ކުރިއަށް އޮތް ރަމަޟާން މަހުގައި އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީވުމަށް މޮމްސް ޖަމިއްޔާއިން ހިންގާ "ހެލްޕް އަ ފެމިލީ" ޕްރޮގްރާމް އަށް ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފުން އަސާސީ ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މި އެހީތެރިކަމާއެކު މޮމްސްގެ ފަރާތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އަސާސީ ބޭނުންތައް ފުއްދުމަށް ދަތި 100 އާއިލާއަކަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ އަމާޒަށް ވާސިލްވުމަށް އެހީތެރިވެވިގެންދާނެކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްއިން ބުނީ، ދިރިއުޅުމުގައި އެކި ދަތިތަކާ ކުރިމަތިވެފައިވާ އާއިލާތަކުގެ ދިރިއުޅުމަށް ހެޔޮ ބަދަލު ގެނައުމަށް މުވައްޒަފުންގެ ފަރާތުން ވަރަށް ދީލަތި އެހީތަކެއް ލިބިފައިވާކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފުންގެ އެހީއާއި ގުޅޭގޮތުން މޮމްސް ޖަމިއްޔާއިން ބުނީ، މި އެހީއާއެކު އާއިލާތަކާއި މުޖުތަމައަށް ހެޔޮ ބަދަލު ގެނައުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިގެންދާނެކަމަށެވެ.

ބީއެމްއެލް އިން 2021 ވަނަ އަހަރު އެހީތެރިކަމަށް ބޭނުންވެފައިވާ އާއިލާތަކަށް ރަމަޟާން މަހު އެހީތެރިވުމަށް އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އަށް ވަނީ 100،000 ރުފިޔާ ހަދިޔާކޮށްފައެވެ. އަދި 2020 ވަނަ އަހަރުވެސް ބޭންކުން ވަނީ ކޮވިޑްގެ ސަބަބުން އެހީއަށް ބޭނުންވާ ކުދިންނަށް އެހީތެރިވުމަށް އާކް އެއިޑް ޕްރޮގްރާމަށް 200،000 ރުފިޔާ ހަދިޔާކޮށްފައެވެ.

މި އެހީގެ ދަށުން ރާއްޖޭގެ 14 ރަށެއްގައި ދިރިއުޅޭ 300 އާއިލާއެއްގެ 500 ކުދިންނަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.