ޓެކްސީ ދަތުރުތަކުގެ އަގު ބޮޑު ކުރުމަށް އެދި ޑްރައިވަރުން ހުށަހެޅި ހުށަހެޅުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ޖަވާބެއް ދީފައިނުވާތީ، ޓެކްސީ ސެންޓަރުތަކުން އަމިއްލައަށް ކަނޑައެޅި އަގުގައި ދަތުރުތައް ފަށައިފިއެވެ.

ތެލުގެ އަގު ބޮޑުވުމާއި ގުޅިގެން، މާލެ ސަރަހައްދުގައި ދަތުރުތަކުގެ އަގު ބޮޑުކުރުމަށް ނިންމައި ޓެކްސީ ސެންޓަރުތަކުން ވަނީ އެކަން ޓްރާންސްޕޯޓް މިނިސްޓްރީއަށް އަންގާފައެވެ. ނަމަވެސް އެކަމަށް މިނިސްޓްރީން ޖަވާބުދާރީ ވެފައިނުވާތީ ޑްރައިވަރުން ވަނީ ދަތުރުތައް ހުއްޓާލައި އިހުތިޖާޖުކޮށްފައެވެ.

ރެއިން ފެށިގެން އިހުތިޖާޖުކުރުމަށްފަހު މިރޭ އަލުން ދަތުރުތައް ފަށާފައިވަނީ ޑްރައިވަރުން އަމިއްލައަށް ކަނޑައެޅި ބޮޑު އަގުގައެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ބޮޑުކުރި އަގުތައް ޓެކްސީތަކުގައި ޕަސިންޖަރުންނަށް ފެންނަ ގޮތަށް ބަހައްޓަން ހުރިހާ ޑްރައިވަރުންނަށް ވަނީ އިރުޝާދު ދީފައެވެ. އެހެންކަމުން ޓެކްސީގައި ދަތުރުކުރާ ކޮންމެ މީހަކީ އެ އަގަށް އެއްބަސްވެގެން ދަތުރުކުރާ މީހަކަށް ވާތީ އެކަމާ ސަރުކާރަށް ނުބެހެވޭނެ ކަމަށް ޓެކްސީ ޑްރައިވަރުންނާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

މީގެއިތުރުން، ހުރިހާ ޓެކްސީތަކުގައި ވެސް ދެން އައު އަގުތައް ފެންނަން ހުންނާނެ ކަމަށާއި، އެހެންކަމުން ޚިދުމަތް ހޯދާ ކަސްޓަމަރުން އެ ޚިދުމަތް ހޯދާނީ އެ އަގުތަކުގައި ދަތުރު ކުރުމަށް އެއްބަސްވެގެން ކަމަށް ޓެކްސީ ސެންޓަރުތަކުން ބުނެއެވެ.

ޑްރައިވަރުންގެ ފަރާތުން މިނިސްޓްރީއަށް އަގުތަށް ހުށަހެޅުމުގެ ކުރީންވެސް، އަގުތައް ބަދަލުކުރުމުގެ ޚިޔާލު ނުގެންގުޅޭކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ.

ދަތުރުތަކުގެ އަގު ބޮޑުކުރަން ނިންމުމާއި ގުޅިގެން އާންމުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.