ރާއްޖޭގެ އުތުރުގެ އަތޮޅުތަކުގައި ޓޫރިޒަމް ސިނާއަތަސް އިންވެސްޓް ކުރާނެ ފަރާތްތައް ހޯދުމަށް މަގުފަހި ކުރުމަށް ފޯރަމެއް ބާއްވަން ނިންމާފައިވާ ކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމުން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިކަން ހާމަކޮށް ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ މި ހަރަކާތަކީ ރާއްޖޭގެ އުތުރުގެ އަތޮޅުތަކުގެ ޓޫރިޒަމް ސިނާއަތުގައި އިންވެސްޓްކުރާނެ ފަރާތްތައް ހޯދުމަށް މަގުފަހި ކުރުމަށާއި ދަތުރުފަތުރު ފަހިކުރުމަށާއި އަދި ޓޫރިޒަމް ތަރައްގީ ކުރުމަށް ބާރު އެޅުމުގެ ގޮތުން ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ (އެމްއެމްޕީއާރުސީ) އަދި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގުޅިގެން ބާއްވާ ފޯރަމެއް ކަމަށެވެ.

މި މަހުގެ 15 ވަނަ ދުވަހު އިންޑިއާގެ މުމްބާއީގައި އޮންނަ މި ފޯރަމް އަމާޒުކޮށްފައިވަނީ ޓޫރިޒަމް ދާއިރާގެ ވިޔަފާރިވެރިންނަށެވެ.

މި ފޯރަމް ބާއްވަން ހަމަޖެހިފައިވަނީ އިންޑިޔާގެ މުމްބާއީގައި މި މަހުގެ 14 އިން 16 އަށް ކުރިއަށްދާ ޓްރެވަލް މާޓް (އޯޓީއެމް)ގެ ހަވާސާގައެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ފުރިހަމަވެގެން އަންނައިރު އެއަރޕޯޓާއި ގުޅޭގޮތުން އެ ސަރަހައްދުގެ ޓޫރިސްޓު އެނދުގެ އަދަދު އިތުރުކޮށް ދަތުރުފަތުރުގެ ފުރުސަތުތައް ފަހިކުރުމަކީ ސަރަހައްދުގެ ޓޫރިޒަމް ކުރިއެރުމަށް ވަރަށް މުހިންމު ކަމެއްކަމަށްވެސް ބަޔާނުގައިވެއެވެ.

މުމްބާއީގައި ބާއްވާ މިފޯރަމްގައި ރާއްޖޭގެ އިތުރުން ޓޫރިޒަމް ދާޢިރާއާއި ގުޅުންހުރި އިދާރާތަކާއި، ރާއްޖޭގެ އެއަރލައިންތަކާއި، ޓޫރިޒަމް އިންޑަސްޓްރީގެ ޖަމުއިއްޔާތަކުގެ އިތުރުން އުތުރުގެ އަތޮޅުތަކުގެ ބައެއް ކައުންސިލްތަކުން ބައިވެރިވާނެއެވެ.