ކޯޓު އަމުރެއް ހޯދައިގެން މެނުވީ ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ނުކުރެވޭނެ ކަމަށް ބަޔާންކޮށްފައިވާ ކަންކަމުގައި އަމުރަކަށް އެދި ހުށަހެޅި ދުވަހު އެއާމެދު ގޮތެއް ނިންމުމަށް ސުޕްރީމް ކޯޓުން ދަށު ކޯޓުތަކަށް އަންގައިފިއެވެ.

އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ސޮއިކުރައްވާ މިއަދު ނެރުއްވި ޕްރެކްޓިސް ޑައިރެކްޝަންގައި ބުނެފައިވަނީ، ކޯޓު އަމުރެއް ހޯދައިގެން މެނުވީ ގާނޫނު ތަންފީޒްކުރާ އިދާރާތަކަށް ނުކުރެވޭ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ނުވަތަ ޖިނާއީ އެހެން ގާނޫނެއްގައި ބަޔާންކޮށްފައިވާ ކަންކަމުގައި ގާނޫނު ތަންފީޒްކުރާ އިދާރާއަކުން އަމުރަކަށް އެދި ހުށަހަޅައިފިނަމަ، އެއަމުރަކަށް އެދި ކޯޓަށް ހުށަހެޅި ތާރީޚުގައި އެ އަމުރު ނެރުމާމެދު ކޯޓުން ގޮތެއް ނިންމަން ވާނެ ކަމަށެވެ.

އަދި، ކޯޓުގެ އިޚްތިޔާރުން ބޭރުގެ ކަމެއް ދިމާވެގެން އެ ތާރީޚުގައި އެއަމުރު ނެރުމާމެދު ކޯޓުން ގޮތެއް ނުނިމިއްޖެނަމަ، އެންމެ ލަސްވެގެން ޖެހިގެން އަންނަ ދުވަހު ގޮތެއް ނިންމަންވާނެ ކަމަށާއި، އެފަދަ ހާލަތެއްގައި ލަސްވި ސަބަބު ލިޔުމުން ރެކޯޑު ކުރަން ވާނެ ކަމަށް ބުނެފައިވެއެވެ.

މީގެއިތުރުން، މަދަނީ އަދި އާއިލީ މައްސަލަތަކުގައި ވަގުތީ އަމުރު ނެރުމަށް އެދި ހުށަހަޅާ ހުށަހެޅުންތަކާމެދު ގޮތެއް ނިންމުމުގައި ވަގުތީ އަމުރު ނެރުމަށް އެދޭ ކަމަކީ އާންމު ދިރިއުޅުމުގައި ކޮންމެ ދުވަހަކު ބޭނުންވާ އަސާސީ ޚިދުމަތަކާ ގުޅޭކަމެއް، ނުވަތަ ވަގުތުން ފިޔަވަޅު ނާޅައިފިނަމަ ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއް ލިބުމުގެ އިޙްތިމާލު ފާޅުކަންބޮޑުގޮތެއްގައި ފެންނަން އޮތް ކަމެއްނަމަ، އެ އަމުރަކަށް އެދި ހުށަހެޅި ހުށަހެޅުމާމެދު މައްސަލަ ބަލާ ސެކްޝަނަށް ލިބޭ ތާރީޚުގައި ގޮތެއް ނިންމަންވާނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

އަދި، ފަނޑިޔާރުގެ އިޚްތިޔާރުން ބޭރުގެ ކަމެއް ދިމާވެގެން އެ ތާރީޚުގައި އެ އަމުރު ނެރުމާމެދު ގޮތެއް ނުނިމިއްޖެނަމަ، އެންމެ ލަސްވެގެން ހުށަހެޅި ތާރީޚުން ފެށިގެން 72 ގަޑިއިރު ތެރޭގައި ގޮތެއް ނިންމަންވާނެ ކަމަށާއި، ލަސްވި ސަބަބު މައްސަލައިގެ ފައިލްގައި ލިޔުމުން ރެކޯޑު ކުރަންވާނެ ކަމަށްވެސް ސުޕްރީމް ކޯޓުން ވަނީ އަންގާފައެވެ.