ސަސްޕެންޝަންގެ ސަބަބުން ފަނޑުވެފައިވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު ރަމްޒުކޮށްދޭ ކުލަބެއް ވުޖޫދުކޮށްފިއެވެ.

ރޭޑިއެންޓް ސްޕޯޓްސް ކުލަބުގެ ނަމުގައި މި ކުލަބު ރަޖިސްޓްރީ ކޮށްފައިވަނީ މިއަހަރުގެ މާރިޗު މަހުގެ 1 ވަނަ ދުވަހުއެވެ.

ރާއްޖޭގައި އެންމެ ކާމިޔާބު އަދި އެންމެ ސަޕޯޓަރުންގިނަ އެއް ކުލަބުގެ ގޮތުގައި އަބަދުވެސް ނިސްބަތްކުރެވޭ ނިއު ރޭޑިއަންޓަށް އަލުން ފުޓުބޯޅައިގެ ތެރެއަށް އައުމަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާއިރު، ރޭޑިއަންޓް ސްޕޯޓްސް ކުލަބު ވުޖޫދުވުމާއެކު އެކުލަބުގެ ޒަމާންވީ ސަޕޯޓަރުންގެ މެޗުގައި އަނެއްކާވެސް ދިވެހި ފުޓުބޯޅައިގެ ފޯރި އިތުރުވެ، ވަރުގަދަވެގެންދާނެއެވެ.

ނިއުގެ މުހިންމު "ސިފަ" ތަކަކާއިއެކު ރޭޑިއަންސްޓް ސްޕޯޓްސް ކުލަބުން ކްލަބްގެ ފުރަތަމަ ހިންގާ ކޮމެޓީ މިމަހުގެ 17 ވަނަ ދުވަހު އެކުލަވާލުމަށް ވަނީ ނިންމާފައެވެ. އެ ގޮތުން ރައީސް އާއި ނައިބް ރައީސް އާއި ސެކެޓްރީ އާއި ޚަޒާންދާރުގެ އިތުރުން 5 މެމްބަރުންގެ މައްޗަށް އެކުލެވޭ ބޯޑަށް މެމްބަރުން އިންތިޚާބު ކުރާގޮތަށް ހަމަޖެހިފައިވާއިރު އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

ވީނިއުސް އާއި ވާހަކަދައްކަވަމުން ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ފައުންޑަރ މެމްބަރަކު ވިދާޅުވީ، މި ކުލަބަކީ ނިއުރޭޑިއަންޓުގެ ނަން ދިވެހި ފުޓުބޯޅައިގައި ފަނޑުވެފައިވުމާއެކު، އެކަން ބަދަލުކޮށް އަނެއްކާވެސް މިކުލަތަކުގެ ދަށުން އެކުލަބު ދިވެހި ފުޓުބޯޅަ އަށް އަނެއްކާވެސް ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މިއީ ނިއުރޭޑިއަންޓުގެ މެނޭޖްމަންޓާއި ގުޅިގެން އުފައްދާ ކުލަބެއް ނޫން ކަމަށާއި މިއީ ކުލަބަށް ވަފާތެރި، ކުލަބު ދެކެ ލޯބިވާ އިހުލާސްތެރި ސަޕޯޓަރުންތަކެއް އިސްނަގައިގެން ދިވެހި ފުޓުބޯޅައިގައި މިނަން ގުގުމާލުގެ އަޒުމުގައި އުފެއްދި ކުލަބެއް ކަމަށްވެސް ފައުންޑަރ މެމްބަރު ވިދާޅުވިއެވެ.

ނިއުރޭޑިއަންޓް ދާން ބޭނުންވި މަންޒިލަށް ހަމަ އެ މަގުން ދަތުރުކުރުމަށް އަޒުމު ކަނޑައަޅާ ރޭޑިއަންޓުން މި މަސައްކަތްފެށީ ކުލަބުގެ އިހުލާސްތެރި ސަޕޯޓަރުން މޯޓިވޭޓްކޮށް، އެ މާހައުލު ގާއިމުކުރުމަށް ކަމަށްވެސް ވީނިއުސް އާއި ވާހަކަދެއްކި ފައުންޑަރ މެމްބަރު ވިދާޅުވިއެވެ. އަދި މިއީ ނިއު ރޭޑިއަންޓް ދޫކޮށްލުން ނޫން ކަމަށާއި، މިއީ ރޭޑިއަންޓުންވެސް ރަމްޒުކޮށްދޭ، ނިއުރޭޑިއަންޓް އެނބުރި ގެނައުމަށް ކުރާ މަސައްކަތުގެ ތެރެއިން އެޅި މުހިންމު ފިޔަވަޅެއްކަމާއި، ދެންވެސް ނިއުރޭޑިއަންޓް އެނބުރި އައުމުން މި ކުލަބުން ނިއުރޭޑިއަންޓުގެ ފަހަތަށް އަރާނެ ކަމަށާއި، މިއީ ނިއުރޭޑިއަންޓާއި ވާދަކުރަން ނުވަތަ ޗެލެންޖެއް ދޭން އުފެއްދި ކުލަބެއް ނޫންކަން ފައުންޑަރ މެމްބަރު ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް ރޭޑިއަންޓަކީ ދިވެހި ފުޓުބޯޅައިގެ ގަދަ ބާރެއްގެ ގޮތުގައި ހަދާ، އަލުން ގަލޮޅު ދަނޑުގައި ނުލާ ހުދުގެ ރަމްޒު ވިހުރާލުމަށް، އެޓީމުން ކަނޑަތު ކުރަންޖެހޭނީ ދިގު ރާސްތާއެކެވެ. އެގޮތުން ތިންވަނަ ޑިވިޝަން އިން ކުލަބު ފަށަން ޖެހުނު ނަމަވެސް، ހިތްވަރާއެކު ކައިރި މުސްތަގްބަލެއްގައި ފުރަތަމަ ޑިވިޝަނުގައި ކުޅެން ރޭޑިއަންޓުގެ މެނޭޖްމަންޓުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ހިންގާ ކޮމިޓީ އެކުލަވާލުމަށްފަހު ދެން އަމާޒުހިފާނީ ތިންވަނަ ޑިވިޝަން އިން ފަށައިގެން އެންމެ އުހަށް ދަތުރުކުރުމަށް ކަމަށް މެމްބަރު ވިދާޅުވިއެވެ.

"ފުރަތަމަ އަރާ އެންމެ އުހަކަށް ނުދެވޭނެ. ތިންވަނަ ޑިވިޝަން އިން ފަށައިގެން، އެންމެ ދަށުން އެންމެ މައްޗަށް އެރުމަށް މަސައްކަތް ކުރާނީ".
ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ފައުންޑަރ މެމްބަރު

ތިންވަނަ ޑިވިޝަނުގައި އެޓީމުން ކުޅެން ފަށާނީވެސް ފުރަތަމަ ޑިވިޝަން ފެންވަރުގެ ބިދޭސީ ކުޅުންތެރިންތަކަކާ އެކުކަމުގެ މައުލޫމާތު ވީނިއުސް އަށް ލިބިފައިވެއެވެ.

ދިވެހި ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިސްބަތްކުރެވޭ ނިއުރޭޑިއަންޓް އެންމެ ފުރަތަމަ ވުޖޫދުވީވެސް ރޭޑިއަންޓުގެ ނަމުގައެވެ. ނިއުރޭޑިއަންޓް ކިޔުނީ ކުލަބު ރީބްރޭންޑު ކުރި ފަހުންނެވެ. 1979 ވަނަ އަހަރު ހެންވޭރު ރަމްޒުކޮށްދޭ ކުލަބެއްގެ ގޮތުގައި ނިއު ވުޖޫދުވި ނަމަވެސް ފަހުން އެކުލަބު ވެގެންދިޔައީ ދިވެހިރާއްޖޭގެ އާބާދީގައި އެންމެ ގިނަ ބަޔަކު ސަޕޯޓުކުރާ ކުލަބަށެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު ކްލަބް، ނިއު، ސަސްޕެންޑް ކުރުމަށް އެފްއޭއެމުން ނިންމީ 2019 ވަނަ އަހަރު ޖެނުއަރީގައެވެ. އެންމެ ފުރަތަމަ އެގޮތަށް ނިންމީ އެފްއޭއެމްގެ އެކްސްކޯ އިންނެވެ. އެނިންމުން އެ އަހަރުގެ ކޮންގްރެސްގައި ކްލަބުތަކުން ވަނީ ފާސްކޮށްފައެވެ. އަދި އޭގެފަހުން ތިން ފަހަރެއްގެ މަތިން ސަސްޕެންޝަން ދަމަހައްޓަން ކްލަބްތަކުން ވަނީ ފާސްކޮށްފައެވެ. ނިއު އޮތީ އެފްއޭއެމްގެ އިތުރުން ފީފާގެ ވެސް ސަސްޕެންޝަނެއްގައެވެ.

މި ސަސްޕެންޝަންތަކުން އަރައިގަނެއް އަނެއްކާވެސް ދިވެހި ފުޓުބޯލައިގެ ފޯރި ގެނުވުމަށް ނިއު އެނބުރި ވުޖޫދަށް ގެންނަންޖެހޭކަމަށްބުނެ ސަރުކާރުން ކުލަބަށް އެހީވުމަށް އެކުލަބުގެ ސަޕޯޓަރުން ތަކުރާރުކޮށް އެދިފައިވެއެވެ.

އެހެންނަމަވެސް ދާދިފަހުން ރާއްޖޭގެ ކުޅިވަރާބެހޭ ވަޒީރު އަހްމަދު މަހްލޫފް ވަނީ އެކަން އެގޮތަށް ނުކުރެވޭނެ ކަމަށާއި، އެކަން ނުވާނެ ސަބަބުވެސް ބަޔާންކޮށްދެއްވާފައެވެ.

އަދިވެސް ގިނަ ބަޔަކު ނިއު ދިވެހި ފުޓުބޯޅައިގެ ތެރެއިން ފެނުމުގެ އުންމީދުގައި ތިބިއިރު، އެކުލަބުން ވަނީ ރާއްޖޭގެ 48 މުބާރާތެއް ކާމިޔާބު ކޮށްފައެވެ. އެގޮތުން އެޓީމުން ވަނީ 12 ފަހަރު އެފްއޭ ކަޕް ކާމިޔާބުކޮށް، 2 ފަހަރު އެފްއޭކަޕް މިލްކު ކޮށްފައެވެ. އޭގެ އިތުރުން ގައުމީ ތަށި 13 ފަހަރު ހޯދާފައިވާއިރު އެތަށިވެސް ނިއުރޭޑިއަންޓުން ވަނީ މިލްކުކޮށްފައެވެ. ދިވެހިލީގުވެސް ޖެހިޖެހިގެން 3 ފަހަރު ނިއުރޭޑިއަންޓުން ކާމިޔާބު ކޮށްފައިވާއިރު އެޓީމުގެ ހަރުގަނޑުގައި އަންހެނުންނަށް ޚާއްސަކޮށް އެފްއޭއެމުން ބޭއްވި ފުޓުބޯޅަ މުބާރާތުގެ 2 ތަށިވެސް އެބަ ހުއްޓެވެ. ހަމައެއާއެކު ރާއްޖޭގެ ކްލަބްތަކުގެ ތެރެއިން އޭއެފްސީ ކަޕްގައި އެންމެ ދުރަށް ދަތުރުކުރި ޓީމަކީވެސް ނިއުރޭޑިއަންޓެެވެ. އެގޮތުން ނިއު އިންވަނީ އޭއެފްސީ ކަޕްގައި ސެމީއަށް ދަތުރުކޮށް އެމުބާރާތުގެ ތިންވަނަ ހާސިލްކޮށްފައެވެެ.