މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ބަލައިގަންނަ ޓެކްސް އަދި އެހެނިހެން ފައިސާތަކުގެ ތެރެއިން ނުލިބިވާ ފައިސާ ހޯދުމުގެ ގޮތުން މީރާއިން ޢަމަލުކުރާނެ ގޮތް ބަޔާންކުރާ އުސޫލުތައް އާންމުކޮށްފިއެވެ.

ޓެކްސް އަދި އެހެނިހެން ފައިސާތަކުގެ ތެރެއިން ނުލިބިވާ ފައިސާ ހޯދުމުގެ ގޮތުން މީރާއިން ފަސް އުސޫލެއް ވަނީ ސަރުކާރުގެ ގެޒެޓުގައި އާންމުކޮށްފައެވެ.

މީރާއިން އާންމުކޮށްފައިވާ އުސޫލުތަކަކީ، ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކާމެދު ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އާންމު އުސޫލާއި، ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލުގެ އިތުރުން އިންސްޓޯލްމަންޓަށް ބަހައިލައިގެން ފައިސާ ދެއްކުމުގެ އުސޫލެވެ.

މީގެއިތުރުން ބެންކު އެކައުންޓުގައި ހުރި ފައިސާ ހިފެހެއްޓުމާއި، ބެންކު އެކައުންޓު ބެލުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު، އަދި ޖޫރިމަނާ ލުއިކޮށްދިނުމުގައި ޢަމަލުކުރާނެ ގޮތު ގެ އުސޫލުވެސް މީރާއިން ވަނީ އާންމުކޮށްފައެވެ.

ކޮވިޑް-19ގެ ސަބަބުން ޓެކްސް ދައްކާ ފަރާތްތަކާ އާންމު ފަރުދުންގެ ވިޔަފާރިތަކަށް ދިމާވި ހީނަރުކަމަށް ރިޢާޔަތްކޮށް، އެފަރާތްތަކަށް ދިން ލުޔެއްގެ ގޮތުން، ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި އެންފޯސްމަންޓް ފިޔަވަޅު އެޅުން ވަނީ ހުއްޓާލާފައެވެ.

ނަމަވެސް، އަންނަ އޭޕްރިލް މަހުން ފެށިގެން، ޓެކުހުގެ ޒިންމާތައް އަދާނުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ފަށާނެކަމަށް މީރާއިން މައުލޫމާތު ދެއެވެ. އެހެންކަމުން ޓެކްސް ދައްކާ ފަރާތްތައް އެ ފަރާތްތަކުކެ ޓެކުހުގެ އިލްތިޒާމުތައް ފުރިހަމައަށް އަދާ ކުރުމަށް މީރާއިން އިލްތިމާސްކޮށްފައިވެއެވެ.

މި އުސޫލުތަކަށް ޢަމަލުކުރަން ފެށުމާއެކު މިހާރު ތަންފީޒުކުރަމުންދާ "މީރާގެ އެންފޯސްމަންޓް ޕޮލިސީ" އުވިގެންދާނެކަމަށް މީރާއިން ހާމަކުރެއެވެ.