ޓެކްސީ ދަތުރުތައް ކޮށްދޭ އަގުތައް ސަރުކާރުން މުރާޖައާ ކޮށްދިނުދިނުމުން ކަމަށް ބުނެ، ފަސޭހައިން ޓެކްސީ ހޯދަން ވުޖޫދުކޮށްފައިވާ މޮބައިލް އެޕްލިކޭޝަންތައް ކަމަށް ދައުވާކުރާ ހުރިހާ މޯބައިލް އެޕްލިކޭޝަނެއްގެ ޚިދުމަތް ކަނޑާލައި، ޓެކްސީ ސެންޓަރުތައް އިއްޔެ ބަންދުކުރި ކަމަށް ބުނި ނަމަވެސް، އިއްޔެ ވެސް މިއަދު ވެސް ޓެކްސީ ދަތުރުތައް ހުއްޓާނުލާކަން ހާމަވެއްޖެއެވެ.

މާލޭގެ މަގުތަކުގައި އިއްޔެ އާއި މިއަދު ހަރަކާތްތެރިވި "ވީނިއުސް"ގެ ނޫސްވެރިން ބެލިބެލުމުން، އެނގުނީ އަދިވެސް ބައެއް ޓެކްސީތަކުން ޚިދުމަތް ދެމުން އަންނަ ކަމެވެ. އަދި ޚިދުމަތްދޭ ޓެކްސީތަކުގެ އަދަދު މަދު ނޫންކަން ވެސް ފާހަގަކުރެވުނެވެ.

"ވީނިއުސް"ގެ ނޫސްވެރިން ވަނީ ދަތުރުކޮށްދޭކަން ކަށަވަރުކުރުމަށް އެކި ސެންޓަރުތަކުގެ ޓެކްސީތަކުގައި މިއަދު އަދި އިއްޔެ ވެސް ދަތުރުކޮށްފައެވެ. އަދި އެ ޓެކްސީތަކުގެ ޑްރައިވަރުންނާ ވާހަކަދެއްކުމުން އެނގުނީ މިހާރު ޓެކްސީ ޑްރައިވަރުން ކުރަމުންދާ އިހުތިޖާޖުތަކާ ދެކޮޅު ޑްރައިވަރުން ތިބި ކަމެވެ.

"އަޅުގަނޑުމެންނަކީ ގައުމީ ޚިދުމަތެއްގައި ދެމިތިބޭ ބައެއް. އަޅުގަނޑު ގަބޫލެއް ނުކުރަން ގައުމީ ޚިދުމަތެއް ދޭ ބަޔަކު އަމިއްލަ މަންފާއެއް ހާސިލުކުރުމަށް ޚިދުމަތް ހުއްޓާލާ ބޮޑާހާކަން ޖެހޭނެ ކަމަކަށް. ސަރުކާރުން އެބަ ބުނޭ ރަނގަޅު ގޮތެއް ހޯދައިދޭނެ ކަމަށް. ދެން ކީއްވެތޯ މުޅި ރަށުގަ އަޑުގަދަކޮށް ގަދަކަން ދެއްކުމަށް ދަތުރުތައް ހުއްޓާލައިގެން ތިބެންވީ. މީގެ ގެއްލުންވާނީ ހަމަ އަޅުގަނޑުމެންގެ ޚިދުމަތްހ ހޯދާ އާންމު ރައްޔިތުންނަށް ނޫންތޯ؟"
ޓެކްސީ ޑްރައިވަރެއް

ބައެއް ޓެކްސީ ޑްރައިވަރުން ފާހަގަކުރި ގޮތުގައި މިހާރު ހިނގަމުންދަނީ އަގާ ގުޅުން ހުރި މައްސަލައެއް ނޫނެވެ. އެއީ ޓްރާސްޕޯޓް މިނިސްޓްރީގެ ވެރިންނާ ދެކޮޅަށް ހިންގާ ސިޔާސީ ޖަރީމާއެއް ކަމަށް ވާހަކަދެއްކި ބައެއް ޑްރައިވަރުން ފާހަގަކުރިއެވެ.

އަދި މިހާރު ނަގަމުންދާ އަގުތަކަކީ ގެއްލުންވާނެ އަގުތަކެއް ނޫން ކަމަށް ވެސް ޑްރައިވަރުން ބުނެއެވެ.

ޓެކްސީ ޑްރައިވަރުންނަށް ދިމާވެފައިވާ މައްސަލައާ ގުޅިގެން އެ ފަރާތްތަކުން ހުށަހެޅި ހުށަހެޅުންތަކަށް ގޮތެއް ނިންމަން ޓްރާންސްޕޯޓް މިނިސްޓްރީން, ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރުމަށް ވަނީ ނިންމާއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ, ޓެކްސީ ޑްރައިވަރުންގެ ފަރާތުން ހުށަހެޅި މައްސަލަތަކަށް ހައްލު ހޯދައި, ސްޓޭކްހޯލްޑަރުންގެ މަޝްވަރާއާއެކު ޓްރާންސްޕޯޓް މިނިސްޓްރީން ގޮތެއް ނިންމާނެ ކަމަށެވެ.

ދުނިޔޭގެ ބާޒާރުން ތެލުގެ އަގު ބޮޑުވެ ރާއްޖޭގައިވެސް އެ އަގު ބޮޑުވެފައި ވާތީ، މާލެ ސަރަހައްދުގައި ޓެކްސީ ހިދުމަތްދޭ ސެންޓަރުތަކުން މަޝްވަރާކުރުމަށްފަހު، 6 މާރިޗު ވަނަ ދުވަހު ނިންމައިފައި ވަނީ 10 މާރިޗު ވާ ބުރާސްފަތި ދުވަހުން ފެށިގެން މާލެ ސަރަޙައްދުގެ ޓެކްސީ ދަތުރުތަކުގެ އަގު ބޮޑު ކުރުމަށެވެ.

ނަމަވެސް، މިހާތަނަށް "ވީނިއުސް"ގެ ނޫސްވެރިން ދަތުރުކުރި އެއްވެސް ޓެކްސީއަކުން އަގު ބޮޑުކޮށް ޗާޖުކޮށްފައެއް ނުވެއެވެ.