ދިވެހިރާއްޖެއިން ބޭރުގެ ހަނގުރާމަވެރި ސަރަހައްދަކުން ހާލުގައިޖެހި ފުރާނައަށް ނުރައްކާވެފައިވަނިކޮށް ރާއްޖެ ގެނައި އާއިލާ އިދާރީ ބަންދެއްގައި ބޭތިއްބުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މިފަދައިން އަމުރުކޮށްފައިވަނީ ދިވެހިރާއްޖޭގެ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ދިވެހިރާއްޖެއަށް އަނބުރާ އަންނަ ދިވެހި ހަނގުރާމަވެރިންނާމެދު ހާއްސަ އިޖުރާއަތަކަށް އަމަލު ކުރުމުގެ ގަވާއިދުގެ ދަށުންނެވެ.

އެއާއިލާ ރާއްޖެ ގެނެސްފައިވަނީ މިމަހުގެ 11 ވަނަ ދުވަހުއެވެ. ފުލުހުން މައުލޫމާތުދޭ ގޮތުގައި އެ އާއިލާގައި ހިމެނެނީ 33 އަހަރުގެ ދިވެހި އަންހެނަކާއި، 18 އަހަރުން ދަށުގެ ހަތަރު ކުޑަކުދިންނެވެ. އެހަތަރު ކުދިންގެ ތެރެއިން ދެ ކުއްޖަކު އުފަންވެފައިވަނީ ރާއްޖެއިން ބޭރުގައި ކަމަށްވުމާއެކު އެކުދިންގެ ރަށްވެހިކަމާއި ރެޖިސްޓްރޭޝަނާ ގުޅޭ ކަންކަން ހަމަޖައްސާނީ ޑީއެންއޭ ފުރިހަމަކުރުމަށްފަހު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން ހޯމް މިނިސްޓްރީން ބުނީ މީގެ އަހަރުތަކެއް ކުރިން ރާއްޖެއިން ބޭރުގެ ހަނގުރާމަވެރި ސަރަޙައްދުތަކަށް ދަތުރުކޮށްފައިވާ ދިވެހި ފިރިހެނުންނާއެކު ދަތުރުކުރި އެމީހުންގެ އަނބިންނާއި އެފަދަ އާއިލާތަކަށް ނިސްބަތްވާ ކުޑަކުދިން، ހަނގުރާމާގައި ހާލުގައި ޖެހިފައިވާ މީހުން ބަލަހައްޓާ ކޭމްޕުތަކާއި އެފަދަ އެހެންތަންތަނުގައި ހާލުގައި ޖެހި ފުރާނަޔަށް ނުރައްކާވާ ހާލަތަށް ގޮސްފައިވާ ކަމުގެ ޝަކުވާ ދިވެހި ސަރުކާރަށް ލިބިފައިވާ ކަމަށެވެ.

މި ހަރަކާތަކީ ދިވެހިންގެ ތެރެއިން ހަނގުރާމަވެރި ސަރަހައްދުތަކުގައި ތާށިވެފައިތިބި އަންހެނުންނާއި ކުޑަކުދިން އަނބުރާ ދިވެހިރާއްޖެއަށް ގެނައުމަށް ގައުމީ ފެންވަރުގައި ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގުނު ފުރަތަމަ ހަރަކާތެވެ.