ޒުވާން މަސްވިޔާގެ ނަަމުން މަޝްހޫރު ހަސަން ސާޖިން ރާއްޖެގެ ހުރިހާ ރަށަކަށް ދަތުރުކުރަން ތައްޔާރުވެއްޖެއެވެ.
"ޑިސްކަވާ މޯލްޑިވްސް" ގެ ނަމުގައި ސާޖިން ކުރުމަށް ނިންމާފައިވާ މި ދަތުރާއި ގުޅޭ މައުލޫމާތު ސާޖިން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ވެސް ހިއްސާކޮށްފައެވެ.
އެ ބައްދަލުވުމަށް ފަހު ސާޖިން ދިން އިންޓަވިއުއެއްގައި ބުނީ ރާއްޖޭގެ ހުރިހާ ރަށަކަށް ދިޔުމަކީ ވަރަށް ބޮޑު ހުވަފަނެއް ކަމަށާއި މި ދަތުރުގެ ތެރެއިން ރާއްޖޭގެ އެކި ރަށްތަކަށް މީހުން ދާން ޖެހޭ ސަބަބުތަކާއި، ރާއްޖޭގެ އުތުރާއި ދެކުނު އަދި މެދުރާއްޖެތެރޭގެ މަސްވެރިކަން ކުރާ ގޮތް ދައްކާލާނެ ކަމަށެވެ.
އަދި މި ދަތުރުގެ ތެރެއިން ހަމައެކަނި ގެންނަން ބޭނުންވަނީ މަސްވެރިކަން ނޫން ކަމަށާއި އެގޮތުން ބޭނުން ވަނީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި، ދެމެހެއްޓެނިވި މަސްވެރިކަން ދުނިޔޭގެ މީހުންގެ ސަމާލުކަމަށް ގެންނަން ކަމަށްވެސް ސާޖިން ބުންޏެވެ.
ސާޖިން ވަނީ މި ދަތުރަށް އެއްބާރުލުން ދެއްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާ ކަމަށާއި މި ދަތުރު ވެގެންދާނީ ރާއްޖޭގެ ތާރީހުގައި ލިޔެލާވަރުގެ ދަތުރަކަށް ކަމަށް ވެސް ސާޖިން މައުލޫމާތުދިނެވެ. މި ދަތުރުކުރަން ފަށާނެ ދުވަހެއް ސާޖިން އަދި ހާމަކޮށްފައެއް ނުވާއިރު މި ދަތުރަށް 18 މަހަށް ވުރެ ގިނަ މުއްދަތެއް ނަގާނެ ކަމަށް އޭނާ ލަފާކުރެއެވެ.
އުރީދޫ މޯލްޑިވްސްގެ ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި ހުރި ގއ. ގެމަނަފުއްޓަށް އުފަން ހަސަން ސާޖިންއަކީ ޒުވާން އުމުރުގައި މަސްވެރިކަމަށް ނިކުމެ، ސޮޝަލް މީޑިއާ އަށް ދޫކުރާ ހިތްގައިމު ފޮޓޯތަކުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ފަރާތެކެވެ. އަދި "ދިވެހި މަސްވެރިންގެ" ނަމުގައި ޖަމިއްޔާއެއް ރެޖިސްޓަރކޮށް މަސްވެރިންނަށް ދިމާވާ ދަތިތަކަށް އަޑު އުފުލާ ދާއިރާގެ ކުރިމަގަށް ވެސް ސާޖިން ދަނީ މަސައްކަތްކުރަމުންނެވެ