ޓެކްސީ ޚިދުމަތުގެ އަގު ކަނޑައެޅުމަކީ ޓެކްސީތަކަށާއި ސެންޓަރުތަކަށް ލިބިގެންވާ ބާރެއް ނޫންކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ބުނެފިއެވެ.
ތެލަށް އައި ބަދަލާއި ގުޅިގެން ޓެކްސީ ޑްރައިވަރުންގެ ފަރާތުން ޚިދުމަތުގެ އަގަށް ބަދަލުގެނައުމާ ގުޅޭގޮތުން ޓެކްސީ ޑްރައިވަރުންނާއި ޓެކްސީ ސެންޓަރުތަކުން ދަތުރުތަކަށް އަގުނަގާނެގޮތާއި ގުޅޭގޮތުން ޓްރާންސްޕޯޓް މިނިސްޓްރީއަށް ހުށަހެޅި ކަންކަމާއި ގުޅިގެން މިއަދު އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޓެކްސީ ދަތުރުތަކުގެ އަގު ކަނޑައެޅުމަކީ ޓެކްސީ ގަވާއިދުގެ 15 ވަނަ މާއްދާގެ ދަށުން ޓްރާންސްޕޯޓް މިނިސްޓްރީއަށް ލިބިގެންވާ ބާރެއް ކަމަށެވެ.
ޓެކްސީ ޑްރައިވަރުން ހުކުރު ދުވަހު އިހުތިޖާޖު ކުރުމާއި ގުޅިގެން ހުޅުމާލެ އާއި މާލެ ގުޅޭ ހައިވޭ ބަންދުވެ އާންމު ރައްޔިތުންނަށް ދެމުން އައި ޓެކްސީގެ ޚިދުމަތް މެދުކަނޑާލާފައިވާތީ ޚިދުމަތް ހޯދާ ރައްޔިތުންނަށް ދަތިތަކާ ކުރިމަތިލާންޖެހޭކަން ފާހަގަކޮށް މިނިސްޓްރީން ވަނީ ޓެކްސީގެ ޚިދުމަތަށް ބުރޫ ނާރާނެ ގޮތަށް ޓެކްސީގެ ޚިދުމަތް ދިނުމަށް އިލްތިމާސްކޮށްފައެވެ.
އަދި ޓެކްސީ ގަވާއިދުގެ ދަށުން ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑު އަގެއް ނުނެގުމަށާއި، ގަވާއިދުން ބާރުލިބިގެން ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑުއަގު ނަގާ ޓެކްސީ ޑްރައިވަރުންނާއި އަދި ޓެކްސީ ސެންޓަރުތަކާމެދު ފިޔަވަޅު އަޅާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
މީގެއިތުރުން، ޓެކްސީގެ ޚިދުމަތަކީ ހުރިހާ ރައްޔިތުންނާވެސް ގުޅިލާމެހިފައިވާ އަސާސީ ޚިދުމަތަކަށްވެފައި ދެފަރާތުގެ ހައްގުތައް ހިމާޔަތް ކުރުމަކީ މިނިސްޓްރީގެ ޒިންމާއަކަށް ވީހިނދު، ޓެކްސީ ސެންޓަރުތަކުން ހުށަހެޅުއްވި އެހެނިހެން ކަންކަމުގައި ވަގުތުން ފިޔަވަޅު އަޅައިދެވެން ހުރިކަންކަމަށް ފިޔަވަޅު އަޅައިދޭނެ ކަމަށާއި، އެހެން ކަންކަން ހައްލުކުރުމަށް ދެފަރާތުން މަޝްވަރާކޮށްގެން ގޮތެއް ހޯދާނެ ކަމަށްވެސް ބަޔާނުގައިވެއެވެ.
ޓެކްސީ ދަތުރުތަކުގެ އަގު ބޮޑު ކުރުމަށް އެދި ޑްރައިވަރުން ހުށަހެޅި ހުށަހެޅުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ޖަވާބެއް ދީފައިނުވާތީ، ޑްރައިވަރުން ވަނީ އެމީހުން އަމިއްލައަށް ކަނޑައެޅި އަގުގައި ދަތުރުތައް ފަށާފައެވެ.
ފިޔަވަޅު މި އަޅަނީ.. މި އަޅަނީ.. މިއަދު މި އަޅަނީ.. އަޅެ ތިހެން ނުކިޔާ ތިޔަ ފިޔަވަޅެއް އަޅަންވެއްޖެ އެއްނުން.. ރައްޔިތުން ހުލިވަނީއޭމި.. ތިޔަ ޓެކްސީ ތަކުން ނަގާ އަގުތަކާހުރެ..