ޔޫކްރެއިންގެ ވެރިރަށް ކިޔޭވަށް ރަޝިޔާ ސިފައިން ވަދެގެންފިނަމަ ރަޝިޔާ ސިފައިންނަށް ވަރަށް ވަރުގަދަ ރައްދުތަކެއް ދެއްވާނެކަމުގެ އިޝާރާތެއް ޔޫކްރެއިންގެ ރައީސް ދެއްވައިފިއެވެ.

ނޫސް ކޮންފަރެންސެއްގައި ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވީ، ރަޝިޔާ ސިފައިން ޔޫކްރެއިންގެ ވެރިރަށަށް ވަދެގެންފިނަމަ އެމީހުންނާ ވަރަށް ވަރުގަދަ ހަނގުރާމައަކާ ކުރިމަތިލާންޖެހޭނެ ކަމަށާއި، އޭގެ ނަތީޖާއަކީ މަރު ކަމަށެވެ.

ރަޝިޔާ ސިފައިން ބޭނުންވަނީ، ކިޔޭވާއި ޔޫރަޕްގެ ތާރީޚް ބަދަލުކޮށްލުމަށް ކަމަށްވާނަމަ އެމީހުން އަޔަދިނުމަށާއި، ކިޔޭވަށް ވަދެގެންފިނަމަ އެމީހުންގެ މުޅިއުމުރަށް "ދިރިއުޅެންޖެހޭނީ" ކިޔޭވްގައި ކަމަށްވެސް ޔޫކްރެއިންގެ ރައީސް ވިދާޅުވިއެވެ.

ޔޫކްރެއިންގެ ރައީސް މި މޭރުމުން ވަރުގަދަ އިންޒާރުތަކެއް ދެއްވިއިރު، ރަޝިޔާ ސިފައިން މިހާރު ގެންދަނީ ކިޔޭވްގެ އުތުރުހުޅަނގުގައި ޔޫކްރެއިން ސިފައިންނާ ވަރަށް ވަރުގަދައަށް ހަނގުރާމަ ކުރަމުންނެވެ.

ޔޫކްރެއިންގެ ޚާރިޖީ ވަޒީރު ޑިމިޓްރީ ކުލޭބާ ވިދާޅުވީ، ހަނގުރާމަ ހުއްޓާލުމާ ބެހޭގޮތުން ޔޫކްރެއިނުން އަދިވެސް އޮތީ ރަޝިޔާއާ ވާހަކަ ދައްކަން ތައްޔާރަށް ކަމަށާއި، ނަމަވެސް ޔޫކްރެއިނުން އަމާން ނުދޭނެ ކަމަށާއި އަދި ރަޝިޔާއިންދޭ މުހުލަތަކަށްވެސް ބޯ ނުލަނބާނެ ކަމަށެވެ.

ރަޝިޔާ ސިފައިންނާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި ޔޫކްރެއިން ދެމިއޮންނާނެ ކަމަށާއި، ރަޝިޔާއިން ހުށަހަޅަމުންދާ ޑިމާންޑްތަކަކީ ގަބޫލުކުރާނެ ޑިމާންޑްތަކެއް ނޫން ކަމަށްވެސް ކުލޭބާ ވިދާޅުވިއެވެ.

ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ހޮނިހިރު ދުވަހު ވިދާޅުވީ، ރަޝިޔާ ސިފައިން ދެމުންގެންދާ ހަމަލާތަކުގައި ޔޫކްރެއިން ސިފައިންގެ 1،300 މީހުން މިހާތަނަށް މަރުވެފައިވާ ކަމަށެވެ. މިއީ، ހަނގުރާމައިގައި މަރުވި ސިފައިންނާ ގުޅޭގޮތުން ޔޫކްރެއިނުން މިފަދަ މައުލޫމާތެއް އާންމުކުރި ފުރަތަމަ ފަހަރެވެ.

އދއިން ބުނެފައިވަނީ، ދެފަރާތުން ބަދަލުކުރަމުންދާ ހަމަލާތަކުގައި މިހާތަނަށް މަރުވެފައިވާކަން ކަށަވަރު ކުރެވިފައިވަނީ އާންމުންގެ 564 މީހުން ކަމަށެވެ. ނަމަވެސް އަދަދުތައް އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ބުނެފައި ވެއެވެ.

ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން ރަޝިޔާއާއި ޔޫކްރެއިންގެ މަންދޫބުން މީގެކުރިން ބެލަރޫސްގައި ބައްދަލު ކުރެއްވި ނަމަވެސް، މިހާރު ވަނީ ވީޑިއޯ ލިންކް މެދުވެރިކޮށް ބައްދަލުކުރަން ފަށާފައެވެ. ރަޝިޔާ ސަރުކާރުގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވްވަނީ މިކަން ކަށަވަރު ކޮށްދެއްވާފައެވެ.

ފަރަންސޭސި ރައީސާއި، ޖަރުމަނު ޗާންސެލަރވެސް ހޮނިހިރު ދުވަހު ރަޝިޔާގެ ރައީސާއި ފޯނުން ގުޅުއްވައި ހަނގުރާމައާ ގުޅޭގޮތުން ވާހަކަ ދެއްކެވި ކަމަށާއި، ނަމަވެސް، ހަނގުރާމަ ހުއްޓާލުމުގެ އެއްވެސް އިޝާރާތެއް ރަޝިޔާގެ ރައީސް ޕޫޓިންގެ ފަރާތްޕުޅުން ނުފެނުނު ކަމަށް ވެއެވެ.