ނޭޝަނަލް ޓްރޭޑް ޓެސްޓިންގް އެންޑް ސެޓްފިކޭޝަން ޕްރޮގްރާމްގެ ދަށުން އިތުރު 02 ޓްރޭޑް ޓެސްޓް ސެންޓަރެއް ރަޖިސްޓަރީ ކޮށްފިއެވެ.

މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީން ބުނީ 2 ފަރާތަކާއިއެކު ނޭޝަނަލް ޓްރޭޑް ޓެސްޓިންގ ޕްރޮގްރާމް ހިންގުމަށް ކޮލިޓީ އެޝުއަރެންސް ފަހުމުނާމާގައި މިއަދު ސޮއިކޮށްފައިވާ ކަމަށެވެ.

ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގައި ބޭއްވި މިހަފްލާގައި، ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖް އަދި ވިލާ ކޮލެޖަށް ވަނީ ޓްރޭޑް ޓެސްޓިންގ ސެންޓަރ ރަޖިސްޓްރޭޝަން ސެޓްފިކެޓް ހަވާލްކޮށް ޓްރޭޑް ޓެސްޓިންގް ކުރިއަށް ގެންދިއުމުގެ ހުއްދަ ދީފައެވެ.

ހުނަރުގެ ރަސްމީ ތަމްރީނުގެ ތެރެއިން ސެޓްފިކެޓެއް ނުލިބި ފަންނީ މަސައްކަތުގައި ގިނަ ދުވަހު ދެމިތިބޭ ދިވެހި ރައްޔިތުންނަށް ހުނަރުގެ ރަސްމީ ސަނަދެއް ހޯދޭނެ ނިޒާމް މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީއިން ވަނީ ގާއިމް ކޮށްފައެވެ.

އެގޮތުން މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީން ހިންގާ ނެޝަނަލް ޓްރޭޑް ޓެސްޓިންގ އެންޑް ސަރޓިފިކޭޝަން ޕްރޮގްރާމްގެ ދަށުން، ވަޒީފާއަށް ބޭނުންވާ ފަންނީ ހުނަރު ހުރިތޯބެލުމަށް ގައުމީ އިމްތިހާނެއްދީ އެ އިމްތިހާނުން ފާސްވާ މީހުނަށް ގައުމީ ސަނަދު ނުވަތަ ނެޝަނަލް ސެޓްފިކެޓެއް ދެވޭނެއެވެ.

އެގޮތުން ދެވޭ ޤައުމީ އިމްތިހާން ނުވަތަ ނޭޝަނަލް އެސެސްމަންޓް ދެވޭނީ މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ނޭޝަނަލް ކޮމްޕިޓެންސީ ސްޓޭންޑަރޑް ތަކުގައި ކަނޑައަޅާފައިވާ އެންމެހައި ކޮމްޕީޓެންސީތައް ހާސިލުވެފައިވާކަން ކަށަވަރުކޮށްފައެވެ.