ދަތުރުފަތުރުގެ ދާއިރާއިން ގުޅުން ބަދަހިކުރަން ސިންގަޕޫރާއެކު ދެ އެއްބަސްވުމެއްގައި މިއަދު ރާއްޖެއިން ސޮއިކޮށްފިއެވެ.

ރާއްޖެއިން ސިންގަޕޫރާއެކު ގާއިކޮށްފައިވަނީ ޓްރާންސްޕޯޓުގެ ދާއިރާއިން އެއްބާރުލުން ދިނުމާއި ގުޅޭ އެއްބަސްވުމާއި އެއަރކްރާފްޓް އެކްސިޑެންޓްތައް ތަހުގީގުކުރުމާއި ގުޅޭ އެއްބަސްވުމެކެވެ.

އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާއެވެ. ސިންގަޕޫރުގެ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އަދި މިނިސްޓަރ އިންޗާރޖް އޮފް ޓްރޭޑް ރިލޭޝަންސް، އެސް. އިސްވަރަންއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވީ މި އެއްބަސްވުންތަކަކީ ރާއްޖެއާއި ސިންގަޕޫރާއި ދެމެދު އޮންނަ ގުޅުުން އިތުރަށް ވަރުގަދަ ކުރުމަށް ދެ ގައުމުންވެސް ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ދަތުރުފަތުރުގެ ދާއިރާ ތަަރައްގީ ކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ހިތްވަރު ލިބިގެންދާނެ ކަމަށެވެ.

ސިންގަޕޫރަކީ ރާއްޖެއާ ވަރަށް ގާތް ގުޅުމެއް އޮންނަ ގައުމެއްކަން ފާހަގަކުރައްވާ، މިއަދު ސޮއި ކުރި އެއްބަސްވުމުގެ ސަބަބުން ދަތުރުފަތުރުގެ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެން ދާނެ ކަމަށް ސިންގަޕޫރުގެ އެސް އިސްވަރަން ވިދާޅުވިއެވެ.

މި އެއްބަސްވުންތަކުގެ ދަށުން ރާއްޖޭގެ ވައިގެ ދަތުރުފަތުރާއި ބެހޭ ތަމްރީނާއި، ކަނޑުދަތުރުފަތުރުގެ ދާއިރާއިން ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، މަގުމަތީގެ ޓްރެފިކް މެނޭޖް ކުރުމާއި އަދި މަތިންދާބޯޓުތަކަށް ދިމާވާ އެކްސިޑެންޓްތަކާއި ވައިގެ ދަތުރުފަތުރުގައި ހިނގާ ހާދިސާތައް ތަހުގީގު ކުރުން ހިމެނެއެވެ.

ޓްރާންސްޕޯޓުން ބުނީ މި އެއްބަސްވުންތަކުގެ ސަބަބުން ދިވެހިރާއްޖެއާއި ސިންގަޕޫރާއި ދެމެދު ދަތުރުފަތުރުގެ ދާއިރާގެ ގުޅުން އިތުރަށް ވަރުގަދަ ކުރެވިގެންދާނެ ކަމަށެވެ.