ދަފްތަރު މީހުންނަށް ހަމަހަމަ ކަމާއިއެކު ބޯހިޔާވަހިކަން ހޯދައި ދިނުމަށް ގޮވާލައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފިއެވެ.

ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލާގައި ވަނީ ބޯހިޔާވަހިކަން ހޯދައިދިނުމަކީ އެއީ އަސާސީ ހައްގެއް ކަމަށާއި އަދި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ތަފާތު ކުރުން ގެންގުޅެގެން ނުވާނެ ކަމަށް ގާނޫނުގައި ވެސް ސާފުކޮށް ބުނެފައިވާ ކަމަށެެވެ.

ޖާބިރު ވަނީ މާލޭގައި ދިރިއުޅޭ ގިނަ ރައްޔިތުންނަކީ ދަފްތަރުގައި ޖެހިފައިވާ މީހުން ނޫންކަން ފާހަގަކުރައްވާ ގޯތި ދިނުމުގައި ދަފްތަރުގައި ތިބި ފަރާތްތަކަށް އިސްކަން ދިނުމަކީ އިންސާފަކަށް ނުވާނެ ކަމެއް ކަމަށްވެސް ވިދާޅުވެފައެވެ.

އޭނާ ވަނީ ބޯހިޔާވަހިކަން ދިނުމުގައި މާލެ މީހުންނާއި ތަފާތު ކުރުމެއް ނެތި އަތޮޅުތެރޭގެ މީހުންނަށް ވެސް ގޯތި ފޯރުކޮށްދެވެން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.

ޖާބިރު ވިދާޅުވީ ވަކި ކަމެއް ހާސިލް ކުރަން ދަފްތަރުގައި ޖެހުން މަޖުބޫރު ކަމަކަށް ވެފައި އޮންނާތީ، އެއްވެސް ރައްޔިތަކަށް ބޯހިޔާ ވަހިކަމުގެ މިހައްގު ގެއްލިގެން ނުދާނޭހެން ހުރިހާ ރައްޔިތުންގެ މެދުގައި ހަމަ އުސޫލަކުން ރާއްޖެ ތެރޭ މީހެއް ނުވަތަ މާލޭ މީހެއް ތަފާތު ކުރުމެއް ނެތި ބޯހިޔާ ވަހި ކަމުގެ މިހައްގު ހުރިހާ ދިވެހި ރައްޔިތުންނަށްވެސް ހަމަހަމަ އުސޫލަކުން ލިބޭނޭ ގޮތަކަށް ސަރުކާރުގެ ސިޔާސަތު އެކުލަވާލަންޖެހޭ ކަމަށެވެ.

މިކަމުގައި ހުރި ކަންބޮޑުވުންތަކާއި އިހުސާސްތައް ރައްޔިތުންގެ މަންދޫބުން މެދުވެރިކޮށް ދައުލަތުގެ ސަމާލުކަމަށް ގެނެސްދިނުން."
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރް

ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރުމަށް ފެންނަކަމަށް ވޯޓު ދެއްވީ އެންމެ 3 މެމްބަރުންނެެވެ. ނުފެންނަކަަމަށް 28 މެމްބަރަކު ވޯޓު ދެއްވިއިރު އެއް މެމްބަރަކު ވަކި ގޮތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.