ޔުނައިޓެޑް ސްޓޭޓްސް ފޯރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއޭއައިޑީ) އިން 10.5 މިލިއަން ޑޮލަރުގެ، 5 އަހަރުގެ ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް ރާއްޖޭގައި މިއަދު އިފްތިތާހުކޮށްފިއެވެ.

މިޕްރޮޖެކްޓަކީ ދިވެހި ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި އެކުލެވޭ ވިލުންވެރި މުޖުތަމައުތަކެއް ބިނާކުރުމުގެ ސިޔާސަތަށް އެއްބާރުލުންދީ، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ހުރިފުރުސަތުތަކާއި ކުރާ މަސައްކަތްތައް ހަރުދަނާކޮށް، މިހާރާއި މުސްތަގުބަލުގައި ދިމާވެދާނޭ ނާޒުކު ހާލަތްތަކުން ރައްކާތެރިވެފައިވާ އަދި މޫސުމީ ބަދަލުތަކަށް ވިލުންވެރިވެފައިވާ މުޖުތަމަޢުތަކެއް ބިނާކުރުމަށް އެހީވެދޭނެ ހިލޭ އެހީއެއްކަމަށް ޔޫއެސްއޭއައިޑީ އިން ބުނެއެވެ.

ޕްރޮޖެކްޓާއި ގުޅޭގޮތުން ޔޫއެސްއޭއައިޑީއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ މިޝަން ޑައިރެކްޓަރ ރީޑް އެއިޝްމަން ވިދާޅުވީ މިއަދު އިފްތިތާހުކުރި ޕްރޮޖެކްޓަކީ އެމެރިކާއާއި ރާއްޖެއިން މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމަށް ގޮވާލާފައިވާ ކަންތައްތަކަށް ސީދާގޮތެއްގައި އިޖާބަދޭ ޕްރޮޖެކްޓެއްކަމަށެވެ.

އަދި ވިދާޅުވީ، ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓްގެ ތެރެއިން މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ސަރުކާރާއި، އަމިއްލަ ވިޔަފާރިތަކާއި، މުޖުތަމައުން ކުރާ މަސައްކަތްތަކުން ދިވެހިރާއްޖޭއަށް ދެމެހެއްޓެނެވި، އިންކްލޫސިވް އަދި މާކެޓް ބޭސްޑް ކުރިއެރުންތަކެއް ގެނެސްދިނުމަށް ޔޫއެސްއޭއައިޑީއިން އެހީތެރިވެދޭނެކަމަށެވެ.

ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓްގެ ތެރެއިން މޫސުމީ ބަދަލުތަކާހުރެ ކުރިމަތިވާ ހުރަސްތަކަށް ހުރި އީޖާދީ ހައްލުތައް ފާހަގަކޮށް، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރަންހުރި މަސައްކަތްތަކުގައި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން ހިމެނުމަށް ޔޫއެސްއޭއައިޑީއިން އެހީތެރިވެދޭނެއެވެ.

ލޯކަލް ޕާޓްނަރުންގެ އެހީގައި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ކުރިމަތިވާ ހިރާސްތަކަށް އިޖާބަދިނުމަށް ގަވަރނަންސް ހަރުދަނާކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ކުރިމަތިވާ ނާޒުކުކަން ކުޑަކުރުމަށް ކަންކަން ނިންމުމަށް ރަނގަޅު ފެންވަރުގެ މައުލޫމާތު ފޯރުކޮށްދިނުމަށް މިޕްރޮޖެކްޓުން އެހީތެރިވާނެއެވެ. މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް މިޕްރޮޖެކްޓްގެ ދަށުން ސަމާލުކަންދޭނެ ދާއިރާތަކަކީ މިބަދަލުތަކުން އަސަރުކުރުން ގާތް ދާއިރާތައް ކަމުގައިވާ މަސްވެރިކަމާއި ދަނޑުވެރިކަމާއި ފަތުރުވެރިކަމެވެ.