ބީއެމްއެލް ގެ މުވައްޒަފުން އިސްނަގައިގެން މާލެ ސުވިމިންގ ޓްރެކް އަދި ހުޅުމާލެ ފޭސް 2 ބީޗް ސަރަހައްދު ސާފުކުރުމުގެ ހަރަކާތްތަކެއް މިއަދު ހެނދުނު ބާއްވާއިފިއެވެ.

މި ހަރަކާތަކީ ބީއެމްއެލްގެ މުވައްޒަފުން އިސްނަގައިގެން މާރިޗު މަހުގެ 20 ވަނަ ދުވަހު ދުނިޔޭގައި ފާހަގަކުރަމުން އަންނަ އިންޓަރނޭޝަނަލް ޑޭ އޮފް ހެޕިނަސްއާ ގުޅުވައިގެން ކުރިޔަށް ގެންދިޔަ ހަރަކާތެކެވެ.

މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 6:00 އިން ފެށިގެން 9:00 އަށެވެ. މިއީ ސުވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް، ޑައިވް ކްލަބް މޯލްޑިވްސް، ޑައިވް ޑެސްކް އަދި ޕާރލޭއާ ގުޅިގެން ހިންގި ހަރަކާތެކެވެ.

މި ހަރަކާތާއި ގުޅިގެން ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ ބީއެމްއެލްއިން މީގެ 3 އަހަރުކުރިންވެސް ސްވިމިންގް ޓްރެކް ސާފުކޮށްފައިވާނެކަމަށެވެ. އޭރާ އަޅާބަލާއިރު މިހާރު ސްވިމިންގ ޓްރެކް ސަރަހައްދު ސާފުކަމަށް ފާޙަގަކުރެވޭކަމަށް އޭނަ ވިދާޅުވިއެެވެ. އެހެންނަމަވެސް އަދިވެސް ކޮންމެވެސް ވަރަކަށް ދަޅާއި ޕްލާސްޓިކް ފުޅި މޫދަށް އަޅާފައި ހުންނަތަން ފެންނަކަމަށާއި، ބީއެމްއެލްގެ އެދުމަކީ އެންމެންވެސް އެތަނުގައި ހުންނަ ޑަސްބިން ބޭނުންކޮށް، މޫދަށް ކުނި ނޭޅުންކަމަށް ސާއިދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، ހުޅުމާލެ ފޭސް 2ގެ ސަރަހައްދަށް ބަލާއިރުވެސް އަތިރިމައްޗާއި ގޮނޑުދޮަށުގައި ގިނަ ޕްލާސްޓިކް ކޮތަޅާއި ފުޅި ހުރިކަމަށާއި، ހުޅުމާލެގެ ބީޗް ސަރަހައްދުގެ އެއްބައި މިއަދު ސާފުުކުރި އިރު 500 ކިލޯގެ ކުނި ނެގެނުކަމަށެވެ. މި ހަރަކާތުގައި މުވައްޒަފުންގެ ބައިވެރިވުން ވަރަށް ފުރިހަމައަށް ލިބުނުކަން ސައީދު ފާހަގަކުރެއްވިއެވެ.

މި ދެސަރަހައްދުން ޖުމްލަ 755 ކިލޯގެ ކުނި ނަގާފައިވެއެވެ. މީގެ ތެރެއިން 75 ކިލޯގެ ޕްލާސްޓިކް ވަނީ ރީސައިކަލް ކުރުމަށް ޕާރލޭއާ ހަވާލުކޮށްފައެވެ.

މި ހަރަކާތުގައި ބީއެމްއެލްގެ 80އަށްވުރެ ގިނަ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. މިދިޔަ އަހަރުވެސް އަތޮޅުތެރޭަގައި މަސައްކަތް ކުރާ މުވައްޒަފުންވަނީ މިދުވަހާ ގުޅުވައިގެން ވ. ފެލިދޫ، ލ. ފޮނަދޫ އަދި ހދ. ކުޅުދުއްފުށީގައި ހަރަކާތްތަކެއް ހިންގާފައެވެ.