ވިލިމާލޭގައި ހުރިހާ އުމުރުފުރާއަކަށް ޙާއްޞަކޮށް ޕާކެއް ގާއިމްކުރަން ޝައުގުވެރިވާ އިންވެސްޓަރުން ހޯދުމުގެ މަސައްކަތް ފަށާފައިވާކަން މާލޭ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން މިކަން ހާމަކުރީ، ސިޓީ ކައުންސިލުން ވިލިމާލޭ ރައްޔިތުންނާއެކު ބޭއްވި ބައްދަލުމުގައެވެ.

އެ ބައްދަލުވުމުގައި މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އެ ރަށުގައި ފެންވަރު ރަނގަޅު، ހުރިހާ އުމުރުފުރާއަކަށް ޙާއްޞަކޮށް ޕާކެއް ގާއިމްކުރަން ޝައުގުވެރިވާ އިންވެސްޓަރުން ހޯދަން މިހާރު އިޢުލާނުކޮށްފައި ވާނެކަމަށެވެ. ޑރ. މުއިއްޒު ވިދާޅުވީ، "އެޑްވެންޗަރަސް" ކޮންސެޕްޓަކަށް ގާއިމްކުރާ އެ ޕާކަކީ ވިލިމާލެ ގަސްތަކުތެރޭ ގާއިމްކުރާ ޕާކެއްކަމަށެވެ.

އަދި މާލޭގައި ވެސް ގާއިމްކޮށްފައި ނުވާ ފެންވަރުގެ ޕާކަކަށް އެޕާކު ވާނެކަމަށް މޭޔަރު ވިދާޅުވިއެވެ.

ވިލިމާލޭގައި މޫދު ކުޅިވަރު ކުރިއެރުވުން މުހިންމުކަން ފާހަގަކުރަށްވައި މޭޔަރު ވިދާޅުވީ އެ ރަށުގައި ވޯޓާ ސްޕޯޓްސް ވެސް ވަރަށް އަވަހަށް ގާއިމްކުރާނެކަމަށެވެ.

މީގެ އިތުރުން، ޑރ. މުޢިއްޒު ވިދާޅުވީ އެ ރަށުގައި އަޅަން ނިންމާފައިވާ 500 ހައުސިން ޔުނިޓަކީ ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ތޮއްޖެހުން ހައްލުކުރުމަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

"މިތަނަށް [ވިލިމާލެއަށް] އާ އާބާދީއެއް ނޫން މި އަންނަނީ. އަޅުގަނޑުމެންގެ [ސިޓީ ކައުންސިލްގެ] ވިސްނުމަކު ނެތް އާބާދީއެއް މިތަނަށް އަންނަން ލިބޭ ފުރުސަތަކަށް މިކަން ވާކަށް. މި ޕްރޮޖެކްޓްގެ މައިގަނޑު މަގުސަދަކީ ތި ބޭފުޅުން [ވިލިމާލޭ ރައްޔިތުން] ގޭގަ ބަންދުވެފަ ތިބޭ ތިބުމަށް ލުޔެއް ގެނެސްދިނުން،"
ޑރ. މުހައްމަދު މުއިއްޒު/ މާލޭ ސިޓީ ކައުންސިލްގެ މޭޔަރު

މުއިއްޒު ފާހަގަކުރެއްވި ގޮތުގައި، ސިޓީ ކައުންސިލްގެ ވިސްނުމަކީ، އާބާދީއެއް އިތުރުކުރުމުގެ ފުރުސަތު ލިބިދޭ ކަމަކަށް އެ ކަން ނުހެދުމެވެ.

މި ޕްރޮޖެކްޓްގެ މައިގަނޑު މަގުސަދަކީ ވިލިމާލޭ ރައްޔިތުން ގޭގަ ބަންދުވެފަ ތިބޭ ތިބުމަށް ލުޔެއް ގެނެސްދިނުން ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.