އަމިއްލަ ދެދަރިންނަށް ޖިންސީގޯނާކުރި ކަމުގެ ކުށް ސާބިތުނުވާ ކަމަށް މެޖިސްޓްރޭޓް ކޯޓަކުން ކުރި ހުކުމެއް، ހައި ކޯޓުން ދަމަހައްޓާފައި ވަނިކޮށްދަމަހައްޓާފައި ވަނިކޮށް، އެ ހުކުމް ބާތިލްކޮށް އޭނާ 20 އަހަރަށް ޖަލަށް ލުމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.

އޭނާގެ ދެދަރިންނަށް ޖިންސީ އަނިޔާކޮށްފައިވަނީ 2013 ވަނަ އަހަރު އެކުދީންގެ މަންމަ ބޭސްފަރުވާއަށް މާލެ އައި ދުވަސްވަރުއެވެ. އެމީހާއާ ދެކޮޅަށް އޭރު ދައުލަތުން އުފުލި ދައުވާ ސާބިތުނުވާ ކަމަށް މެޖިސްޓްރޭޓް ކޯޓަކުން ހުކުމް ކުރުމުން ދައުލަތުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށްފައެވެ. ނަމަވެސް ހައިކޮޓުން ވަނީ ދަށުކޯޓުގެ ހުކުމް ދަމަހައްޓާފައެވެ.

އޭނާގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ދަށުކޯޓުން ނިންމާފައިވަނީ ކުޑަކުދިންނަށް ޖިންސީގޯނާ ކުރާ މީހުންނަށް ހާއްސަ އުސޫލަކުން އަމަލުކުރުމުގެ ގާނޫނުގެ (47) ވަނަ މާއްދާގައި ބުނާ ފަސް ބާވަތުގެ ހެކި ލިބިފައިނުވާ ކަމަށް ބުނެއެވެ. ނަމަވެސް، ހައިކޯޓަށް މައްސަލަ ހުށަހެޅުމުން މައްސަލަ ބެލި ފަނޑިޔާރުންގެ ރައުޔު ތަފާތުވެފައިވާއިރު، ހެކިހުރި ކަމަށް އެއް ރައުޔުގައިވެއެވެ.

އެއަށްފަހު ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރުމުން އެފަދަ އެހެން މައްސަލަތަކުގައި މީގެ ކުރިން ލިބުނު ވަރަށް ވުރެ ވަރުގަދަ ހެކިތައް އެ މީހާއާ ދެކޮޅަށް ހުރިކަމަށް އެކޯޓުން ކުރި ހުކުމުގައިވެއެވެ.

އެގޮތުން، އެތަނުން އެއް ކުއްޖަކަށް ޖިންސީ ގޯނާ ކުރަނިކޮށް ދެ ފަހަރެއްގެ މަތިން ފެނުނު ކަމަށް ކުއްޖާގެ ބޮޑުދައިތަ ބުނެފައިވާ ކަމަށާއި، އަނިޔާ ލިބުނު ކުއްޖާ އެކަމާ ރުޅި އައިސްގެން ހަޅޭއްލެވި ކަމަށް ހުކުމުގައި ބުނެފައިވެއެވެ. އަދި، ހާދިސާ ހިނގިތާ ހަތަރު އަހަރު ފަހުން، އޭނާއަށް ފެނުނު މަންޒަރު ތަފްސީލުކޮށް ބޮޑުދައިތަ ކޯޓުގައި ކިޔައިދީފައިވާތީ އޭނާއަކީ ވިސްނުމާއި ފެނުނު މަންޒަރު ސިފަކޮށް ދިނުމުގެ ގާބިލްކަން ހުރި މީހެއް ކަމަށްވެސް ބުނެފައިވެއެވެ.

މީގެއިތުރުން، އެއމުރުގެ ކުއްޖެއްގެ ޖިންސީ ގުނަވަނުން ފެނިގެން ނުވާނެ ފަދަ ޒަހަމްތަކެއް ދެ ކުދިންގެ ތެރެއިން ހަގު ކުއްޖާގެ ގުނަވަނުން ފެނިފައިވާކަން މެޑިކަލް ރިޕޯޓްތަކުން އެނގެން ހުރިއިރު، އެކުދިންގެ ވާހަކަތަކާ ލިބުނު އެހެން ހެކިތައް ގުޅުވާލުމުން އެ ކުދިންގެ ވާހަކަތަކަކީ އާދަޔާ ހިލާފް ތެދެއް ކަމަށް ގަބޫލު ކުރެވޭތީ އޭނާގެ މައްޗަށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވާ ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

އެކުދީންގެ ބައްޕަ 20 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވަނީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. މައްސަލަ ބައްލަވާފައިވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ފަނޑިޔާރު ހުސްނުއްސުއޫދު އަދި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ.