ޔުއެފާ ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެރޭ ޔުވެންޓަސްގެ ދަނޑުގައި އެޓީމުގެ މައްޗަށް ބޮޑު މޮޅެއް ހޯދާ ސްޕެއިންގެ ވިއަރެއާލް އިން ޔުވެންޓަސް ލަދުގަންނަވާ ލައިފިއެވެ.

މި ދެޓީމުން މިބުރުގައި ކުޅުނު ފުރަތަމަ ލެގު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. މިއާއެކު ޔުވެންޓަސް އިން އަމިއްލަ ދަނޑުގައި ދެވަނަ ލެގު ކުޅެން ލިބުމާއެކު ކުއާޓަރގެ ބޮޑު އުންމީދެއް ކުރިއެވެ.

ދެވަނަ ލެގުގައި ފަހު 15 މިނެޓާ ޖެހެންދެން ވިއަރެއާލް އަށް މެޗުގައި ޔުވެންޓަސްގެ ގޯލާއި އަމާޒުވާގޮތަށް ހަމަލާއެއް ފޮނުވާލެވިފައި ނުވާއިރު، މެޗުގެ ބޮޑުބައެއްގައި މޮޅަށްކުޅެ ރަނގަޅު އެޓޭކުތަކެއް ކޮށްފައިވަނީ ޔުވެންޓަސް އިންނެވެ.

0-3 ގެ ނަތީޖާއަކުން ވިއަރެއާލް މިމެޗު ކާމިޔާބުކުރިއިރު މެޗުގައި އެޓީމުންޖެހި ތިން ލަނޑުވެސް ކާމިޔާބުކޮށްފައިވަނީ ފަހު 15 މިނެޓުގެ ތެރޭގައެވެ.

އެގޮތުން އެޓީމުން ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ މެޗުގެ 78 ވަނަ މިނެޓުގައެވެ. މިއީ އޭރިއާ ތެރެއިން ވިޔަރެއާލްގެ ކޮކެލިން އަށް ޔުވެންޓަސްގެ ރުގާނީ ކުރި ފައުލަކާއި ގުޅިގެން ވީއޭއާރްގެ އެހީ ހޯދުމަށްފަހު ރެފްރީ ޔުވެންޓަސް އަށްދިން ޕެނަލްޓީއެކެވެ. މި ޕެނަލްޓީ ގޯޅުގެ ތެރެއަށް ވައްދާލައިގެން މެޗުގައި ވިޔަރެއާލް އަށް ލީޑުނަގައިދިނީ ޖެރާޑް މޮރޭނޯ އެވެ.

ވިއަރެއާލް އިން މެޗުގައި ލީޑުފުޅާކޮށް ދެވަނަ ލަނޑެއް ކާމިޔާބުކުރީ މެޗުގެ ފުރިހަމަވަގުތު ހަމަވާން ފަސްމިނެޓަށްވެފައި ވަނިކޮށެވެ. މިއީ އައުރިއާ ނަގައިދިން ހުރަހެއް ގޯލުގެ ތެރެއަށް ވައްދާލައިގެން ޕައު ޓޮރޭޒް ކާމިޔާބުކުރި ލަނޑެކެވެ.

އަދި މެޗުގައި އެޓީމުންޖެހި ފަހު ލަނޑަކީވެސް ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. މެޗުގެ ފުރިހަމަވަގުތު ހަމަވެ ދެއްކި އިތުރުވަގުތުގެ ދެވަނަ މިނެޓުގައި ޕެނަލްޓީ ގޯލުގެ ތެރެއަށް ވައްދާލައިގެން މިލަނޑު ކާމިޔާބުކޮށްދިނީ ޑެންޖުމާ އެވެ. މިއީ އޭރިއާ ތެރެއިން ޔުވެންޓަސްގެ ޑެލިޓް އަތުގައި ބޯޅަޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ.

މި މޮޅާއެކު ވިއަރެއާލް ކުއާޓަރ ފައިނަލްގެ ފަހުޖާގަ ކަށަވަރުކުރިއިރު ކުއާޓަރގައި ދެން ކުޅޭނެ ހަތް ޓީމުވެސް ވަނީ ކަށަވަރުވެފައެވެ. އެގޮތުން ދެން ކުއާޓަރ ގައި ދެން ކުޅޭނީ ރެއާލް މެޑްރިޑް، މެންޗަސްޓަރ ސިޓީގެ އިތުރުން ބެންފީކާ، އެތްލެޓިކޯ މެޑްރިޑް، ޗެލްސީ އަދި ބަޔާން އާއި ލިވަޕޫލެވެ.