2004 ވަނަ އަހަރުގެ މާޗު މަހުގެ 17 ވަނަ ދުވަހަކީ ދިވެހި ތާރީޚުގައި ކަޅު ސަފްހާއެއް ލިޔެވިގެންދިޔަ ދުވަހެކެވެ. އެ ކަޅު ދުވަހާއި ދިވެހިން ކުރިމަތިލީ މިގެ 17 އަހަރު ކުރިން ނަމަވެސް އެދުވަހުގެ ބިރުވެރިކަމާ، ނާމާންކަން ދިވެހިންގެ ހިތްތަކުގަ މިއަދުވެސް ވަނީ ބިންވަޅު ނެގިފައެވެ. ރާއްޖޭގެ ރައްޔިތުންނަށް ވަކިން ޚާއްސަކޮށް ގދ. ތިނަދޫ ރައްޔިތުންނަށް އެއީ ކުއްލި ސިހުމާއި ނުހަނު ފުން ހިތާމާއެއް ލިބިގެންދިޔަ ޚަބަރަކަށެވެ.

2004 ވަނަ އަހަރުގެ މާޗު މަހުގެ 17 ވީ ބުދަ ދުވަހުގެ ރޭގެ އިރާކޮޅުގެ ވަގުތެއްގައި ތިނަދޫގެ "އެނަމާ" ބޯޓު ބަންޑުންޖަހާލި ހާދިސާގެ ޚަބަރު ލިބުމުން މުޅި ތިނަދޫ ރުއިމުގެ އަޑުން ގުގުމާލިއިރު އެހިތާމައިގަ މުޅި ރާއްޖެވެސް ބައިވެރިވިއެވެ. އެއީ ދިވެހި ތާރީޚުގައި ކަނޑުމަތީގެ ހާދިސާއެއްގައި އެންމެ ގިނަ ދިވެހިންތަކެއް މަރުވި ހާދިސާއަށް ވުމުންނެވެ.

ޖުމްލަ 122 މީހުންނާއެކު ގއ.ވިލިނގިލިން ފުރައިގެން ގދ. ތިނަދުއަށް ދަތުރުކުރަމުން ދަނިކޮށް އެނަމާ ބޯޓު ބަންޑުން ޖަހާލި ހާދިސާއާ ގުޅިގެން ޖުމްލަ 24މީހުން މަރުވެ ދެމީހަކު ވީނުވީއެއްނޭގި ވަނީ ގެއްލިފައެވެ. އެއް ރަށަކަށް ނިސްބަތްވާ އެތައް ބަޔަކު މިހާދިސާގައި އެ މީހުންގެ ލޯބިވާ އާއިލާތަކާ ވަކިވެދިޔައިރު މަރުވި މީހުންނާއި މަރުނުވެ މިހާދިސާއިން ސަލާމަތްވި މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ މީހުންވެސް މަދެއް ނޫނެވެ.

އެނަމާ ބޯޓު ބަންޑުންޖަހަލި ހާދިސާގައި ފަތަން ދަންނަ އެތައް ބަޔަކު މިދުނިޔެއާ އަލްވަދާއު ކިޔާފައިވީނަމަވެސް މިހާދިސާގައި އެންމެ ހަގު ކުއްޖެއްގެ ގޮތުގައި ސަލާމަތްވީ އެންމެ ތިންމަހުގެ ތުއްތު ކުއްޖެކެވެ.

ގއ. ވިލިނގިލީގައި އޮތް ފުޓުބޯޅަ މެޗެއް ބެލުމަށް ގދ. ތިނަދޫއިން އެރަށަށް ދިޔަ މީހުން އެނބުރި ތިނަދޫއަށް ދަތުރުފެށީ އުފަން ރަށަށް ދިޔުމުގެ ފޮނި އުންމީދުގައެވެ. ދަތުރުކުރަމުންގޮސް ބައިގަޑިއެއް ހާއިރު ވީތަނާ އިންޖީނު ހުއްޓިގެން އޭގެ ފިލްޓަރެއް ބަދަލުކޮށް އަލުން ދަތުރު ފެށިއެވެ.

އޭގެ ފަހުން ހުރިހާ ކަމެއްވެސް އާދައިގެ މަތިންގޮސް އެ ހިތްދަތި ކާރިޘާ ހިނގީ ވަރަށް ކުއްލި ގޮތަކަށް އެރޭ 8:30 ކަންހާއިރުއެވެ. އެކާރިޘާ ހިނގާފައިވަނި އެނަމާ ބޯޓާ 40 ފޫޓު ދުރުން ދަތުރު ކުރަމުންދިޔަ 'އަރުތަ' ނަމަކަށް ކިޔާ ތިނަދޫ މަސްދޯންޏެއްގެ މޯހިރުން އުފެދުނު ރާޅެއްގައިޖެހި އެނަމާ ބޯޓު ތަޅުވައިގެން ކަމަށް ބުނެވެއެވެ. އެރޭ ބޯޓު ދަތުރު ކުރަމުން ދިޔައިރު އޭގައި 88 ފުޅި ކައްކާ ގޭސް ހުސްކުރި ސިލިންޑަރާއި ހޮސްޕިޓަލުގެ މެޑްއޮކްސިޖަން ހުސްކުރި 10 ފުޅި ނޫން އެއްވެސް މުދަލެއް ބަރުކޮށްފައި ނެތެވެ.

މިހާ މަދު މުދަލާއެކު އެހާގިނަ މީހުން ބޯޓުގެ މަތީގައި ތިބުމަކީ ބޯޓު ބަންޑުންޖަހާލުމުގެ ސަބަބެއް ކަމަށް ކަމާބެހޭ ބައެއް މާހިރުން ދެކެއެވެ. އެނަމާ ބޯޓުގެ މީހުންނަށް ފުރަތަމަ އެހީވީ ރާޅު އުފައްދާފަ ކައިރިންދިޔަ ތިނަދޫ އަރުތަ ދޯންޏެވެ. އޭގެފަހުން ގއ. ދާންދޫ 'މިޔަރެންދޯނި' ކާރިސާ ހިނގި ވަގުތު އެނަމާބޯޓު ކައިރިއަށްގޮސް އެމީހުންނަށް އެހީނުވެ ވަނީ ގޮސްފައެވެ. މިކާރިސާއިން ސަލާމަތްވީ މީހުން ބުނާ ގޮތުގައި 'މިޔަރެންދޯނި' ގެ އެހީތެރިކަން ލިބުނުނަމަ އެމީހުންގެ ތެރެއިން ގިނަ ބަޔަކު ސަލާމަތް ކުރެވުނީސްއެވެ. 12 ޓަނުގެ މަސް އެބަހުއްޓޭ ބުނެ އެދޯނި ދިޔައީ ކޫއްޑޫއަށް މަސްކިރުވާށެވެ. ކަނޑުމަތީގައި އެތަކެއް އަޚުންނެއް ހާލުގައި ޖެހިފައި ތިއްބާ އެމީހުންނަށް އެހީނުވެ ދޯނި ދިޔައީއެވެ.

އެކަމާހެދި، އެ ދޯނީގެ ބައެއް މީހުންނަށް ފަހުންވަނީ ގާނޫނީގޮތުން ހައްގު އަދަބުދެވިފައެވެ.

މިއީވެސް ހާދިސާއެކެވެ. ތަފާތު އެތަކެއް އިބުރަތްތަކެއް ލިބިގެންދިޔަ ހިތާމަވެރި ހާދިސާއެކެވެ. އެނަމާ ކާރިސާގައި މިދުނިޔެ ދޫކޮށްދިޔަ ހުރިހާ ފަރާތްތަކަށް ސުވަރުގޭގެ މަތިވެރި ދާއިމީ ނިއުމަތް މިންވަރު ކުރައްވާށިއެވެ. އަޅުގަނޑުމެން އެންމެންނަކީ މިފަދަ ކޮންމެ ހާދިސާއަކުންވެސް އިބުރަތް ހާސިލްކޮށް އަޅުގަނޑުމެންގެ މާދަމާ ޕްލޭންކުރާ ބަޔަކު ކަމުގައި ލައްވާށިއެވެ. އާމީން