ޓެކްސީ ޑްރައިވަރުންނަށް ދިމާވެފައިވާ މައްސަލައާ ގުޅިގެން އެ ފަރާތްތަކުން ހުށަހެޅި ހުށަހެޅުންތަކަށް ގޮތެއް ނިންމަން ޓްރާންސްޕޯޓް މިނިސްޓްރީން, ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރުމަށް ނިންމައިފިއެވެ.

ޓެކްސީ ސެންޓަރުތަކާއި ޑްރައިވަރުން ސަރުކާރަށް ޑިމާންޑްތަކެއް ކުރުމަށްފަހު, އެކަމަށް އެދެވޭ ޖަވާބެއް ނުލިބުމުން މިއަދު މެންދުރު 13:00ގައި ވަނީ ހުޅުމާލޭގައި ހިމޭން އިހްތިޖާޖެއް ފަށާފައެވެ.

އިހްތިޖާޖް ފެށިތާ ގަޑިއެއްހާއިރު ފަހުން ޓްރާންސްޕޯޓް މިނިސްޓްރީން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ, ޓެކްސީ ޑްރައިވަރުންގެ ފަރާތުން ހުށަހެޅި މައްސަލަތަކަށް ހައްލު ހޯދައި, ސްޓޭކްހޯލްޑަރުންގެ މަޝްވަރާއާއެކު ޓްރާންސްޕޯޓް މިނިސްޓްރީން ގޮތެއް ނިންމާނެ ކަމަށެވެ.

ދުނިޔޭގެ ބާޒާރުން ތެލުގެ އަގު ބޮޑުވެ ރާއްޖޭގައިވެސް އެ އަގު ބޮޑުވެފައި ވާތީ، މާލެ ސަރަހައްދުގައި ޓެކްސީ ހިދުމަތްދޭ ސެންޓަރުތަކުން މަޝްވަރާކުރުމަށްފަހު، 6 މާރިޗު ވަނަ ދުވަހު ނިންމައިފައި ވަނީ 10 މާރިޗު ވާ ބުރާސްފަތި ދުވަހުން ފެށިގެން މާލެ ސަރަޙައްދުގެ ޓެކްސީ ދަތުރުތަކުގެ އަގު ބޮޑު ކުރުމަށެވެ.

ޓެކްސީ ދަތުރެއް 25 ރުފިޔާ އަށް ކުރި ދުވަސްވަރު 8 ރުފިޔާ އަށް އަށް ޕެޓްރޯލް ލިޓަރެއް ލިބުނަސް ރަޝިއާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން މި ހަފުތާ އިން ފެށިގެން 14.60 ރުފިޔާ އަށް އުފުލުމުން، ދަތުރުތަކުގެ އަގު ބޮޑުކުރަން ނިންމީ ކަމަށް ޓެކްސީ ޑްރައިވަރުން ބުނެއެވެ. އެ އަގު ބޮޑުކުރަން ނިންމީ މާލެ އާއި ހުޅުމާލޭގައި ޓެކްސީ ދުއްވާ ހުރިހާ ސެންޓަރުތަކެއްގެ އިއްތިފާގުންނެވެ.

ޓެކްސީ ޑްރައިވަރުން ބުނާ ގޮތުގައި ދަތުރުގެ އަގު ބޮޑުކުރި ނަމަވެސް ތެލުގެ އަގު ދަށްވުމުން އަނެއްކާ ވެސް އަގު ހެޔޮ ކުރުމަށް މަޝްވަރާކުރާނެއެވެ.

އެހެން ނޫން ނަމަ ދެން އޮތް ގޮތަކީ ޓެކްސީތަކުގައި މީޓަރު ހަރުކުރުމެވެ. މީގެ ދެ އަހަރު ވުރެ ކުރިން ސަރުކާރުން ޓެކްސީތަކާއެކު އެގޮތަށް މަޝްވަރާކުރިޔަސް މިހާތަނަށް އެކަމުގައި އެއްބާރުލުން ނުލިބޭ ކަމަށް ޑްރައިވަރު ބުނެއެވެ.