ރާއްޖޭގެ ބްރޭންޑު އިންޑިއާ މާކެޓުގައި އިތުރަށް ފުޅާކޮށް ވަރުގަދަ ކުރުމަށް އެ ޤައުމުގައި ބާއްވާ ފަތުރުވެރިކަމާ ގުޅުންހުރި އެންމެ ބޮޑު އެއް ފެއަރ، އޯޓީއެމް މުމްބާއީގެ ކަންޓްރީ ޕާޓްނަރުގެ ގޮތުގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބައިވެރިވެއްޖެއެވެ.

މިފެއަރ ކުރިއަށް ދަނީ މި ހިނގާ މާރޗްމަހުގެ 14 އިން 16 ވަނަ ދުވަހުގެ ނިޔަލަށް މުންބާއީގެ ބޮންބޭ އެގްޒިބިޝަން ސެންޓަރުގައެވެ. އޯޓީއެމްއަކީ އިންޑިއާގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބައްދަލުކުރުމުގެ ފުރުސަތު އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އެއް ހަރަކާތެވެ. މިއީ އިންޑިއާގައި ބާއްވާ ބައިނަލްއަޤްވާމީ ފެންވަރުގެ މިފަދަ އެންމެ ބޮޑު ހަރަކާތްވެސް މެއެވެ.

މި ހަރަކާތުގެ ޒަރިއްޔާއިން އިންޑިއާ އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތް ކުރާ ފަތުރުވެރިކަމުގެ އެކި ހިދުމަތްދޭ ފަރާތްތަކުން އެއްތާކުން ބައްދަލުކޮށް، ޕާޓްނަރޝިޕްތައް ޤާއިމްކުރުމުގެ ފުރުސަތު ފަހިކޮށްދެއެވެ. މި އަހަރުގެ އޯޓީއެމް ހަރަކާތުގައި 55 ޤައުމަކުން 1،100 އަށްވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވާނެއެވެ. އޯޓީއެމް 2022 ގެ ތިން ދުވަހުގެ ތެރޭގައި މި ހަރަކާތަށް 30،000 ވުރެ ގިނަ ޓްރޭޑް ވިޒިޓާޒް ޒިޔާރަތްކުރާނެކަމަށް ލަފާކުރެވޭކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.

އޯޓީއެމްގެ ތެރެއިން އެމްއެމްޕީއާރުސީގެ ސީއީއޯ އަދި އެމްޑީ ތޮއްޔިބް ވަނީ ޕެންޑަމިކްގެ ރިކަވަރީގައި އިންޑިއާގެ އައުޓްބައުންޑް މާކެޓް ކުޅޭ މުހިންމު ރޯލުގެ މައްޗަށް އަލިއަޅުވާލާ ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަނެއްގައި އިންޑަސްޓްރީގެ ފަރާތްތަކާއެކު ބައިވެރިވެ ވާހަކަ ދައްކަވާފައެވެ. އޯޓީއެމްގެ ތެރެއިން އިންޑިއާގެ އެންމެ ބޮޑުއެއް ޓްރެވަލް އެޖެންސީ، ވާން އަބަލް އެޖެންސީއިން ވަނީ އެމްއެމްޕީއާރުސީއިން އިންޑިއާ މާކެޓުގައި ކުރަމުންދާ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން "ފްރެންޑް އޮފް އިންޑިއަން އައުޓްބައުންޑް ޓްރެވަލް ފްރެޓާނިޓީ"ގެ ނަމުގައި ހާއްސަ އެވޯޑެއް ދީފައެވެ.

އޯޓީއެމްގެ ތެރެއިން ރާއްޖެއަށް ލިބޭ ވިޒިބިލިޓީ އިތުރުކުރުމުގެ ގޮތުން ފެއަރގެ ތިން ދުވަހު އެމްއެމްޕީއާރުސީއިން ބައިވެރިވާނީ ޕާޓްނަރ ކަންޓްރީގެ ގޮތުގައެވެ. މިކަމުގެ ސަބަބުން ރާއްޖެއަށް އޮންލައިން އަދި އޮފްލައިންކޮށް މަންޒިލް އިތުރަށް އިޝްތިހާރުކުރުމުގެ ފުރުސަތުތައް ލިބިގެންދާނެކަމަށް އެމްއެމްޕީއާރްސީން ވަނީ ބުނެފައެވެ.

ރާއްޖެއަކީ އިންޑިއާ ފަތުރުވެރިންގެ މެދުގައި މަޤުބޫލު މަންޒިލެއްގެ ގޮތުގައި އިތުރަށް ހަރުދަނާކުރުމަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތަކާއި، ސެގްމަންޓުތައް އަދި ލިބޭ ތަފާތު ތަޖުރިބާތައް ފެއަރގެ ތަފާތު ލޮކޭޝަންތަކުގައި އިޝްތިހާރުކުރާނެއެވެ.

އެމްއެމްޕީއާރުސީން މި ހަރަކާތުގައި، ތަމްސީލްކުރަމުން ދަނީ އިންޑަސްޓްރީގެ 18 ކޯއެގްޒިބިޓަރުންނާއެކުގައެވެ. މި ހަރަކާތުގައި ބައިވެރިވުމުގެ މައިގަނޑު މަޤްސަދަކީ ރާއްޖެއަކީ އިންޑިއާގެ ފަތުރުވެރިން ދަތުރުކުރުމަށް ރައްކާތެރި އަދި އެކަށީގެންވާ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމެވެ. އަދި ރާއްޖޭގެ އެންމެފަހުގެ ޓްރެވަލް ގައިޑްލައިންސްތަކާއި، މަންޒިލްގެ އެންމެ ފަހުގެ މައުލޫމާތު މި މާކެޓުގެ ފަރާތްތަކަށް ފޯރުކޮށްދިނުމެވެ.

މިގޮތުން ރާއްޖެއަކީ ގުދުރަތީ ގޮތުން ވަކިރަށްތަކެއްގެ ގޮތުގައި އުފެދިފައިވާ ޤައުމެއްކަމުން މިއީ ފަތުރުވެރިންނަށް ރައްކާތެރިކަން ކަށަވަރުވާ މަންޒިލެއްގެ ގޮތުގައި ދައްކައިދިނުންވެސް ހިމެނެއެވެ. މި ފެއަރގެތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ޕްރޮޑަކްޓްތައް ކަމަށްވާ ރިޒޯޓު، ހޮޓެލް، ގެސްޓްހައުސް، ހޯމްސްޓޭގެ މައުލޫމާތުގެ އިތުރުން ލިވްއަބޯޑުތަކުގެ މައުލޫމާތާއި، ރާއްޖެއިން ފަތުރުވެރިންނަށް ލިބެން ހުންނަ ތަފާތު ތަޖުރިބާތައް އިންޑިއާގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިޝްތިހާރުކުރާނެއެވެ.

އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ދަތުރުކުރާ އެއް މާކެޓެވެ. އެގޮތުން މިދިޔަ ދެ އަހަރުގެ ތެރޭގައި އިންޑިއާ ހިމެނިފައިވަނީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ދަތުރުކުރި މާކެޓްގެ ތެރޭގައެވެ. އެހެންކަމުން އިންޑިއާ މާކެޓް މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ރިކަވަރީއަށް މުހިންމު ރޯލެއް އަދާކުރާ މާކެޓެވެ. މި ފެއަރގައި އެމްއެމްޕީއާރުސީއިން ބައިވެރިވެފައި މިވަނީ އިންޑިއާގެ މާކެޓުގައި ރާއްޖޭގެ މަޤުބޫލުކަން ދަމަހައްޓުމުގެ ގޮތުން ގެންގުޅޭ މާކެޓިން ސްޓްރެޓަޖީގެ ދަށުންނެވެ.

މިސްޓްރެޓަޖީ ބިނާވެފައި ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެކި ސެގްމެންޓުތައް އިންޑިއާގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ޕްރޮމޯޓުކުރުމަށާއި މި މާކެޓުން ރާއްޖެ އައުމަށް ފަތުރުވެރިން ބުކިން ހަދާ މިންވަރާއި، އެރައިވަލްސް އިތުރުކުރުމުގެ މަގްސަދުގައެވެ.

އިންޑިއާއަކީ 2021 ވަނަ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި މާކެޓެވެ. އެގޮތުން މިދިޔަ އަހަރު ރާއްޖެއަށް އިންޑިއާއިން 278،740 ފަތުރުވެރިން ޒިޔާރަތްކުރިއިރު، އެއީ އެއަހަރުގެ ޖުމްލަ އެރައިވަލްސްގެ 22.6 އިންސައްތައެވެ. 2020 ވަނަ އަހަރަށް ބަލާއިރު، އެ އަހަރުވެސް އިންޑިއާއިން ރާއްޖެއަށް 62،960 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ އެ އަހަރުގެ ޖުމްލަ އެރައިވަލްސްގެ 11.3 އިންސައްތައެވެ.

މި މާކެޓުގައި ރާއްޖޭގެ މަޤުބޫލުކަން ދެމެހެއްޓުމަށް އެމްއެމްޕީއާރުސީން ދަނީ ގިނަ ހަރަކާތްތަކެއް ބާއްވަމުންނެވެ. އެގޮތުން މި މާކެޓުގައި ބާއްވާ ފެއަރ އަދި އެގްޒިބިޝަންތަކުގައި ބައިވެރިވުމުގެ އިތުރުން މާކެޓިން ކެމްޕެއިންތަކާއި، ވެބިނަރ، ރޯޑްސޯ އަދި ފެމިލިއަރައިޒޭޝަން ޓްރިޕްތައް އިންޑިއާ މާކެޓަށް އަމާޒުކޮށް ދަނީ ބާއްވަމުންނެވެ.