ކުލަބުގެ ވެރިޔާ، ރޯމާން އަބްރަމޮވިޗްގެ އެކައުންޓުތައް ފްރީޒްކުރުމުގެ ސަބަބުން މާލީ ގޮތުން އަނދަވަޅަކަށް ވެއްޓިފައިވާ އިނގިރޭސި ޕްރިމިއަރ ލީގުގެ ގަދަބާރު ޗެލްސީ، ނޭވާ ހޮޅިއަށް އެޅިފައިވަނިކޮށް އިނގިރޭސި ސަރުކާރުން އެކުލަބަށް ލުއިދޭން ނިންމައިފިއެވެ.

ރަޝިއާ އިން ޔޫކްރެއިން އަށް އަރާ، ދެމުންގެންދާ އުދުވާނީ ހަމަލާތަކުގެ ސަބަބުން ޔޫރަޕުގެ ގިނަ ގައުމުތަކެކޭ އެއްފަދައިން އިނގިރޭސި ސަރުކާރުންވެސް ދަނީ ރަޝިއާ އާއި ދެކޮޅަށް އިގްތިސާދީ ބޮޑެތި ފިއްތުންތަކެއް ކުރިމަތި ކުރަމުންނެވެ. އެގޮތުން އަބްރަމޮވިޗް އާއި ދެކޮޅަށް އިނގިރޭސި ސަރުކާރުން އަޅާ ފިޔަވަޅުތަކަކީ އެގައުމުގެ ޕާލިމެންޓުގެ މެމްބަރެއް އެކުލަވާލި، ރަޝިއާގެ ރައީސަށް ވާގިވެރިވާ 35 މީހުންގެ ލިސްޓުގައި އަބްރަމޮވިޗް ހިމެނޭތީ އޭނާ އާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކެކެވެ.

މިހާތަނަށް އަބްރަމޮވިޗާއި ދެކޮޅަށް އެޅި ފިޔަވަޅުތަކަށް ބަލާލާއިރު، އޭނާއަށް އިނގިރޭސިވިލާތުގައި ދިރިއުޅުންވެސް މަނާކޮށްފައިވެއެވެ، އަދި އިނގިރޭސި ސަރުކާރުން ވަނީ އޭނާގެ ރައުސުލްމާލު ގަނޑުކުރުމަށް ނިންމާފައިވެއެވެ. މިއާއެކު ކުލަބު ވިއްކާލަން އަބްރަމޮވިޗް ކުރަމުންދާ މަސައްކަތަށް ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ. އެގޮތުން ކުލަބު ވިއްކާލައިގެން ލިބޭ މަންފާ އަބްރަމޮވިޗަށް ލިބޭނަމަ އޭނާއަށް ކުލަބު ވިއްކާލުމުގެ ހުއްދަވެސް ނެތެވެ. އެހެންނަމަވެސް ހާއްސަ ހުއްދައެއްގެ ދަށުން، އަބްރަމޮވިޗަށް މިކަމުން ފައިދާއެއް ނުލިބޭނެހެން ޗެލްސީ ވިއްކާލުމުގެ ހާއްސަ ހުއްދައެއް އިނގިރޭސި ސަރުކާރުން ދީފައިވެއެވެ.

މީގެއިތުރުން މި ފިޔަވަޅުތަކުގެ ސަބަބުން ޗެލްސީ އަށް ދެން އެއްވެސް މެޗަކަށް ޓިކެޓު ނުވިއްކޭނެއެވެ. އެހެންނަމަވެސް މީގެކުރިން މުޅި ސީޒަނަށް ޓިކެޓު ގަނެފައިވާ ފަރާތްތަކަށް މެޗުބަލަން ވަދެވޭނެ ކަމަށާއި އެހެންނަމަވެސް އަލަށް ޓިކެޓު ވިއްކައިގެން ދަނޑަށް އެއްވެސް ސަޕޯޓަރެއް ޗެލްސީ އަށް ނުވެއްދޭނެއެވެ. އަދި ކުލަބުގެ މާޗަންޑައިޒް ފިހާރަވެސް ބަންދުކުރަން ވަނީ އަންގާފައެވެ.

ރިޕޯޓުތައް ބުނާގޮތުން މިހާރު ކުލަބު އޮތީ، ކުޅުންތެރިންނަށްދޭ ހަފްތާ މުސާރައިގެ އިތުރުން ކުޅުންތެރިން ގޮވައިގެން ދަތުރުކުރާ ބަހަށް ޕެޓްރޯލްވެސް ނޭޅޭފަދަ ހާލަތެއްގައެވެ.

އިނގިރޭސި ފުޓުބޯޅައިގެ ގަދަބާރެއް މިހާލަތަށް ވެއްޓުމާއިއެކު އިނގިރޭސި ސަރުކާރުން މިހާރު ވަނީ މިކަމުގައި އެކުލަބަށް ލުއިދޭން ނިންމާފައެވެ. އެގޮތުން ޔޫކޭގެ ޕާލިމެންޓުގެ ހުށަހެޅުމަކާއެކު އެގައުމުގެ ސަރުކާރުން މިހާރު ވަނީ ގަނޑުކުރެވިފައިވާ ޗެލްސީގެ ރެވެނިއު އިން 131 މިލިއަން ޔޫރޯ ދޫކޮށްލަން ނިންމާފައެވެ.

އެހެންނަމަވެސް މިއީ މިހާރު ލިބެން އޮތް ފައިސާއެއް ނޫނެވެ. މީގެތެރެއިން ބައެއް އެއީ، މި ސީޒަން ނިމުމުން، ކުލަބުން ހޯދާ ނަތީޖާއެއްގެ މައްޗަށް ލިބޭ ފައިސާގެ އިނާމުތަކެވެ. އެއީ ޓީވީ ރެވެނިއު އިން ލިބޭ 41 މިލިއަން ޔޫރޯ އާއި ޕްރިމިއަރ ލީގުގެ ތިންވަނައިގައި ނިންމާލައިފިނަމަ ލިބޭ 46 މިލިއަން ޔޫރޯގެ އިތުރުން ޖެހިޖެހިގެން ދެވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފިނަމަ ލިބޭ 43 މިލިއަން ޔޫރޯއެވެ.

މީގެއިތުރުން މެޗުތަކަށް ދަތުރުކުރުމަށް 24،000 ޔޫރޯގެ ލިމިޓެއް ކަނޑައަޅާ އެއަދަދު ދޭން ނިންމާފައިވާއިރު، ފްރާންސްގެ ލިލް ބަލިކޮށް ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލަށް ދަތުރުކޮށްފިނަމަ މި ލިމިޓު އިތުރުކުރުމަށްވެސް އިނގިރޭސި ސަރުކާރުން ވަނީ ނިންމާފައެވެ.