ނިމިދިޔަ 2021 ވަނަ އަހަރު ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ލިބުނު އެންމެ ބޮޑު ކުރިއެރުމަކީ ފަނޑިޔާރުންގެ ފެންވަރު ބެލުމުގެ މަސައްކަތް އަމަލީ ގޮތުން ފެށުން ކަމަށް އެކޮމިޝަންގެ ރައީސް ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.

ހިސާން މިފަދައިން ވިދާޅުވީ 2021 ވަނަ އަހަރު ޖުޑީޝަލް ސަރވިސް ކޮމިޝަން ހިނގައި ދިޔަގޮތުގެ މަށްޗަށް އެކުލަވާލެވިފައިވާ ކޮމިޝަނުގެ އަހަރީ ރިޕޯޓުގައެވެ.

ޖޭއެސްސީން މިއަދު އާންމުކޮށްފައިވާ ރިޕޯޓުގައި 2021 ވަނަ އަހަރު ކޮމިޝަނުން ކޮށްފައިވާ މުހިންމު މަސަކަތްތަކާއި، ލިބުނު ކުރިއެރުންތަކާއި، ކޮމިޝަނުގެ މަސައްކަތް ހިންގުމުގައި ކުރިމަތިވި ގޮންޖެހުންތަކާއި އަދި ކޮމިޝަނުގެ ކުރިމަގަށް ރާވާފައިވާ ކަންތައްތައް ހިމެނެއެވެ.

ކޮމިޝަންގެ ރައީސް އަލްއުސްތާޛާ ހިސާން ހުސައިން ވިދާޅުވީ ނިމިދިޔަ އަހަރު އެކޮމިޝަނަށް ލިބުނު އެންމެ ބޮޑު އެއް ކުރިއެރުމަކީ ފަނޑިޔާރުންގެ ފެންވަރު ބެލުމުގެ މަސައްކަތް ޢަމަލީ ގޮތުން ފެށުން ކަމަށާއި، އެގޮތުން ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ މަސައްކަތް ކުރުމަށް އިވޭލުއޭޓަރުންގެ ގޮތުގައި ސުޕްރީމް ކޯޓު އަދި ހައި ކޯޓުގެ ފަނޑިޔާރުން ހަމަޖައްސައި، މި މަސައްކަތުގައި ބައިވެރިވާ ހުރިހާ ފަރާތްތަކެއް ތަމްރީންކޮށްފައިވާނެ ކަމަށެވެ.

ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމާމެދު ރައްޔިތުންގެ މެދުގައި އުފެދޭ ސުވާލުތަކާއި ފަނޑިޔާރުންނާ ކޯޓުތަކާމެދު އުފެދޭ ކަންބޮޑުވުންތަކާ ގުޅިގެން ފާއިތުވެދިޔަ އަހަރު ޖޭއެސްސީއަށް 404 މައްސަލައެއް ހުށަހަޅާފައިވާއިރު، ކޮމިޝަނުގެ މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީން މި މައްސަލަތަކުގެ ތެރެއިން 90 އިންސައްތަ މައްސަލައަށް ވަނީ ގޮތެއް ނިންމާފައެވެ. އަދި، ވޭތުވެ ދިޔަ 3 އަހަރު ހުށައަޅާފައިވާ މައްސަލަތައް އޭގެ ކުރީ 10 އަހަރުގެ ޖުމްލައަށްވުރެ 28 އިންސައްތަ އިތުރަށް ހުށައަޅާފައިވާކަމީ ކޮމިޝަނާމެދު އާންމުން ކުރާ އިތުބާރު ބޮޑުތަނުން ބޮޑުވެފައިވާކަން ދޭހަވާކަމެއްކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެއެވެ.

2021 ވަނަ އަހަރު ތަހްގީގު ކޮމިޓީތަކުން 33 މައްސަލައެއް ނިންމާފައިވާއިރު، ކޮމިޝަނުގައި މިވަގުތު ނުނިމި ހުރި މައްސަލައިގެ އަދަދު 2020 ވަނަ އަހަރާ އަޅާބަލާއިރު 20 އިންސައްތަ ދަށަށް ގޮސްފައިވާކަން ރިޕޯޓުން ހާމަވެއެވެ.

2020 ވަނަ އަހަރު ފަނޑިޔާރުންގެ މާލީ ބަޔާން ހުށަހެޅުމުގެ ގަވާއިދު މުރާޖާކޮށް 2021 ވަނަ އަހަރު 199 ފަނޑިޔާރުން 461 މާލީ ބަޔާން ހުށަހަޅާފައިވާކަން ފާހަގަކޮށް ރިޕޯޓުގައި ބުނެފައިވަނީ އެގަވާއިދުގައި ބުނާ ފަދައިން ކޮމިޝަނުން މާލީ ބަޔާންތައް ދިރާސާކޮށް މާލީ ބަޔާންތަކުގައި އެއްވެސް އިންކޮންސިސްޓަންސީއެއް ފާހަގަވެފައިނުވާކަމީ މިގަވާއިދުގެ މަޤްސަދު މާނަވީ ގޮތެއްގައި ތަންފީޒްވާކަމުގެ ހެއްކެއް ކަމަށެވެ.

ނިމިދިޔަ އަހަރު ކޮމިޝަނުގެ 93 ބައްދަލުވުމެއް ބާއްވާފައިވާއިރު، 658 ނިންމުމެއް ނިންމާފައިވެއެވެ. އަދި، ދާއިމީ 7 ކޮމިޓީގެ ގިނަ ބައްދަލުވުން ބާއްވާ 88 ތަހުގީގު ކޮމިޓީއެއްގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން، ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ގެ ބަލިމަޑުކަމަކީ ކޮމިޝަނަށް ކުރިމަތިވެފައިވާ ގޮންޖެހުމެއް ނޫންކަމަށާއި 2020 ވަނަ އަހަރު ކޮމިޝަނަށް ގެނެވުނު އުމްރާނީ ތަރައްޤީއާއި މަސައްކަތުގެ ވައްޓަފާޅިއާއި އާދަކާދައަށް ގެނެވުނު އެދެވޭ ހެޔޮ ބަދަލުތަކާއެކު، މިއަދު ކޮމިޝަނުން މަސައްކަތް ކުރަމުން ދަނީ ކޮމިޝަނުންގެ މަސައްކަތްތައް ހުއްޓުމެއްނެތް ގޮތަށް އައު އާންމު ހާލަތުގައި ކަމަށް ކޮމިޝަންގެ ރައީސް ވަނީ ވިދާޅުވެފައެވެ.

ކޮމިޝަނުގެ މަސައްކަތްތަކަށް ލިބިފައިވާ ކުރިއެރުންތަކަކީ، މުވައްޒަފުންގެ އަދަދަށް ބަދަލުތަކެއް ނުގެނެސް ގެނެވުނު ކުރިއެރުމެއްކަމީ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތުގައި ދައްކާ ލާމަސީލު ނަމޫނާކަން ފާހަގަކޮށްފައިވެއެވެ.