ޓޫރިޒަމް މިނިސްޓރީއާއި މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) އާއި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަށް (އެމް.ޓީ.ޑީ.ސީ) އާއި ޓޫރިޒަމް އިންޑަސްޓްރީގެ އެހެން ސްޓޭކް ހޯލްޑަރުންނާއި ގުޅިގެން އިންވެސްޓްމަންޓް އެންޑް ކަނެކްޓިވިޓީ އިވެންޓެއް އިންޑިއާގެ ކޮމާޝަލް ކެޕިޓަލް މުމްބާއިގައި ބާއްވައިފިއެވެ.

މާރޗް މަހުގެ 14 އިން 16 އަށް ކުރިއަށް ދިޔަ ޓޫރިޒަމް ފެއަރ"އައުޓް ބައުންޑް ޓްރެވަލް މާކެޓް" (އޯޓީއެމް) ގެ ހަވާސާގައި ބޭއްވި މި އިވެންޓް އޮތީ ވެސްޓީން ހޮޓެލްގައެވެ.

ދިވެހިރާއްޖޭގެ ޓޫރިޒަމް އިންވެސްޓްމެންޓާއި ކަނެކްޓިވިޓީ ފަހިކުރުމުގެ ގޮތުން ވަކިން ހާއްސަކޮށް ތިލަދުންމައްޗާއި މިލަދުންމަޑުލުގެ ފަތުރުވެރިކަމަށް އަމާޒުކުރެވިގެން ބޭއްވި މި އިވެންޓުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ނ. އަތޮޅު ކައުންސިލާއި ހދ. އަތޮޅު ކައުންސިލުން ވަނީ ބައިވެރިވެފައެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ އި އިވެންޓުގައި ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާއި ކަނެކްޓިވިޓީގެ ފުރުސަތުތަކުގެ މައުލޫމާތާއި ރާއްޖޭގެ ފަތުރުވެރިކަމުގެ މައުލޫމާތު ހިއްސާކުރެވި ފަތުރުވެރިކަމުގެ މުއާމަލާތްތައް ކުރުމުގެ މަޝްވަރާތައް ކުރެވުނު ކަމަށެވެ.

އަދި، ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންއަހަރުގެ ތީމް ލަވަ "ނަލަ ނަލަ ރާއްޖެ" އިޝްތިހާރުކުރުމާއި ގޯލްޑަން ޖުބްލީގެ އެކިއެކި ހަރަކާތްތަކުގެ ތެރެއިން ފޭސްބުކާއި އިންސްޓަގްރާމްގަ ވީޑިއޯ ޗެލެންޖެއް ކުރިއަށް ގެންދިއުމަށް ވެސް ވަނީ އިއުލާންކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ 2021 ވަނަ އަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 22 އިންސައްތަ އަކީ އިންޑިއާ ފަތުރުވެރިން ކަމަށާއި، މިއަހަރުގެ މިހާތަނަށް އައި ފަތުރުވެރިންނަށް ބަލާއިރު އިންޑިއާގެ ހިއްސާ އަކީ 10 އިންސައްތަކަމަށެވެ. އިންޑިއާގެ މާކެޓަކީ ރާއްޖެއަށް ވަރަށް ފުރުސަތު ފުޅާ މާކެޓެއްކަން ފާހަގަކޮށް މިނިސްޓްރީން ބުނީ ކައިރި މުސްތަގުބަލެއްގައި އިންޑިއާގެ ބައެއް ސަރަހައްދުތަކުން، އުތުރުގެ ބައިނަލްއަގްވާމީ އެއަރޕޯޓުތަކަށް ފްލައިޓްތައް ފެށުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

މި އިވެންޓުގައި ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމްގެ އިތުރުން ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ހުސައިން ނިޔާޒްއާއި އެމްއެމްޕީއާރްސީގެ އެމްޑީ ޠައްޔިބް މުހައްމަދުގެ އިތުރުން، ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހުމަދު އާތިފް އަދި އިންޑަސްޓްރީގެ އިސްވެރިން ވާހަކަފުޅުދެއްކެވިއެވެ.

މީގެއިތުރުން، އިވެންޓުގައި ރާއްޖޭގެ ފަރާތުން ބައިވެރިވި ޑެލިގޭޝަންގައި ޓުއަރިޒަމްގެ ދާއިރާގައި ރާއްޖެ ތަމްސީލްކުރައްވާ ގިނަ ފަރާތްތައް ހިމެނެއެވެ.