކާރުގެ ދީލަތި އެހީތެރިކަމާއި ފަންނީ ލަފާއާއެކު، 2021 ވަނަ އަހަރު އެކުލަވާލެވުނު ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން، މިދިޔަ ފެބުރުވަރީ މަހުގެ 22 ގައި ވަޒީރުންގެ މަޖިލީހުން ފާސްކުރެވިގެންދިޔުމަކީ ދިވެހިރާއްޖޭގައި މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށް ކުރާ މަސައްކަތް ތަކުގައި އެޅިގެންދިޔަ އެންމެ މުހިންމު އެއް ފިޔަވަޅުކަމަށްވެސް މިނިސްޓަރ އެކަމަނާގެ ޚިޠާބުގައި ވިދާޅުވެފައިވެއެވެ.

އަދި މި އެކްޝަން ޕްލޭން ތަންފީޒުކުރުމުގައި ލަފާދެއްވުމަށް އެކުލަވާލާ ސްޓިއަރިން ކޮމިޓީގައި އިސްކޮށް ހުންނެވުމަށް ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށް ނިންމެވި ނިންމުމަކީވެސް، މި ސަރުކާރުން އަންހެނުން ބާރުވެރިކުރުމަށް އަދި ޚާއްސަކޮށް އެމަނިކުފާނު، އަންހެނުން ކުރިއެރުވުމަށް ދެއްވާ އަހައްމިއްޔަތުކަން ޔަގީންކުރެވިގެންދިޔަ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

ޖެންޑަރ އީކުއަލިޓީ ޤާނޫނުގެ ދަށުން، ކައުންސިލުތަކަށް ޒިންމާތައް ހަވާލުކުރުމަށް މިދިޔަ އަހަރުގެ ޑިސެންބަރުގައި ގެޒެޓްކުރި ޤަވާއިދަށް، މި އަހަރުގެ ޖޫން މަހުން ފެށިގެން ޢަމަލުކުރަންފަށާނެ ކަމަށްވެސް މިނިސްޓަރުގެ ޚިޠާބުގައި ވަނީ ވިދާޅުވެފައެވެ.

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހެއް ފާހަގަކުރުމުގެ މަޤްސަދަކީ، އަންހެނުންނަށް ލިބިފައިވާ ހައްޤުތައް ކަށަވަރުކުރުމަށާއި އަންހެނުންގެ ޙާލަތު ރަނގަޅު ކުރުމަށް އެކި ދާއިރާތަކުން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކޮށް، ދިވެހިރާއްޖޭގައި އަންހެނުން ބާރުވެރި ކުރުމަށާއި މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް އެކި ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަންކުރުމެވެ.

މި ދުވަސް ފާހަގަކުރުމުގެ ގޮތުން ޔޫ.އެން.ވިމެން އިން މިއަހަރަށް ކަނޑައަޅާފައިވާ ޝިޢާރަކީ، "ދެމެހެއްޓެނިވި މާދަމާއަކަށް، މިންތީގެ ހަމަހަމަކަން މިއަދު" އެވެ.