ރާއްޖޭގެ ތާރީހުގައިވެސް ބާއްވާނެ އެންމެ ބޮޑު ކުޅިވަރު އެވޯޑް ހަފްލާގައި އިއުލާނުކުރާ ހުސްވި އަހަރުގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ އެވޯޑަށް ނޮމިނޭޓުވެފައިވާ ތިން ކުޅުންތެރިން އިއުލާން ކޮށްފިއެވެ.

މި އެވޯޑް ހަފްލާގައި ރާއްޖޭގެ ގައުމީ ހުރިހާ ކުޅިވަރު އެސޯސިއޭޝަނެއްގެ އެންމެ މޮޅު ކުޅުންތެރިޔާ (އަންހެން/ފިރިހެން) ހޮވާނެއެވެ. މީގެ އިތުރުން އަހަރުގެ އެންމެ މޮޅު ކުޅިވަރު އެތުލީޓް (އަންހެން/ފިރިހެން) އަދި ކުޅިވަރައި ގުޅުން ހުރި އެކި ދާއިރާތަކުން އެވޯޑުތައް ދިނުމަށްވަނީ ހަމަޖެހިފައެވެ.

ކޮންމެ ކުޅިވަރެއްގެ އެންމެ މޮޅު ތިން އެތުލީތުން ނޮމިނޭޓު ކޮށްފައިވަނީ އެ ކުޅިވަރެއްގެ އެސޯސިއޭޝަނުންނެވެ. އެންމެ މޮޅު ކޯޗު، އެންމެ މޮޅު ޓެކްނިކަލް އޮފިޝަލް، އެންމެ މޮޅު ސިއްހީ އެހީތެރިޔާ، އެންމެ އުއްމީދީ އެތުލީޓު، އެންމެ މޮޅު ކުޅިވަރު ނޫސްވެރިޔާ، އެންމެ މޮޅު ކުޅިވަރު ފޮޓޯގްރާފަރު، އަހަރުގެ އެންމެ ފާހަގަކޮށްލެވޭ ކުޅިވަރު އެސޯސިއޭޝަން، އެންމެ ފާހަގަކޮށްލެވޭ ސްޕޯޓްސް ބްރޯޑްކާސްޓަރު، އެންމެ ފާހަގަކޮށްލެވޭ ސްޕޯޓްސް އޮންލައިން މީޑިއާގެ އިތުރުން އަހަރުގެ ކުޅިވަރު ޝަހުސިއްޔަތު ހޮވާނީ އެސޯސިއޭޝަތުން ނޮމިނޭޓްކުރި ނަންތަކަށް ރިއާޔަތްކޮށް އެކަމަށް ކަނޑައަޅާފައިވާ ޖަޖުންގެ ޕެނަލް އަކުންނެވެ.

މި ޕެނަލްގައި ހިމެނެނީ ފީފާ އަދި އޭއެފްސީގެ މެޗު ކޮމިޝަަނަރު އަހުމަދު ޝާހިރު، ގައުމީ ބާސްކެޓު ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަބްދުއްނާފިޔު ތައުފީގް، ކުރީގެ ފީފާ ރެފްރީ އަލީ ސަލީމް، ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ކުރީގެ ޖެނަރަލް ސެކްރެޓަރީ އިސްމާއިލް ސުޖާއުގެ އިތުރުން ގައުމީ ސްޕޯޓްސް ކައުންސިލްގެ މެންބަރު އާމިނަތު ނާޝިދާއެވެ.

ރާއްޖޭގައި އެއް ނަމްބަރު ކުޅިވަރުގެ ގޮތުގައި އޮތް ފުޓުބޯޅައިގެ ބެލެނިވެރި ފަރާތް، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މި އެވޯޑް ހަފްލާއަށް ނޮމިނޭޓުކުރި ތިން ކުޅުންތެރިންނަކީ، ރާއްޖޭހެ ގައުމީ ޓީމަށް ކުޅެމުންދާ ތިން ކުޅުންތެރިންނެވެ. އެއީ އިތުބާރު ފޯވާޑުން، ހަމްޒާ މުހައްމަދު (ހަމްޕު)، އަލީ ފާސިރު (ސެންޓޭ) އަދި ތަޖުރިބާކާރު ޑިފެންޑަރު އަލީ ސަމޫހް (ސަމުއްޓޭ) އެވެ،

މި ތިން ކުޅުންތެރިންނަކީވެސް ހުސްވި އަހަރު ރާއްޖޭގައި އެންމެ މަތީ ފަންތީގައި ފުޓުބޯޅަ ކުޅެ، އެކުޅުންތެރިން ނިސްބަތްވާ ކުލަބުތަކަށާއި ގައުމީ ޓީމަށްވެސް ތަފާތު މޮޅު ކުޅުމެއް ދައްކާފައިވާ ތިން ކުޅުންތެރިންނެވެ. ހާއްސަކޮށް، 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައި ރާއްޖެއިން ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރިއިރު ގައުމީ ޓީމުގައިވެސް މި ތިން ކުޅުންތެރިންގެ ދައުރު ބޮޑެވެ.

އެގޮތުން ހަމްޕު އަކީ ރާއްޖޭގެ އެންމެފަހުގެ ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާއެވެ. އަދި ސާފް ޗެމްޕިއަންޝިޕުގައި ހަމްޕު ވަނީ ހިތްގައިމު އޯވާހެޑް ގޯލަކާއިއެކު، އެމުބާރާތުގެ އެންމެ ހިތްގައިމު ގޯލުކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ގޯލުވެސް ކާމިޔާބު ކޮށްދީފައެވެ.

ސެންޓޭ އަކީ އެކުޅުންތެރިއަކަށް ރާއްޖޭގެ ހުރިހާ އެންމެންވެސް އެންމެ އިތުބާރުކުރާ އެއް ފޯވާޑެވެ. ސެންޓޭ އަކީ މި ސީޒަނުގެ ޕްރެޒިޑެންޓްސް ކަޕުގެ ޗެމްޕިއަން ވެލެންސިއާގެ ކެޕްޓަނެވެ. އަދި ޕްރެޒިޑެންޓްސް ކަޕުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީވެސް ސެންޓޭ އެވެ.

މީގެއިތުރުން ސަމުއްޓެ އަކީ ރާއްޖޭގައި މިވަގުތު އެފަދަ ދެވަނައެއް ނެތް ޑިފެންޑަރެކޭ ބުނުމަކުން މިއީ އެހެން ކުޅުންތެރިންނަށް ބުނެވޭ ބަދު ބަހަކަށް ނުވާނެއެވެ. މާޒިޔާގެ ޖާޒީގައި ތަފާތު ދައްކަމުން އަންނަ ސަމުއްޓެ ދިވެހިންގެ ތެރޭގައި ބޮޑަށް ވިދާލީ ސާފް ޗެމްޕިއަންޝިޕުންނެވެ.

މިމަހުގެ 17 ވަނަ ދުވަހު މި އެވޯޑް ހަފްލާ ބާއްވާއިރު، އެންމެފަހުން ސަރުކާރުން މިފަަދަ އެވޯޑެއް ބާއްވާފައިވަނީ 2012 ވަނަ އަހަރުއެވެ. އެފަހަރު ބާއްވާފައިވަނީ "ގައުމީ ކުޅިވަރު އެވޯޑް"ގެ ނަމުގައެވެ. އޭރު 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހު ބޭއްވި ކުޅިވަރު އެވޯޑްގައި އިނާމް ދީފައިވަނީ 2011 ވަނަ އަހަރު ބައިނަލްއަގްވާމީ މުބާރާތްތަކުގެ މެޑަލް ހޯދި ޓީމްތަކާއި އެތުލީޓުންނަށެވެ.

ކުޅިވަރުތަކުން ރާއްޖެއަށް ރީތި ނަން ހޯދައިދިން ކުޅުންތެރިންގެ އަގު ވަޒަންކޮށް އެ ކުޅުންތެރިންނަށް އެވޯޑް އެ ފަހަރު ހަތް ކުޅިވަރަކަށް ދީފައިވެއެވެ. އެ އަހަރަށް ފަހު ސަރުކާރުން ކުޅިވަރަށް ވަކިން ހާއްސަ އެވޯޑެއް ބާއްވާފައެއްނުވެވެ.