ފުޓުބޯޅައިގެ ތާރީހުގައިވެސް، ސީނިއަރ ކެރިއަރުގައި އެންމެ ގިނަ ލަނޑު ޖެހި ފްރާންސްގެ ކުޅުންތެރިޔާގެ ލަގަބު ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ތަޖުރިބާކާރު ފޯވާޑް ކަރިމް ބެންޒެމާ ހޯދައިފިއެވެ.

ބެންޒެމާ މި ރެކޯޑް ގާއިމް ކޮށްފައިވަނީ ލަލީގާގައި ރެއާލް އިން މަޔޯކާ އާއި ދެކޮޅަށްކުޅެ 0-3 އިން މޮޅުވި މެޗުގައި އޭނާ ކާމިޔާބުކުރި ދެލަނޑާއެކުއެވެ.

މީގެކުރިން މި ރެކޯޑް އޮތީ ފްރާންސް، ބާސާ އަދި އާސެނަލްގެވެސް ލެޖެންޑް ތިއެރީ އޮންރީގެ އަތުގައެވެ. އޮންރީ ވަނީ ކެރިއަރުގައި 411 ލަނޑު ކާމިޔާބު ކޮށްފައެވެ. 2013 ވަނަ އަހަރު ފުޓުބޯޅައިން ރިޓަޔަރ ކުރުމަށްފަހު މިހާރު ބެލްޖިއަމްގެ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ އޮންރީ އެންމެފަހުން ކުޅެފައިވަނީ އެމެރިކާގެ ނިއު ޔޯކަށެވެ.

ސީނިއަރ ކްލަބް ކެރިއަރުގައި އޮންރީ ވަނީ މޮނާކޯ، ޔުވެންޓަސް، އާސެލަން، ބާސެލޯނާ އަދި ނިއު ޔޯކް ރެޑްބުލްސް އަށްވެސް ކުޅެފައެވެ. މި ކުލަބުތަކަށް ޖުމްލަ 791 މެޗު އޭނާ ކުޅެދީފައިވާއިރު މި ކުލަބުތަކަށް ޖުމްލަ 360 ލަނޑު އޭނާ ކާމިޔާބު ކޮށްދީފައިވެއެވެ. އަދި ފްރާންސްގެ ސީނިއަރ ގައުމީ ޓީމަށް 51 ލަނޑު އޭނާ ކާމިޔާބު ކޮށްދީފައިވެއެވެ.

ހޯމަ ދުވަހުގެރޭ މަޔޯކާ ކޮޅަށް ޕެނަލްޓީއަކުންނާއި ބޮލުން ކާމިޔާބުކުރި ދެލަނޑާއެކު ޖުމްލަ 412 ލަނޑު ސީނިއަރ ކެރިއަރުގައި ޖަހައިގެން ބެންޒެމާ މި ރެކޯޑު ހެދިއިރު، މީގެތެރެއިން 375 ލަނޑަކީ އޭނާ ކުޅުނު ކުލަބުތަކަށް ކާމިޔާބު ކޮށްދީފައިވާ ލަނޑުތަކެކެވެ. ކެރިއަރުގައި ބެންޒެމާ ކުޅެފައިވަނީ ފްރާންސްގެ ލިޔޯން އާއި ސްޕެއިންގެ ރެއާލް މެޑްރިޑަށެވެ.

2004 ވަނަ އަހަރު ލިޔޯން އިން ސީނިއަރ ކެރިއަރު ފެށި ބެންޒެމާ އެކުލަބަށް 5 އަހަރުގެ މުއްދަތެއްގެ ތެރޭގައި 148 މެޗު ކުޅެދީ 66 ލަނޑު ކާމިޔާބު ކޮށްދީފައިވެއެވެ. އަދި 2009 ވަނަ އަހަރު ރެއާލް އަށް ބަދަލުވިފަހުން އެކުލަބާއެކު މިހާތަނަށް ހޭދަކުރި 13 އަހަރުގެ ތެރޭގައި ކުޅެދިން 592 މެޗުން 309 ލަނޑު ކާމިޔާބު ކޮށްދީފައިވެއެވެ.

އުމުރުން 19 އަހަރާއި ތިިން މަހާއި 9 ދުވަހުގައި ފްރާންސްގެ ގައުމީ ޓީމަށް ފުރަތަމަ މެޗު ކުޅެދިން ބެންޒެމާ ވަނީ ގައުމީ ޓީމަށް 31 ލަނޑު ކާމިޔާބު ކޮށްދީފައެވެ.

ރެއާލްގެ ކެޕްޓަން ބޭންޑުވެސް އަޅައިގެން މިހާރު ކުޅެމުން އަންނަ ބެންޒެމާ އަކީ އެކުލަބުން މިހާރު ހޯދަމުން އަންނަ ކާމިޔާބީތަކުގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރާ ކުޅުންތެރިޔާއެވެ. އެގޮތުން ރެއާލް އިން ފާއިތުވީ ހަފްތާގެ ތެރޭގައި ޗެމްޕިއަންސް ލީގުގެ ރައުންޑް އޮފް 16 ގެ ދެވަނަ ލެގުގައި ފްރާންސްގެ ޕީއެސްޖީ ބަލިކޮށް އެޓީމު މުބާރާތުން ކަޓުވާލިއިރު، އެމެޗުގައި ރެއާލް އިން ޖެހި ތިން ލަނޑުވެސް ކާމިޔާބުކޮށް ބެންޒެމާ ވަނީ ހެޓްރިކް ފުރިހަމަކޮށްފައެވެ.

ރެއާލް އާއިއެކު ބެންޒެމާ އެންމެފަހުން ކޮންޓްރެކްޓް އައު ކޮށްފައިވަނީ ހުސްވި 2021 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. މި ކޮންޓްރެކްޓުގެ މުއްދަތު ހަމަވާނީ 2023 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ފުޓުބޯޅައިގައި ބެންޒެމާ ހޯދާފައިވާ ކާމިޔާބީތަކަށް ބަލާއިރު، އޭނާ ވަނީ ލިޔޯން އާއިއެކު ފްރެންޗް ލީގު 4 ފަހަރު، ފްރެންޗް ސުޕާ ކަޕް ދެފަހަރު އަދި ފްރެންޗް ކަޕް އެއްފަހަރު ކާމިޔާބު ކޮށްފައެވެ.

އަދި ރެއާލް އާއިއެކު ލަލީގާ ތިންފަހަރު، ސްޕެނިޝް ކަޕް ދެފަހަރު، ސްޕެނިޝް ސުޕާ ކަޕް ހަތަރު ފަހަރު، ޔޫއެފާ ޗެމްޕިއަންސް ލީގު ހަތަރު ފަހަރު، ޔޫއެފާ ސުޕާ ކަޕް ތިން ފަހަރު އަދި ފީފާ ކްލަބް ވޯލްޑް ކަޕް ހަތަރު ފަހަރަށް ކާމިޔާބު ކޮށްފައެވެ.

މީގެއިތުރުން ފްރާންސްގެ ގައުމީ ޓީމާއެކު އޭނާވަނީ 2020/2021 ވަނަ އަހަރުގެ ސީޒަނުގައި ޔޫއެފާ ނޭޝަންސް ކަޕް ކާމިޔާބު ކޮށްފައެވެ. ސާބިތު ނުވި އަޚްލާގީ މައްސަލަ (ގައުމީ ޓީމުގެ ކުޅުންތެރިއެއްގެ ބަރަހަނާ މަންޒަރުތަކެއް ވީޑިއޯ ކޮށް އެ ކުޅުންތެރިޔާ ބްލެކްމެއިން ކުރި މައްސަލަ) އަކާއި ގުޅިގެން ފްރާންސް އިން 2018 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި އިރު ބެންޒެމާ ހުރީ ޓީމުން އެކަހެރި ކޮށްފައެވެ.