ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނުގެ ދަށުން އިތުރު ހަތަރު ފަރާތަކަށް ޕޭމަންޓް ޚިދުމަތް ދިނުމުގެ ލައިސަންސް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދޫކޮށްފިއެވެ.

އެންމެ ފުރަތަމަ މި ލައިސެންސް އެމްއެމްއޭ އިން ދޫކޮށްފައިވަނީ، އުރީދޫއާއި ދިރާގަށެވެ.

އަލަށް ޕޭމަންޓް ޚިދުމަތް ދިނުމުގެ ލައިސަންސް ދޫކޮށްފައިވާ ހަތަރު ކުންފުނި:

  1. ވީ.ޓީ.ޓީ. ފައިނޭންސް ޕްރައިވެޓް ލިމިޓެޑް
  2. ގްލޯބަލް ޕޭމަންޓްސް އޭޝިއާ-ޕެސިފިކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  3. ޕޭޔަރ ޕްރައިވެޓް ލިމިޓެޑް
  4. ފަހިޕޭ ޕްރައިވެޓް ލިމިޓެޑް

ވީ.ޓީ.ޓީ. ފައިނޭންސް ޕްރައިވެޓް ލިމިޓެޑަށް ހުއްދަ ދޫކޮށްފައިވަނީ، ޕޭމަންޓް މުއާމަލާތްތައް އެކުއަޔަރ ކުރުމުގެ ޚިދުމަތް ދިނުމަށެވެ. ލޯބަލް ޕޭމަންޓްސް އޭޝިއާ-ޕެސިފިކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ޕޭމަންޓް މުއާމަލާތްތައް އެކުއަޔަރކުރުމުގެ ޚިދުމަތް ދިނުމަށް ލައިސެންސް ދޫކޮށްފައިވާއިރު، ޕޭޔަރ ޕްރައިވެޓް ލިމިޓެޑަށް އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ޚިދުމަތް ދިނުމަށް ވަނީ ލައިސެންސް ދީފައެވެ. އަދި ފަހިޕޭ ޕްރައިވެޓް ލިމިޓެޑަށް ލައިސެންސް ދޫކޮށްފައިވަނީ އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ޚިދުމަތް ދިނުމަށެވެ.

މި ލައިސަންސްގެ ދަށުން ވީ.ޓީ.ޓީ. ފައިނޭންސް ޕްރައިވެޓް ލިމިޓެޑްއިން އަދި ގްލޯބަލް ޕޭމަންޓްސް އޭޝިއާ-ޕެސިފިކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން ދިނުމަށް ނިންމާފައިވާ ޕޭމަންޓް މުއާމަލާތްތައް އެކުއަޔަރކުރުމުގެ ޚިދުމަތަކީ މީގެ ކުރިން އެއޮތޯރިޓީން ދޫކޮށްފައިވާ ހުއްދައެއްގެ ދަށުން ދެމުން އަންނަ ޚިދުމަތެކެވެ.

ގައުމީ ޕޭމަންޓް ސިސްޓަމްގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ތަސްދީގުކުރެއްވީ މިދިޔަ އަހަރުގެ މޭ 18ގައެވެ.