މަސް އެކްސްޕޯޓު ކުރުމުގައި ދިމާވާ ދަތިތަކުގެ ސަބަބުން މަސްވެރިކަމަށް ކުރަންޖެހޭ ޚަރަދު ވަރަށް ބޮޑު ކަމުގައި މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ.ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ "ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން"ގެ ޑިރެކްޓަރ ޖެނެރަލް ޑރ. ކިއު ޑޮންގްޔޫއާ އެކު ބޭއްވެވި ރަސްމީ ބައްދަލުވުމެއްގައެވެ.

މި ދަތުރުފުޅުގައި ޑރ. ކިއު ޑޮންގްޔޫ މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަންއާއި ބައްދަލު ކުރައްވައި ރާއްޖޭގެ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުމަށް ހުރި ގޮންޖެހުންތައް ފާހަގަކޮށް އެ ގޮންޖެހުންތަކުން އަރައިގަންނާނެ ގޮތްތައް ދެނެގަތުމަށް ވަނީ މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުވުމުގައި މަސްވެރިކަމާއި ދަނޑުވެރިކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ފާހަގަކުރައްވަމުން، މިނިސްޓަރ ވަނީ ތެލުގެ އަގު މަތިވުމާއި، ބައެއް ފަރާތްތަކުން މާ ގިނައިން ކުދި މަސް އަދި ވިހާ އުމުރުގެ މަސް ބާނާ މައްސަލަ އާއި، އަދި މަސް އެކްސްޕޯޓު ކުރުމުގައި ދިމާވާ ދަތިތަކުގެ ސަބަބުން މަސްވެރިކަމަށް ކުރަންޖެހޭ ޚަރަދު ވަރަށް ބޮޑުކަމުގައި ވިދާޅުވެފައެވެ.

އަދި ދިވެހިރާއްޖެއަކީ ދެމެހެއްޓެނިވި މަސްވެރިކަމަށް މަޝްހޫރުވެފައިވާ ޤައުމެއް ކަމަށްވާއިރު، އެހެނިހެން މަސްވެރިކަމަށްވުރެ ދެމެހެއްޓެނިވި ގޮތެއްގައި ކުރާ މަސްވެރިކަމަކަށް ކުރަންޖެހޭ ޚަރަދު ބޮޑުވުމުން މާކެޓް ހޯދުމަށް ގިނަ ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށާއި، އެހެންކަމުން ދެމެހެއްޓެނިވި މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ރާއްޖެއިން ކުރަމުން މިގެންދާ މަސައްކަތައް ދިމާވާ ދަތިތަކަށް އެފް.އޭ.އޯގެ ފަރާތުން ހައްލެއް ހޯދުމަށް އިތުރަށް މަޝްވަރާތައް ކުރިއަށް ގެންދެވުމަށް މިނިސްޓަރ ވަނީ އެދިވަޑައިގެންފައެވެ.

މިނިސްޓަރ ޑރ ޙުސައިން ރަޝީދު ހަސަން އާއި އެފް.އޭ.އޯ ޑިރެކްޓަރ ޖެނެރަލް ޑރ. ކިއު ޑޮންގްޔޫ ގެ ބައްދަލުވުމަށްފަހު، ކ. މަނިޔަފުއްޓަށް ވަޑައިގެން މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓްގެ ދަށުން ހިންގާ ހެޗަރީތައްވެސް ބައްލަވައި ލެއްވި ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

ކ. މަނިޔަފުށީގެ އިތުރުން، މިނިސްޓަރ، އާއި އެފް.އޭ.އޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ކިއު ޑޮންގްޔޫ އަދި އެހެނިހެން އިއްޒަތްތެރި ބޭފުޅުން ވަނީ އެންސިސް ފިޝަރީސް ކޮންޕްލެކްސްއާ ހެބިޓަސްއަށް ވަޑައިގެން އެތަނުގައި ކުރެވެމުންދާ މަސައްކަތްތައް ބައްލަވައި ލައްވާފައެވެ.

މި ތަންތަނަށް ޒިޔާރަތް ކުރެއްވުމުގެ މައިގަނޑު މަޤުސަދަކީ ރާއްޖޭގައި މަސްވެރިކަމާ ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތައް ދައްކާ، އެކަން ކުރިއެރުވުމުގެ މުހިންމުކަން ހިއްސާ ކުރެއްވުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ދަތުރުގައި އެފް.އޯ.އޭ.ގެ ފަރާތުން ތައްޔާރުކޮށްފައިވާ "ކަންޓްރީ ޕްރޮގްރާމިންގް ފްރޭމްވޯކް ފޮރ ދަ މޯލްޑިވްސް 2022 -2026" ގައި ވަނީ ސޮއި ކުރައްވާފައެވެ. މި ފްރޭމްވޯކަކީ ކުރިއަށް އޮތް 4 އަހަރު މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ރާއްޖޭގެ ތަރައްޤީއަށް އިސްކަންދޭނެ ކަންކަމާއި ޕްރޮޖެކްޓްތައް ހިންގުމަށް މުހިންމު ދާއިރާތައް ފާހަގަކޮށް ތައްޔާރުކޮށްފައިވާ ޑޮކިއުމަންޓެކެވެ.

މި ޑޮކިއުމަންޓްގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ، ޑރ ޙުސައިން ރަޝީދު ހަސަން އެވެ. އަދި އެފް.އޭ.އޯގެ ފަރާތުން ސޮއިކުރެއްވީ އެފް.އޭ.އޭ.އޯ ގެ ފަރާތުން ރާއްޖެއަށާއި ކޮލަންބޯއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް މިސްޓަރ ވިލްމެންދްރަ ޝަރަންއެވެ.